ދުރުގައި ވާން ނޭދުނަސް ހިތް... 23

"ދަރި ފުލުހުންނާ ހަވާލުކުރާކަށް ޖެހިލުމެއް ނުވޭ…" އިޝްފާން މަލާމާތް އެކުލެވޭ ފަދަ ގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ. ފަތުޙީ އޭނާއަށް ބަލާލުމާއެކު، އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ކިހިނެއްވީ؟ ގޯސް އެއްޗެއްތަ މަށަށް މި ބުނެވުނީ. އަދި މަަށާ ދިމާލަށް ލޯ އެޅުމަކުން ހަޤީގަތް ބަދަލެއް ނުވާނެ." ފަތުޙީއާ ދިމާލަށް އޭނާގެ ހިތުގައި ވީ ހާއެއްޗެއް ބަންޑުންކުރަމުން އިޝްފާން ދިޔައީ އެކަމުން އޭނާގެ ހިތަށް ލުއިކަމެއް ލިބެމުން ދިޔައީތީއެވެ. އެތައް ދުވަހެއްގެ ޝަކުވާތައް ފުނިޖެހި ބަންޑުންވަމުން ދިޔައީ ރުޅިވެރިކަމާއި ނަފްރަތުގެ ސިފައިގައެވެ. އިޝްފާންގެ އެ ޖެހިލުންކުޑަކަމަކީ ފަތުޙީއަށް އާކަމެއް ނޫނަސް، މިރޭ އޭނާއަށް އެ އަޑުން އެހެން އިޙްސާސްއެއް ކުރުވިއެވެ. އިޝްފާންގެ ހިތުގައި އޭނާއާ މެދު އުފެދިފައިވާ ނަފްރަތުގެ ބޮޑުކަން ފުރަތަމަ ފަހަރަށް އޭނާއަށް އަންދާޒާކޮށްލެވުނެވެ.

އިޝްފާންގެ ވާހަކަތަކަށް ރައްދު ނުދީ ވޭތޯ ފަތުޙީ މަސައްކަތްކުރިއެވެ. މިހާރުވެސް ކުރިމަތިވެފައިވާ މުސީބާތް ކުޑައެއް ނޫންވިއްޔާއެވެ.

އޭގެ ދިހަ ވަރަކަށް މިނެޓް ފަހުން، ފަތުޙީގެ ފޯނު ރިންގްވިއެެވެ. އޭނާ ފޯނު ނަގާ ބަލާލީ އަވަސްވެފައިވާ ހިތަކައިގެންނެވެ. ސްކްރީނަށް އަރާފައިވަނީ އާމިރުގެ ނަމެވެ. ނިކަން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އޭނާ ވާހަކަ ދެއްކިއެވެ.

"ހަލޯ އާމިރު… އައިތަ؟" ފަތުޙީގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ. ހަމައެއާއެކު އެ އަޑުގައިވެސް ވަނީ ހާސްކަމެވެ.

"އާނ. އަހަރެން މިހުރީ ތި ބުނި ހިސާބުގަ. ކޮންތާކަށް ދާންވީ؟" އާމިރު ސުވާލުކޮށްލުމާއެކު، ފަތުޙީ އަންނަންވީތަން އާމިރަށް އޮޅުން ފިލުވައިދިނެވެ. އާއެކޭ ބުނެ އާމިރު ފޯނު ބޭއްވުމުން ފަތުޙީ ސޯފާއިން ތެދުވެގެން ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އޭރު އިޝްފާން އެއްފަރާތު ފާރުގަައި ލެނގިލައިގެން ފަތުޙީގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެހާ ސިއްރުން ފަތުޙީ އެ މީހަކު އެ ގެނައީ މި ކަންތައް ފޮރުވަންހެން އިޝްފާންއަށް ހީވިއެވެ.

ފަތުޙީ ދޮރު ހުޅުވާލީ އާމިރު އެ ހިސާބަށް އެރުމާއެކުގައެވެ. އޭނާ ކުޑަކުޑަކޮށް ދޮރު ހުޅުވާލާފައި އާމިރު ވަންނަން ތަން ދެއްކިއެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު އާމިރަށް ސިހުން ލިބުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާއަށް ބަލައިލެވުނީ ފަތުޙީއަށެވެ.

