ފާހިޝް ވީޑިއޯތައް ހިއްސާކުރުން އާންމުވުމުގެ ކަންބޮޑުވުން ޚުތުބާގައި ފާޅުކޮށްފި

ހުކުރު ނަމާދު: ޚުތުބާގައި ބުނީ ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމަކީ ހިތާމަހުރިކަމެއް ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ސޯޝަލް މީޑިއާގައި ފާހިޝް ވީޑިއޯތައް ހިއްސާކުރުން އާންމުވެފައިވާކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން މިއަދުގެ ހުކުރު ޚުތުބާގައި ފާޅުކޮށްފިއެވެ.

ލަދުވެތިކަމާއި އިއްފަތްތެރިކަމަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ބުނީ، ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން ވެސް މި މާތް ސިފަ ނެތެމުންދާ ތަން ފެންނަ ކަމަށެވެ.

"މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ،" ޚުތުބާގައި ބުނެފައިވެއެވެ.

ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ލަދުވެތިކަމުގެ ސިފައަކީ ކޮންމެ މުސްލިމެއްގެ ކިބައިގައިވެސް ހުރުން ލާޒިމު ސިފައެއް ކަމަށެވެ.

މީގެ އިތުރަށް ޚުތުބާގައި ބުނީ ލަދުވެތިކަމުގެ މުހިންމު ސިފަ ރަސޫލާ ގެންނަވައިފައިވަނީ އީމާންކަމުގެ ތެރެއިން ކަމަށެވެ.

"އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (وَالْـحَيَاءُ شُعْبَةٌ مِنَ الْإِيْـمَانِ)[1] މާނައީ: 'ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.' ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ. އަދިވެސް ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـحَيَاءُ لَا يَأْتِيْ إِلَّا بِـخَيْرٍ)[2] މާނައީ: 'ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާތެވެ'،" ޚުތުބާގައި ބުނެފައިވެއެވެ.

އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ގާއިމުކޮށްފިކަމަށާއި، އެންމެހައި ނޭއްގާނީ އަމަލުތަކުން އެ މީހަކު ދުރުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ފަދަ މީހަކަށް، މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވޭނެ ކަން ޚުތުބާގައިވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، މަޙްޝަރު ދުވަހު، ﷲ ދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު، އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުރި މީހުން ހިމެނޭކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމް ދީނަކީ ހުރިހާ ފުރިހަމަ ކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ. ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

comment ކޮމެންޓް