ދުރުގައި ވާން ނޭދުނަސް ހިތް... 22

އެވަގުތު އެތަނަށް ވަދެގެން އައި މީހަކު އޭނާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލުމާއެކު އިޝްފާން ދެބުމަ ގޮށް ޖަހާލަމުން ތެދުވިއެވެ.

ގޮށް މުށް ކަވާލާފައިވާ އަތާއި އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން އޭނާ އެ ހުރީ އިންތިހާއަށް ރުޅިއައިސްފައިކަން އެނގެއެވެ.

"އަހަރެން އެ ޖާހިލު ކަލޭގެ މަރާލާނަން." ސިކުނޑީގެ ތެރޭގައި ސަވާގެ ޚިޔާލުތައް އެނބުރެމުން ދިޔަ އިޝްފާން އެހެން ބުނެލިއިރު އޭނާގެ އަޑުގައިވަނީ ނުރައްކާތެރި އަސަރެކެވެ. ދެލޮލުން ފެނުނު ވިދުވަރުގެ ސަބަބުން އޭނާގެ ކައިރީގައި ހުރި ޒުވާނާވެސް ޖެހިލުންވާގޮތްވިއެވެ. އެއީ މީގެ ކުރިން އޭނާއަށްވެސް އިޝްފާންގެ ކިބައިން ފެނުނު އަސަރެއް ނޫނެވެ. އެ ދެލޮލުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމެވެ.

"އޭތް. ބްރޯ. ކައެ ކީކުރަން ތިއުޅެނީ؟" އިޝްފާން ހިނގައިގަތުމުން އެ ޒުވާނާ ސުވާލުކޮށްލިއެވެ.

"ކިހިނެއްވީ ކައެ މަށާ އެކު ދާންވީތަ؟" ފަސް އެނބުރިލާފައި އިޝްފާން ބުނެލިއެވެ.

"ކައެ ދޭ. މަށެއް ނޫޅެން. ކައެ ތިކުރަން އުޅޭ ކަމެއް މައެ އަކަށް ނޭނގެ." އެ ޒުވާނާ އެހެން ބުނެލާފައި ގޮސް ނަށަން ތިބި މީހުންގެ ތެރެއަށް ވަދެއްޖެއެވެ. ކިތަންމެ ވިޔާނުދާކޮށް އުޅުނެއްކަމަކު މީހަކު މަރާލުމަކީ އޭނާއަށް ވާނެކަމެއް ނޫނެވެ.

އެތަނުން ނުކުމެގެން އިޝްފާން ގޮސް އޭނާގެ ސައިކަލަށް އެރިއިރު، ދެލޮލަށް ކޮންމެވެސް ވަރަކަށް ފުސްވިއެވެ. އެ ކުރަނީ ދެންމެ އޭނާ ބޭނުންކުރި ޑްރަގްގެ އަސަރުކަން އޭނާއަށް އެނގުނެވެ. ދެފަހަރަކު ލޯ މަރާފައި ހުޅުވާލުމާއެކު، މީހާ ހަމައަކަށް އެޅިލިއެވެ. ސައިކަލު ސްޓާރޓްކޮށްލަމުން އިޝްފާން ވާފިރު އުޅޭ އެޕާރޓްމެންޓަށް ދިޔުމަށް ދުއްވާލިއެވެ. އާދައިގެ ވަރަށް ވުރެ ބާރަށް ސައިކަލު ދުއްވާފައި އޭނާ ގޮސް ހެންވޭރު ދަނޑުކައިރިއަށް މަޑުކޮށްލިއެވެ.