"ފަތުޙީ… މީ ކޮންކަމެއް؟" އާމިރަށް ސުވާލުގެ ނަޒަރަކުން އިޝްފާންއަށް ވެސް ބަލާލެވުނެވެ. އިޝްފާންގެ މުޅިގައިގައި ހޭކިފައިވާ ލޭތެއް ފެނި، ހިތުގައި ޝައްކު އުފެދުނު އާމިރު ޖަވާބު ބޭނުންވާ ފަދަ ނަޒަރެއް ފަތުޙީއަށް ދިނެވެ.

"ފަތުޙީ ތިއުޅެނީ މިކަންތައް…" އާމިރަށް އެ ހިސާބަށް ބުނެފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އާމިރު، ނެތްތަ އިތުރު ގޮތެއް؟ އަހަރެންގެ މުޅި އާއިލާ ބަދުނާމުވާނެ…" ފަތުޙީއަށް ބުނެވުނެވެ.

"އެކަމަކު މިވަރުކަމެއް ކިހިނެއް އަހަރެމެން ކުރާނީ؟" އާމިރަށް ބުނެވުނެވެ. އޭނާއަށް އިޝްފާންއަށް ވެސް ބަލާލެވުނެވެ. މިވަރު ބޮޑުކަމެއް އޭނަ ސިއްރުކުރާނީވެސް ކިހިނަކުން ހެއްޔެވެ؟

"ދެން މަ ހައްޔަރުކޮށްބަލަ. ނިމުނީނު. މަ ނޫޅެމޭ އެއްބަސްނުވާކަށް. މަށަށް ރަނގަޅީވެސް މައްސަލަ ބެލިއްޔާ…" އިޝްފާން އާމިރަށް ޖަވާބު ދިނެެވެ.

"މީ އިޝްފާން ގަސްތުގަ ކުރިކަމެއްތަ؟" އާމިރަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. އިޝްފާން ޖަހާލީ ހިނިގަނޑެކެވެ.

"އާމިރު. އޭނަ ގަސްތުގަ ކުރިކަމެއް ހެނެއް ހިޔެއް ނުވޭ. ހަމަ ހޭގައެއްވެސް ނޫން އެހުރީ…" ފަތުޙީ ބުންޏެވެ.

"އެހެންވިޔަސް އަހަންނަށް މިކަން ފަތުޙީ ބޭނުންގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ. އޭނަ އެއްބަސް އެބަ ވޭ އަމިއްލައަށް ކުރިކަމެއްކަމަށް. އެހެންވިއްޔާ އަހަރެމެންނަށް ޖެހޭނީ އޭނަ ހައްޔަރުކުރަން." އާމިރު ބުންޏެވެ.

"އާމިރު… ވާފިރު މަރާލީ ސީދާ ކާކުކަން ނޭނގޭގޮތަށް މައްސަލަ ނުނިންމޭނެތަ؟ ތުހުމަތަށް އިޝްފާން ހައްޔަރުކުރިނަމަވެސް، މީޑިއާއަށް އެ މައުލޫމާތު ނުލިބޭގޮތަށް. މިބުނީ ތުހުމަތު ކުރެވެނީ ސީދާ ކާކަށްކަން ނޭނގޭ ގޮތަށް. އޭނަ މަރާލާފަ އޮތްތަން އެންމެ ފުރަތަމަ ފެނުނީ އަހަންނަށް. އެގޮތް ރަނގަޅުވާނެތަ؟ އަހަރެން ބަޔާން ދޭން ތައްޔާރު." ފަތުޙީ ބުންޏެވެ.

"އިޝްފާން އެއްބަސް ނުވަންޏާ ހެކިތަކަށް ބަލާފަ އަހަރެމެންނަށް އޭނަ ހައްޔަރުކުރެވިދާނެ ތުހުމަތުވާ ފަރާތެއްގޮތަށް. ތަހުޤީޤީ މަރުހަލާގައި އިޝްފާންގެ މައްޗަށް ކުށް ސާބިތު ނުވާނަމަ އޭނަ މިނިވަންވާނެ." އާމިރު ބުނެލިއެވެ.

"އަހަރެން ބޭނުންވަނީ، އެކަކަށްވެސް ނޭނގޭ ގޮތަށް އަޑިއަޑިން މައްސަލަ ކުރިއަށް ގެންދަން. އިންތިހާބު މިހާ ކައިރިވެފަ އޮއްވާ މިކަހަލަ ކަމެއް ވީމަ، އެކަމުގެ ނޭދެވޭ އަސަރު ކުރާނެ. އާމިރަށްވެސް އެނގޭނެ މިހާރު ތި މަޤާމުގައި އާމިރު ހުންނައިރުވެސް ކުރިމަތިވާ ގޮންޖެހުންތައް. އިދިކޮޅު މީހުން އަަބަދުވެސް ތިބޭނީ ކަމެއް ނުފެނިފަ." ފަތުޙީ ނިތުގައި އަތް ހިންގާލިއެވެ. އޭނާގެ މުޅި ދިރިއުޅުން ވެއްޔާ މޮޑެވޭތަން ބަލަން ހުރެވޭނީވެސް ކިހިނަކުންހެއްޔެވެ؟ މީ އޭނާގެ އުމުރު ދުވަހުގެ މަސައްކަތެވެ.

"އެކަމަކު އަހަރެން ޖެހޭނެ އަހަރެންގެ ޓީމެއް މިތަނަށް ގެންދަން. މައްސަލަ އަޑި އަޑިން ކުރިއަށް ގެންދެވިދާނެ. އެކަމަށް އަހަރެން ފަތުޙީއަށް އެހީތެރިކަން ދޭނަން. މީ ވަރަށް ވިސްނައިގެން ކުރިއަށް ގެންދަން ޖެހޭ ކަމެއް.. މި ސަރުކާރުގެ އިސްވެރިން ފަތުޙީއާ ވަރަށް ދެކޮޅު. އަހަންނަށްވެސް އެހީތެރިވެވޭނީ ވަކި ވަރަކަށް. އިޝްފާން އެއްބަސްވަންޏާ ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ." އާމިރު ބުންޏެވެ.

"އަހަރެން ހައްޔަރުކޮށްބަލަ." އިޝްފާން އޭނާގެ މޭގައި އަތް އަޅާފައި ބުނެލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލިތަނާ އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ފާރުގެ އެހީ ހޯދާލުމާއެކު، އޭނާ އެތަނުގައި އިށީނދެލިއެވެ. ލަސްތަކެއްނުވެ ލޯ މެރެމުން ދިޔަ އިޝްފާންގެ އިސްޖެހިގެން ދިޔައެވެ.

އާމިރު އޭނާގެ ޚާއްސަ އިސްޓީމެއް ގެނެސްގެން ވާފިރުގެ ހަށިގަނޑު އެތަނުން ނެރުނެވެ. އަދި ބަޔާން ނެގުމަށްޓަކާ ފަތުޙީއާ އިޝްފާންވެސް ފުލުހުންގެ އިދާރާއަށް ގެންދިޔައެވެ. ފަތުޙީ އޭނާގެ ބަޔާން ދިނެވެ. އޭނާ އެތަނަށް ދިޔައިރުވެސް، ވާފިރު މަރުވެފައިވާކަމަށެވެ. އިޝްފާން ހަމަހޭގައި ނެތުމުން އެމީހުންނަށް އިޝްފާންގެ ބަޔާން ނެގޭ ގޮތެއް ނުވިއެވެ.

އިޝްފާން ހަމައަކަށް އެޅުމުން އެމީހުން ބަޔާން ނަގަން އުޅުމުންވެސް އިޝްފާން އެކަމަށް އެއްބަހެއް ނުވިއެވެ.

"އަހަރެން ބަޔާން ދިނަސް، ކަލޭމެން އިސްކުރާނީ ފަތުޙީގެ ބަޔާން. އަހަރެން ހުރީ ހަމަހޭގައި ނޫންކަމަށް ވީމަ. އެހެންވީމަ ކީއްކުރަން ދޭ ބަޔާނެއް." އާމިރަށް ބަލާލާފައި އިޝްފާން ބުނެލިއެވެ.

"އަހަރެމެން އިޝްފާން ހައްޔަރު މިކުރަނީ ތުހުމަތު ކުރެވޭ ފަރާތެއްގެ ގޮތުގައި. އެއްބަސް…." އާމިރު އޮޅުން ފިލުވައިދޭން މަސައްކަތްކުރިނަމަވެސް، އިޝްފާން އޭނާގެ ޖުމްލަ މެދު ކަނޑާލިއެވެ.

"މަ ގެންދެބަލަ ޖަލަށް. އަދި ނޫސްތަކުގަވެސް ޖަހާލަދޭތި." އިޝްފާން ހިނިގަނޑެއް ޖަހާލިއެވެ.

އާމިރު ނުކުމެ ފަތުޙީގެ ކައިރީގައި އެ ވާހަކަ ހިއްސާކޮށްލުމުން އޭނާ އެތެރެއަށް ވަނެވެ.

"ކަލޭ ތިއުޅެނީ އަމިއްލައަށް ބޭޒާރުވާނެ ގޮތެއް ނޭނގިގެންތަ؟" ފަތުޙީ ހަޅޭއްލަވައިގަތެވެ.

"މަ އެއްބަސްވާތީ އެކަމާ ބިރުގަންނަނީތަ؟ އެންމެނަށް މިކަން ފަޅާއަރާފާނެތީ؟ ނޫނީ އެއްބަސް ނުވާންވީތަ؟" އިޝްފާން ހިނިގަނޑެއް ޖަހާލިއެވެ.

"އޯކޭ…. އާނނ… އެއްބަސް ނުވާންވީ ދޯ. " އިޝްފާން ބުނެލިއެވެ. "މައްސަލައެއް ނެތް. އެކަމަކު ފަހުން ވާ އެެއްވެސް ކަމަކަށް މަށެއް ޒިންމާއެއް ނުނަގާނަން."

"ތިބުނީ…" ފަތުޙީއަށް އިޝްފާން އެ ބުނި ވާހަކައެއްގެ މާނަ ދޭހައެއް ނުވިއެވެ.

"ފަހުން އިނގޭނެ." އިޝްފާންއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ފަތުޙީ ތަޅުވާލެވުމުން އޭނާއަށް ބަޔާންކުރަން ދަތި އުފަލެއް ލިބޭ ފަދައެވެ. ފަތުޙީ އެތަނުން ނުކުތީ ރުޅިއައިސް ރަތްވެފައިވާ ޙާލުގައެވެ. އޭނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ އާމިރު އަތުވެއްޖެއެވެ.

"އިޝްފާން ބަޔާން ދޭން ތައްޔާރުތަ؟" އާމިރު ސުވާލުކޮށްލިއެވެ.

"އޭނަގެ ބަޔާން ނުލާ މިކަންތައް ކުރެވޭނެ ގޮތެއް ނެތްތަ؟ " ފަތުޙީ ސުވާލުކޮށްލިއެވެ.

"މިތަނަށް ގެނައި ފަހުންވެސް އޭނަ އެންމެންގެ ތެރޭގައި އެއްބަސްވި އޭނަ ކުރިކަމެއްކަމަށް. އެހެންވީމަ ބަޔާން ނަގަން ޖެހޭނެ. ކިތަންމެ ސިއްރުން ކުރިނަމަވެސް، އަހަންނަށްވެސް ބާރު ނުފޯރުވޭ ކަންތައްތައް ހުންނާނެ. ފަތުޙީއަށް މިކަން އެނގެން ޖެހޭނެ. " އާމިރު ބުންޏެވެ.

"ދެން އިތުރު ގޮތެއް ނެތްތަ؟" ފަތުޙީ ހުރީ ހާސްވެފައެވެ.

"އަހަންނަށް ކޮށްދެވޭނެ ހުރިހާކަމެއް ކުރަމުން މިދަނީ. އިތުރު ކަމެއް ފަތުޙީ ބޭނުންވަންޏާ އަދިވެސް އެބައޮތް ގޮތެއް." އާމިރު ފަތުޙީއަށް ފުން ނަޒަރެއް ދިނެވެ.

"އެއީ… ކޮން ގޮތެއް؟" ފަތުޙީގެ ހިތްވަނީ އަވަސްވެފައެވެ.

"މިނިސްޓަރ…" އާމިރުގެ އެ ޖުމްލައާއެކު ފަތުޙީއަށް ދެބުމަ ގާތްކޮށްލެވުނެވެ.

"މިނިސްޓަރ އޭ…" އޭނާއަށް ހައިރާންކަމާއެކު އެހެން ބުނެވުނީ މިނިސްޓަރަކީ އެ މީހުންނާ ވަރަށް ދެކޮޅު މީހަކަށް ވާތީއެވެ.

"އާނ. މީ ވަރަށް މަދު ބަޔަކަށް ނޫނީ ނޭނގޭނެ ކަމެއް. އަހަންނަށްވެސް އެނގުނީ މިނިސްޓަރުގެ ދަރިއަކާ އަހަރެންގެ އާއިލާގެ މީހަކު އިނދެގެން އުޅޭތީ. އޭނަ މިހާރު ތައްޔާރުވަމުން ދަނީ އިދިކޮޅަށް ދާން ވެގެން. މިބުނީ ފަތުޙީމެންނާ ގުޅެންވެގެން. ވަރަށް އަވަހަށް އެކަންތައް އިއުލާން ކުރާނެ. އެކަންތައް އޭނަ ސިއްރުކުރިޔަސް އިންތިހާބު ކައިރިވީމަ އިސްތިއުފާ ދޭ ގޮތަށް އޮތީ މިހާރުވެސް." އާމިރު އޭނާއަށް އެނގޭ މިންވަރަށް އޮޅުން ފިލުވައިދިނެވެ.

"އޭނަ ނަންބަރު ހޯދައިދީބަލަ." ފަތުޙީ އެދުނެވެ. އާއެކޭ ބުނެ މީހަކަށް ގުޅާލަމުން އާމިރު ދުރަށް ޖެހިލި ވަގުތު މަދީހާގެ ފޯނު ކޯލެއް ފަތުޙީއަށްއައެވެ.

ފަތުޙީ.. ކޮންތާކު؟" އޭހާ ލަސްވީއިރު ވެސް ފަތުޙީ ގެއަށް ނާންނާނީ މަދީހާ ހުރީ ކަންބޮޑުވެފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފަތުޙީ އެދުނީ ސަވާވެސް ގޮވައިގެން ފުލުހުންގެ އިދާރާއަށް އައުމަށެވެ. މަދީހާ ހާސްވެގެން އެތައް ހާސް ސުވާލެއް އެއްފަރާ ކޮށްލިއެވެ. ފަތުޙީ ބުނީ އައުމުން ހުރިހާ ސުވާލަކަށް ޖަވާބު ދޭނެކަމަށެވެ.

ފަތުޙީ އެހެން ބުނިހާ މާ ގިނަ އިރުތަކެއްނުވެ މަދީހާއާއި ސަވާއާ ދެމީހުން އަތުވެއްޖެއެވެ. ފަތުޙީ ވެގެން އުޅޭ ގޮތް އެ ދެމީހުންނަށް އޮޅުން ފިލުވައިދިނީ އާމިރުގެވެސް އެހީތެރިކަމާއެކުގައެވެ. ސަވާއާއި މަދީހާއަށް ލިބުނީ ޝޮކެކެވެ. މަދީހާގެ ދެލޮލުން ކަރުނަ ފާއްދާލިއިރު ސަވާވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. އޭނާގެ ގައިން ވަނީ ވަރު ދޫވެފައެވެ. ހަމައެއާއެކު، ކަރުނައިގެ ސައިލެއް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފެށިއެވެ. އޭނާ ބޭނުންވީ އިޝްފާން އާ ބައްދަލުކުރަން ނަމަވެސް، އެ ފުސަތެއް ފުލުހުންނެއް ނުދިނެވެ. އެކަމުން ވަކިން ސަވާއަށް ލިބުނު ހިތާމަ އިތުރުވިއެވެ. އިޝްފާން އެފަދަ ކަމެއް އެކުރީ އޭނާގެ ސަބަބުން ހެއްޔެވެ؟ އޭނާގެ ހިތާމަތައް ބަލަން ކެތް ނުކުރެވިގެން ހެއްޔެވެ؟ މިއީ އޭނާގެ ސަބަބުން ވީ ކަމެއް ހެއްޔެވެ؟ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ސަވާގެ ހިތް ހީވީ ވިރިގެންދާހެންނެވެ. އަމިއްލަ ނަފްސު ހީވަނީ ކުދިކުދި ވެދާނެހެންނެވެ.

"މީ އަހަރެންގެ ކުށް…" ސަވާއަށް އެންމެ ފަހުން ބުނެވުނެވެ.

"ނޫނޭ ދަރިފުޅާ. ތިހެން ނުބުނޭ!" މަދީހާ ސަވާއަށް ހިތްވަރު ދިންއިރު، އެއްޗެއް ނުބުނަނީ ފަތުޙީއެވެ.

"ފަތުޙީ. ނަންބަރު ލިބިއްޖެ!" އިރުކޮޅަކުން، އާމިރު އަތުވެއްޖެއެވެ. އޭނާ ފަތުޙީއަށް ފޯނު ނަންބަރު ދިނުމުން ފަތުޙީ ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާ މިނިސްޓަރަށް ގުޅާލިއެވެ. ފަތުޙީއާ ބައްދަލުކުރަން މިނިސްޓަރ އެއްބަސްވިއެވެ. މިނިސްޓަރާ ބައްދަލުކުރުމުން އޭނާ ފަތުޙީއަށް އާބަސް ދިނީ ދެން އަންނަ މަޖިލީހުގެ އިންތިހާބަށް ވާދަކުރާއިރު ފައިސާގެ އެހީ ދޭނެކަމުގެ ޝަރުތާއެކުގައެވެ. ހަމައެއާއެކު ފަތުޙީ ބޭނުން ގޮތަކަށް މައްސަލައިގައި ކުރިއަށް ދެވޭނެކަމުގެ ޔަޤީންކަން ވެސް ދިނެވެ.

އެހިތްހަމަޖެހުމާއެކު، ފަތުޙީ އެނބުރި ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. އަދި އޭނާ އިޝްފާންއާ ބައްދަލުކުރުމަށް އާމިރު ގާތުގައި އެދުނެވެ. އިޝްފާން ބަހައްޓާފައިވާ ކުޑަ ކޮޓަރިއާ ދިމާލަށް ހިނގަމުން ދިޔަ ފަތުޙީ ދިޔައީ އިޝްފާން ބުނި ވާހަކައާ މެދު ވިސްނަމުންނެވެ. އިޝްފާން މިނިވަންކަމާއެކު ދޫކޮށްލައިފި ނަމަ އޭނާއަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ފަހުން ވާކަމަކަށް ޒިންމާ ނުނަގާނަމޭ އެބުނީ ކީއްވެހެއްޔެވެ؟ ހާސްވެފައި ހުރި ފަތުޙީ ސިކުނޑިއަށް ބާރުލަމުން ދިޔައެވެ. ކުއްލިއަކަށް ސިކުނޑީގެ ދޮރުފަތުގައި ޓަކި ޖަހާލި ޚިޔާލާއެކު އޭނާއަށް ދެބުމަ ގާތްކޮށްލެވުނެވެ.

އިޝްފާން ބައިންދާފައި އިން ކޮޓަރިގަނޑަށް ފަތުޙީ ވަނުމުން އާމިރު ދިޔައެވެ.

"މިހާރު ކީކުރަން ތިއައީ؟ މި ތަނުން ދެވޭނެ ގޮތެއް ނެތްތަ؟" ހީނލަމުން އިޝްފާން ބުނެލިއެވެ. އިޝްފާންއަށް ބަލާލަމުން ދެން ފަތުޙީ ބުނެލި ވާހަކައާއެކު، އިޝްފާން އެއް މިޔަލަށް ހީނލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު