ސަން ސިޔާމްގެ ވިލުރީފް ރިސޯޓުގައި ކުލަ ގަދަކޮން އޮލިންްޕިކް ޑޭ ފާހަގަކޮށްފިއެވެ.
އެ ރިސޯޓުން ބުނީ މިއަހަރުގެ އޮލިންޕިކް ޑޭ ފާހަގަކޮށްފައި ވަނީ ދ. ބަނޑިދޫ ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
އެގޮތުން ބަނޑިދޫ ކައުންސިލާއި ފުލުހުންނާއި ފެނަކައިގެ އިތުރުން އެ ރަށުގެ ސްކޫލާއި ހެލްތު ސެންޓަރާއި މެޖިސްޓްރޭޓް ކޯޓް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މި ހަރަކާތުގައި ބައިވެރިވެފައި ވާކަން އެ ރިސޯޓުން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
ވިލުރީފް ރިސޯޓުން ބުނީ އޮލިންޕިކް ޑޭގެ ހަރަކާތްތައް އެ ރިސޯޓުގައި ފަށާފައި ވަނީ ހެނދުނު ހަގަޑި ސުންމިނެޓުގައި ކަމަށެވެ. އެގޮތުން ދުވަހުގެ ދަންމަރު ރޯކުރުމަށްފަހު އޮލިންޕިކް ޑޭގެ ރަން ބާއްވާފައިވާކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.
ހެނދުނު ބޭއްވި މި ދުވުމުގައި ބަނޑިދޫގެ މުއައްސަސާތަކާއި ރިސޯޓުގެ މެނޭޖްމެންޓާއި މުއައްޒަފުންނާއެކު 85 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ވިލުރީފް ރިސޯޓުން ވަނީ ބުނެފައެވެ.
އެ ރިސޯޓުން ބުނީ ދުވަހާ ގުޅިހެން ހަވީރުގެ ކުޅިވަރުތައް ބާއްވާފައި ވަނީ ކުޑަ ކުދީންނަށް އަމާޒުކޮށްގެން ކަމުގައެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި މޫދުގެ ކުޅިވަރުތަކާއި ފެތުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެރިސޯޓުން ވަނީ ބުނެފައެވެ.
އަދި ބޭއްވުނު މި ކުޅިވަރުތަކުން ވަަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ މެޑެލް ހަވާލުކުރެވިފައެވެ.
ހަވީރު ބޭއްވުނު ހަރަކާތްކުގައި ބަނޑިދޫ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި ރިސޯޓުގެ މެނޭޖުމެންޓާއި ސްޓާފުންނާއެކު ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.