ސައިކަލުުން ފޭބުމަށްފަހު، ގޮސް އެތަނުގައި ހުރި ގޯޅިގަނޑަކަށް އިޝްފާން ވަނެވެ. ފަސް ފަންގިފިލާއަށް ނަގާފައިވާ ގެއެއްގެ ކައިރިއަށް މަޑުކޮށްލާފައި އޭނާ ގޭގެ ނަމަށް ބަލާލިއެވެ. ކިޔަނީ ފެހި ވާދީއެވެ. އެހެން ހުރެލާފައި އޭނާ ޖީބަށް އަތް ލިޔެވެ. އެއްޗެއް އޮތްތޯ ޔަޤީންކުރާ ފަދައަކުންނެވެ. އެއަށްފަހު، ގޮސް އެގެއަށް ވަނެވެ. ލޮކް ސިސްޓަމް ހަރުނުކޮށް ހުރިކަމީ ނަސީބެކެވެ. އެގެއަށް ވަނުމަކީ އެހާ އުނދަގޫކަމަކަށް އޭނާއަކަށް ނުވިއެވެ. އެތެރެއަށް ވަނުމަށްފަހު، ސިޑިން ތިންވަނަ ފަންގިފިލާއަށް އެރުމަށްފަހު، އޭނާ ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. ފުރަތަމަ ފަހަރު ދޮރެއް ނުހުޅުވިއެވެ. ދެވަނަ ފަހަރަށްވެސް އިޝްފާން ޓަކި ޖަހާލިއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ވާފިރު ހީކުރީ އެ އައީ އޭނާ އިންތިޒާރުކުރަމުން ދިޔަ މީހާކަމަށެވެ. އެހެންކަމުން އެނދުން ތެދުވެގެން ކޮޓަރިން ނުކުމެގެން ގޮސް ދޮރު ހުޅުވާލީ އިތުރު ވިސްނުމަކާ ނުލައެވެ.

"އެލީ…" ދޮރު ހުޅުވާލި ގޮތަށް ވާހަކަ ދެއްކި ވާފިރށް ސިހުން ލިބުނީ އިޝްފާން ފެނުމުންނެވެ. އޭނާ ހީކުރީ އެއީ މިރެއަށް އޭނާ ޚާއްސަކޮށްފައިވާ އަންހެން ކުއްޖާ އެލީޝާ ކަމަށެވެ. އެކަމަކު މިވީ ކިހިނަކުން ހެއްޔެވެ؟ އެގޮތަށް އިޝްފާން ފެނުމާއި އޭނާގެ މޫނުމަތީގައިވި ޖެހިލުން ކުޑަކަމާއި ފެންނަމުން ދިޔަ ނުރައްކާތެރި ވިދުވަރުން ވާފިރު ޖެހިލުންވާގޮތްވިއެވެ. ހިތުގައި އުފެދުނު ނުތަނަވަސްކަން އެއްފަރާތްކޮށްލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރަމުން ދިޔައީ އެ އަސަރުތައް އިޝްފާންއަށް ފޮރުވަން ބޭނުންވެފައިވާތީއެވެ.

"ކީކުރަން ތިއައީ؟" ވާފިރު ހުރީ ހަމަ ރަނގަޅަށްވެސް ޖެހިލުންވެފައިކަން އެ އަޑުން އިޝްފާންއަށް ފާހަގަވިއެވެ.

"ހާދަ ފިޑިއޭ ދޯ." ވާފިރަށް ވެފައި ހުރި ގޮތުން އިޝްފާންގެ ތުންފަތްމައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. "އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟"

"ކަލޭ ކީކުރަންހޭ ތިއައީ؟" އެހެން ބުނެލާފައި ވާފިރު އުޅުނީ އިޝްފާންގެ މޫނުމައްޗަށް ދޮރުޖަހާށެވެ. އިޝްފާން ކުރިން ދުވަހު އޭނާއަށް ކޮށްލިވަރު ހަނދާންވެފައި އެތަނަށް ރަނގަޅު މަޤްސަދެއްގައި ނާންނާނެކަން އެނގޭތީ އޭނާ ހުރީ ހަމަ ހަޤީގަތުގައިވެސް ޖެހިލުންވެފައެވެ.

"އުހުމް… ކީކުރަން ތިއުޅެނީ. ފަތުޙީ އަށް ގުޅަން. އޭނަ އަންނާނެކަމަށްތަ ކަލޭ ސަލާމަތްކުރަން؟" ދޮރު ލެއްޕިޔަ ނުދީ އެތެރެއަށް ދޮރު ކޮށްޕާލަމުން އިޝްފާން ބުނެލިއެވެ. އޭނާ ދޮރު ތަޅުލާފައި ވާފިރަށް ބަލާލިއެވެ.

"ދޭ…" ވާފިރަށް ބުނެވުނެވެ.

"ބިރުގަނޭތަ؟ މަ ހީކުރި ވަރު ފިރިހެނަކަށް ނުވި. އެއަށް ވުރެ ފިނޑި." ޖީބަށް އަތް ލާފައި ނެގި ވަޅިއަށް ބަލާލާފައި ވާފިރަށް ނަޒަރެއް ދެމުން އިޝްފާން ބުނެލިއެވެ.

ވާފިރު ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ.

