އެމެރިކާ ބަލިކޮށް ވެސްޓް އިޑީޒް ސެމީގެ އުންމީދު އާކޮށްފި

ޝައި ހޯޕްވަނީ މި މެޗުގައި ވެސްޓް އިންޑީޒަށް މޮޅު ކުޅުމެއް ދައްކާފައި --- ފޮޓޯ/ ކްރިކް ޓްރެކާ

އެމެރިކާއާއި ކެރީބިއަން ސަރަހައްދު ގުޅިގެން ބާއްވަމުންދާ ޓީ ޓުވެންޓީ ކްރިކެޓް ވޯލްޑް ކަޕް "ސުޕާ އެއިޓް ގްރޫޕް ޓޫ"ގައި ވެސްޓް އިންޑީޒްއާއި އެމެރިކާ ބައްދަލުކުރި މެޗު ވެސްޓް އިންޑީޒްއިން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ބާބަޑޮސްގައި ކުޅުނު މި މެޗު ވެސްޓް އިންޑީޒްއިން ކާމިޔާބުކޮށްފައިވަނީ ނުވަ ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ވެސްޓް އިންޑީޒްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން އެމެރިކާއިން އެންމެ ފުރަތަމަ ކުޅެން އަރާ އެއް ބޯޅަ ބާކީ އޮއްވާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ 29 ލަނޑު ހަދައިދިން އެންޑްރީސް ގޯސްއެވެ. އަދި، ނިތީޝް ކުމާރުވަނީ 20 ލަނޑު އެ ޓީމަށް ހަދައިދީފައެވެ.

މި އީނިންގްސްގައި ވެސްޓް އިންޑީޒްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު ފަސް ބޯޅަ 31 ލަނޑަށް ތިން ވިކެޓް ނަގައިދިން އަންޑްރޭ ރަސެލާއި ހަތަރު އޯވަރު 19 ލަނޑަށް ތިން ވިކެޓް ނަގައިދިން ރޮސްޓަން ޗޭސްއެވެ.

ޖަވާބުގައި ކުޅެން އަރާ ވެސްޓް އިންޑީޒްއިންވަނީ 10 އޯވަރު ފަސް ބޯޅައަށް އެއް ކުޅުންތެރިއެއް ނުބައިވެގެން 130 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި ވެސްޓް އިންޑީޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 82 ލަނޑު ހަދައިދިން ޝައި ހޯޕެވެ.

މީގެ އިތުރުން، ނިކޮލަސް ޕޫރަންވަނީ ނުބައިނުވެ 27 ލަނޑު ހަދައިދީފައެވެ. މި މެޗުގައި އެމެރިކާއިން ކާމިޔާބުކުރި ހަމައެކަނި ވިކެޓް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހަރުމީތު ސިންއެވެ.

މި ކާމިޔާބީއާ އެކު ވެސްޓް އިންޑީޒްއިން ވަނީ "ސުޕާ އެއިޓް"ގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. މި ގްރޫޕްގައި ހިމެނޭ އިންގްލަންޑަށް ވެސް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވީ ނަމަވެސް ރަން ރޭޓަށް ބަލާއިރު ކުރި ލިބެނީ ވެސްޓް އިންޑީޒްއަށެވެ.

comment ކޮމެންޓް