ސިޔާމްގެ ޚާއްސަ އެޑްވައިޒަރަކަށް މައުރޫފް

އެމްޑީއޭއިން މިއަދު ބޭއްވި އެ ޕާޓީގެ މިއަހަރުގެ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ޚާއްސަ އެޑްވައިޒަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް އައްޔަންކޮށްފިއެވެ.

ސިޔާމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި މައުރޫފް އައްޔަންކޮށްފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި މިއަހަރުގެ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.

އެ ޖަލްސާގައި، ސިޔާމްގެ ހުށަހެޅުއްވުމަށް، އެ ޕާޓީން ހުސްވެފައިވާ ނައިބު ރައީސްގެ ދެ މަގާމަށް ވެސް ބޭފުޅުން އައްޔަންކުރިއެވެ. އެގޮތުން ސިޔާމް ހުށަހެޅުއްވީ ނައިބު ރައީސް ކަމަށް، ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ހުސައިން ސާލިމް މުހައްމަދުގެ ނަމެވެ.

އެމްޑީއޭއިން މިއަދު ބޭއްވި އެ ޕާޓީގެ މިއަހަރުގެ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ދެ ބޭފުޅުން ނައިބު ރައީސްކަމަށް އައްޔަންކުރަން، ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކުރި މައުރޫފަކީ ޕާޓީގެ ކަންކަމުގައި ތެދުވެރި ބޭފުޅެއް ކަމަށެވެ. އަދި ޕާޓީގެ ކަންކަމުގައި މައުރޫފް އިޚްލާސްތެރި ކަމާއެކު 12 އަހަރު ޚިދުމަތް ކޮށްދެއްވާފައި ވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީއޭއަކީ މިހާރު ރާއްޖޭގައި ހަތަރުވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

comment ކޮމެންޓް