"ދާށޭ…" ވާފިރު އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރަން އަވަސްވެގަތް ނަމަވެސް، އިޝްފާން މާ ހުޝިއާރެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ވާފިރުގެ ފައިގައި އަޅުވާފައި ވައްޓާލިއެވެ. އެއަށްފަހު އަތުގައި އޮތް ވަޅިއަށް ބަލާލިއެވެ. ލޮލަށް ފުސްވާން ފެށުމުން އެސްފިޔަ ޖަހާޅާފައި ދެފަހަރަކު ބޯ ހޫރާލަމުން އިޝްފާން އޭނާގެ ނަފްސުގެ މަށްޗަށް ގަދަވެގަންނަން މަސައްކަތްކުރިއެވެ.

"އޯކޭ… އަހަންނަށް މާފުކުރޭ… އަހަރެން އެންމެން ކިބައިން މާފަށް އެދޭނަން. ސަވާ ވެސް…" ވާފިރުގެ އެ ޖުމްލައާއެކު، އިޝްފާން އޭނާގެ އަތުގެ ގޮށްމުށުގެ ހަމަލާއެއް ވާފިރަށް އަމާޒުކޮށްލާ އޭނާގެ އަނގަމަތި ފަޅާލައިފިއެވެ.

"ކަލޭގެ ތި ދުލުން މަގޭ ދޮންތަގެ ނަން ނުކިޔާތި." އިޝްފާން އިންޒާރެއް ދިނެވެ.

"އަހަރެން މާފަށް އެދޭނަމޭ. އަހަރެން ދޫކޮށްލާ… މިތަން ދޫކޮށްފަވެސް ދާނަން. ހެޔޮނުވާނެ." އިޝްފާންގެ ކައިރިން ގަދަނުވެވޭނެކަން އެނގުނު ވާފިރަށް ގޮތް ހުސްވިއެވެ.

"އޭރުން މަގޭ ދޮންތައަށް ލިބުނު އަނިޔާ ފޫ ބެއްދޭނެތަ؟ އެ ހަށިގަނޑުގައިލީ ޒަޚަމްތައް ފަސޭހަވާނެތަ؟ އެ އުޅޭ ޙާލުން މިންޖުވާނެތަ؟" ވާފިރުގެ އެ ބަސްތަކުންވެސް އިޝްފާންގެ ސިކުނޑިއަށް ލިބުނީ އިތުރު އުނދަގުލެކެވެ. އޭނާގެ ނަފްރަތާއި ރުޅިވެރިކަން ކުޑައެއް ނުވިއެވެ.

"ކަލޭމެން ކަހަލަ މީހުން ޖެހޭނީ މަރާލަން." އިޝްފާން ވާފިރުގެ ބަނޑަށް އަމާޒުކޮށްލާ ވަޅި ހަރައިލުމާއެކު، ވާފިރުގެ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ.

"ކަލޭ ދާން ޖެހޭނީ ޖަލަށް. އަހަރެން… އަހަރެން މަރާލާފައި… ސަލާމަތެއް ނުވެ…އާހް." އެ ހިސާބަށް ބުނެވުނުތަނާ އިޝްފާން އޭނާގެ ދެވަނަ ހަމަލާއެއްވެސް ވާފިރަށް އަމާޒުކޮށްލިއެވެ.

"އިތުރަށް ބުނާ ކޮންމެ ޖުމްލައަކަށް މި ވަޅީގެ ތޫނުކަން ކަލެއަށް އިހްސާސްވާނެ." ވާފިރަށް ހަމަލާއަކަށްފަހު، ހަމަލާއެއް ދެމުން އިޝްފާން ދިޔައިރު އޭނާގެ ސިކުނޑީގައި ކުރެހިފައިވަނީ ސަވާގެ ސޫރައެވެ. އެ ރުއިމާއި ގިސްލުންތައް ވެސް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ. އިޝްފާން ތެދުވީ ވާފިރުގެ ފުރާނަ އޭނައާ ވަކިވީފަހުންނެވެ. ފިޔަވަޅެއް ފަހަތަށް އަޅާލަފައިވާ ފުރާނަނެތް ވާފިރުގެ ހަށިގަނޑަށް ބަލަން ހުރި އިޝްފާންއަށް މާނޭވާ ލެވެއެވެ. މުޅި ތަނުގައި ވަނީ ލެޔެވެ. މީހާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިނަމަވެސް، އެކަން ކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. މީހަކު މަރާލާފައި ހަމަޖެހިލައިގެން ހުރެވޭނީވެސް ކޮން އިންސާނަކަށްހެއްޔެވެ؟ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ފަހު ވަގުތު އެކުށަށް މީހުން އެއްބަސްވަނީ ވެސް އެހެންވެގެންކަންނޭނގެއެވެ. ނަފުސުގައި ވާ އުނދަގޫކަމެއް ހައްލެއް ނުލިބުމުން ކަމުގައިވެސް ވެދާނެއެވެ.

އިޝްފާންގެ ނަސީބުކަން ނޫނީ ބަދު ނަސީބުކަން ކަމެއް ވެސް ނޭނގެއެވެ. އެވަގުތު ވާފިރުގެ ފޯނު ރިންގްވިއެވެ. އަޑު އަންނަނީ ކޮޓަރިންކަމަށް ވުމާއެކު އޭނާ ވާފިރަށް ބަލާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ގުޅަނީ އޭނާގެ ބައްޕަ ފަތުޙީއެވެ. ނަފްސަށް އަނެއްކާވެސް ރުޅިވެރިކަން އަތް ގަދަ ކުރި އިޝްފާން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ވާފިރު. އަހަރެން ބުނެފިން ދޯ މިހާރު މިތަނުން ދާށޭ… މާދަން ނޫން އަނެއް ދުވަހަށް ޓިކެޓް އޮންނާނީ ހަމަޖައްސާފަ. ވީހާވެސް އަވަހަކަށް ފުރާ.. އެހެންނޫނީ…" ފަތުހީގެ ވާހަކަ އަޑު އަހަން ހުރި އިޝްފާންއަށް ކެތެއް ނުކުރެވުނެވެ.

"ކަލޭ ހާދަ ހަޔާތްކުޑައޭ…" އިޝްފާންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"އިޝްފާން. ތިތާ ކީއްތިކުރަނީ؟ ކޮބާ ވާފިރު. ވާފިރު އަތަށް ފޯނު ދީ…" އެހެން ބުނެލިއިރު ފަތުޙީގެ އަޑުން ނުތަނަވަސްކަމެއް ފާހަގަވިއެވެ.

"ވާފިރު މަގޭ ދޮންތަ ރޭޕްކޮށް އޭނަގެ މުޅި ދިރިއުޅުން ފުޑާލިއިރު، ކަލޭގެ ފަރާތުން ތި އަސަރު ނުފެނުނީމަ އަހަރެން ހަމަ ހައިރާންވަން." އިޝްފާން ދަތްކުޑި ވިކާލަމުން ބުނެލިއިރު، އޭނާގެ ކަތުރުކަށިގަނޑަށް ބާރުކޮށްލާފައިވާ ވަރުން މީހާ ތުރުތުރުއަޅައެވެ.

"ކޮބާ ވާފިރު؟…" ފަތުޙީ ހަމަ ރަނގަޅަށްވެސް ހާސްވެއްޖެއެވެ. އިޝްފާން އެތަނުގައި ހުރުމަކީ ނުބައި ފާލެއްކަން އޭނާއަށް އެނގުނެވެ.

"މަރާލައިފިން." ވާފިރާ މެދު ފަތުޙީ ކަންބޮޑުވެފައިވާވަރު ފެނުމުން އިޝްފާންގެ ގާތަށް އައި ރުޅީގައި އޭނާ ބާރަކަށް އެހެން ބުނެލިއެވެ.

"އިޝްފާން… ކޮންތާކު ތި ހުރީ…" ފަތުޙީއަށް ބުނެވުނެވެ. އިޝްފާންގެ އަޑުގައިވަނީ ސީިރިއަސްކަމެވެ. އެހެންކަމުން އޭނާގެ މެއަށް ފިނިވެލިއެވެ.

"އަމިއްލަ ދަރިއާ މެދު ކުލުނެއް ނެތް މީހެއް ތީ…." ފޯނަށް ބަލާލާފައި އަތުގެ ކޮޅަށް ހޫރާލި ފޯނު ފާރުގައި ޖެހި ފުނޑުފުނޑުވި އަޑު އިވުނެވެ.

އޮފީހުގައި އިން ފަތުޙީ ވާފިރުގެ ނަންބަރަށް އަނެއްކާވެސް ގުޅާލިއެވެ. އެހެންނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. ދެން އޭނާ ގުޅީ އިޝްފާންގެ ނަންބަރަށެވެ. އިޝްފާންވެސް ފޯނެއް ނުނަގައެވެ. ހާސްކަމާއެކު ގޮނޑިން ތެދުވެފައި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކެބިންއިން ނުކުމެގެން އޭނާ ލިފްޓަށް އަރާ ތިރިއަށް ދިޔައެވެ.

"ސާހެބް…" ކާރުގައި ލެނގިލައިގެން ހުރި ޑްރައިވަރު ސީދާ ވެލިއެވެ.

"ގެނޭ ކީ." ފަތުޙީ ބުންޏެވެ. ފަތުޙީގެ ހާސްކަން ޑްރައިވަރަށްވެސް ފާހަގަވިއެވެ. އިތުރު ސުވާލެއް ނުކޮށް އަދަބުވެރިކަމާއެކު، އޭނާ ފަތުޙީ އެދުނު ގޮތަށް ތަޅުދަނޑި ފަތުޙީއަށް ދިނެވެ. ލަސްނުކޮށް ކާރަށް އަރާފައި ފަތުޙީ ކާރު ދުއްވާލައިފިއެވެ. އޭރުވެސް އޭނާގެ ހިތަށް ވަނީ ނުބައި ގޮތެއް ވެފައެވެ. އިޝްފާން ހަމަ ރަނގަޅަށްވެސް ވާފިރު މަރާލީހެއްޔެވެ؟ އެހެންވެއްޖެނަމަ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ފަތުޙީ ކާރު ޕާކުކޮށްލާފައި ގޮސް ވާފިރު އުޅޭ ގެއަށް ވަނެވެ. ތިން ވަނަ ފަންގިފިލާއަށް އަރާ ދޮރުގެ ތަޅުގައި ހިފާލިއިރު، ދޮރު ހުރީ ތަޅުލާފައެވެ. ދޮރުގައި ބާރަކަށް ޖަހާލަމުން އޭނާ ވާފިރަށް ގޮވާލިއެވެ. އެއަށްފަހު އިޝްފާންގެ ނަމުން ވެސް ގޮވިއެވެ.

ވާފިރަށް ބަލަހައްޓައިގެން ހުރި އިޝްފާން ގޮސް ދޮރު ހުޅުވާލުމާއެކު، ފަތުޙީ އެތެރެއަށް ވަނެވެ. ފެނުނު މަންޒަރާއެކު އޭނާއަށް ހުއްޓުން އެރިއެވެ. އެއްފަރާތުގައި އުއްޑުން ވާފިރު އޮތްއިރު، އޭނާގެ ފުރާނައެއް ނެތެވެ. ސިޓިން ރޫމުގައި އޮތީ ހުސް ލެޔެވެ. އޭރުވެސް ވާފިރުގެ ބަނޑުގައި ވަޅި އޮތެވެ. އިޝްފާންގެ މުޅި ގަޔާއި މޫނުމަތީގައިވެސް ވަނީ ހުސް ލެޔެވެ.

"އެ އޮތީ. އަހަރެން އޭނަ މަރާލައިފިން." ވާފިރު ދައްކާލާފައި އިޝްފާން އެހެން ބުނެލިއިރު، އޭނާގެ ގައިން ވަރު ދޫވަމުން ދިޔައެވެ. ޑްރަގްގެ އަސަރުން ދެލޮލަށް ވެސް ބަރުވާން ފެށިއެވެ.

"އިޝްފާން…" ފަތުޙީއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނެވެ. ދެން ކަންތައް ކުރަންވީ ކިހިނެއްކަންވެސް އޭނާއަށް ނޭނގުނު ފަދައެވެ.

"ދެން ގުޅާ ފުލުހަށް. އޭރަށް އަހަރެން އޭނަ މަރާލަން ޖެހުނު ސަބަބު ކިޔައިދީފަ ދާނަން ޖަލަށް." އިޝްފާން އެހެން ބުނެލީ އާފުރެމުންނެވެ. މިހާރު ހަމަ ރަނގަޅަށްވެސް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދިޔައީ އޭނާގެ އަތުން ގެއްލެމުންނެވެ.

ސޯފާގައި އިށީން ފަތުޙީއަށް ނިތުގައި އަތް ހިންގާލެވުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަދާނެ ގޮތް ނޭނގިފައި އިން މީހަކުހެން އޭނާ އިނެވެ.

"ކީއްވީ؟ ކަލެއަށް މިކަންވެސް ފޮރުވޭނެއެއްނު. މަގޭ ދޮންތަގެ ޙާލަތު ސިއްރު ކުރި ގޮތަށް މިކަންތައްވެސް ސިއްރުކޮށްބަލަ. އޭރުންނެއްނު ގަޓު ހުރި މީހަކަށް ވާނީ؟ ނޫންތަ؟" އިޝްފާން ބުނެލިއެވެ.

"އަބުރާ ޢިއްޒަތަށް ހުތުރު ވެދާނެ އަމިއްލަ ދަރި މި ފަދަ ކަމެއް ކުރީމަ. އެހެން އަންހެނުންނާ ގުޅުން ބާއްވާއިރު ނުވާނެ. އެންމެނަށް އެކަންތައްވެސް ފަޅާއަރުވާލާނަން. ބަލަން ހުންނާތި. ކަލޭގެ މުޅި އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލާނަން." އިޝްފާން އެ ދިން އިންޒާރަކުން ފަތުޙީ ޖެހިލުންވިއެވެ.

"މި ހުރިހާދުވަހުވެސް މަންމައާ މެދު ވިސްނާމަ މަޑުކުރީ. އެކަމަކު، މިއަދު އެނގިއްޖެ ކަލޭ ބޭޒާރުކޮށްލުންކަން އެންމެ ރަނގަޅުވާނީ. އާއިލާއަށް ނުހުރި ކުލުނެއް މި ރޭޕިސްޓާމެދު ކަލޭގެ އެބަ ހުރި. " އިޝްފާންގެ ރުޅިވެރިކަމުން ފަތުޙީ ހާސްވަމުން ދިޔައެވެ. އެ އިންޒާރުން އޭނާ ޖެހިލުންވާގޮތްވިއެވެ.

"އެންމެނަށް ފަޅާއަރުވާލީމަ، ކަލޭގެ ސިޔާސީ ހަޔާތް.. ޓަސް…." ބޮމެއް ގޮށްވާލާފަދައަކުން އަތުން އިޝާރާތްކޮށްލާފައި އިޝްފާން އެހެން ބުނެލާފައި ހިނިގަނޑެއް ޖަހާލިއެވެ. ދެބުމަ ގޮށް ޖަހާލައިގެން އިން ފަތުޙީއަށް ދެންވެސް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ.

"އެ ފުރުސަތު އަހަރެން ކަލެއަށް ދޭނެހެން ހީވޭތަ؟" އިޝްފާންގެ އަމަލުތައް ހުރި ގޮތުން އެންމެ ފަހުން ފަތުޙީއަށް ބުނެވުނެވެ.

"ދެން… ކުރާކަމެއް ކޮށްބަލަ. މަ ނޫޅެމޭ ފިލާކަށް. ނުފޫޒު ގަދައެއްނު." ދެއަތް ފުޅާކޮށްލަމުން އިޝްފާން ބުނެލިއެވެ.

ފަތުޙީއަށް ފުންނޭވާ އެއް ދޫކޮށްލެވުނެވެ. އެއަށްފަހު، އޭނާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅާލިއެވެ.

"ހަލޯ…" ހާސްވެފައިހުރިވަރުން ބުނާނެ އެއްޗެއް ނޭނގި އޭނާއަށް މަޑުކޮށްލެވުނެވެ.

"ކިހިނެއްވީ ފަތުޙީ؟ ކަމެއް ދިމާވީތަ؟" އެ ކޮޅުން ބުނެލިއެވެ.

"ކޮންތާކު ތިއުޅެނީ؟" އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފަތުހީވެސް ސުވާލެއްކޮށްލިއެވެ.

"ނޫނޭ ކުޑަކަމަކު ސްޓޭޝަންގައި އަދި މިހުރީ. އިޝްފާންގެ ކަމެއްތަ އަނެއްކާ؟" އެކޮޅުން ސުވާލުކޮށްލިއެވެ.

"އަހަރެން ބުނާ ތަނަކަށް އާދެވޭނެތަ؟ އެކަނި." ފަތުޙީ ބުނެލިއެވެ.

"އާނ. މިދަނީ…" އެހެން ބުނެލާފައި އެކޮޅުން ފޯނު ކަނޑާލިއެވެ.

"ދަރި ފުލުހުންނާ ހަވާލުކުރާކަށް ޖެހިލުމެއް ނުވޭ…" އިޝްފާން މަލާމާތް އެކުލެވޭ ފަދަ ގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ. ފަތުޙީ އޭނާއަށް ބަލާލުމާއެކު، އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު