އޮންނަނީ މަރަށް މަރު، ދެނީ ދެވަނަ ފުރުސަތު؟

ރާއްޖެ ކަހަލަ ކުޑަކުޑަ މުޖުތަމައު އެއްގައި ގޭންގް ހަދައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ މީހުން މަރަމުން ގެންދާ މައްސަލަ އާއްމުވަމުންދާއިރު އެފަދަ ގޭންގްތަކުގެ އަމަލުތައް ހުއްޓުވާނެ ހަރުދަނާ ގޮތްތަކެއް ނުހޯދަ އެވެ. ގޭންގްތައް ހުއްޓުވައި ރައްކާތެރި އަމާން ވެއްޓެއް ހޯދައި ދިނުމަކީ ހަމައެކަނި ފުލުހުންގެ ކަމެއް ނޫނެވެ. ހުރިހާ ފަރާތްތަކެއްގެ މައްޗަށް ލާޒިމް ކަމެކެވެ. މިހާރުގެ ވާހަކައަކީ މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހުއްޓުވޭނީ މަރަށް މަރު ހިފައިގެން ކަމަށެވެ. ބައެއް ފަރާތްތަކުން ބުނަނީ ހައްލަކީ މަރު ހިފުމެވެ. އަނެއްބައި ފަރާތްތަކުން ބުނަނީ އެއީ އަދި ހަލެއް ނޫނެވެ. އެއްކަމެއް އެނގެ އެވެ. ހުރިހާ ވާހަކަ އަކީ ވެސް ދިމާވެފައިވާ މައްސަލައަށް އަޅައިލާކަން ދައްކަން ތަޅާ ހުސް އަނގަ އެވެ.

މަރަށް މަރު ހިފުމާ މެދު އާއްމު ފަރުދަކު ދެކޭ ގޮތް އޭނާ ބުނެދިނެވެ: "ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މަރަށް މަރު ހިފިގެން ނުވާނެ! ކޮބާ އެކަންތައް ހުއްޓުވޭނެ ކަމުގެ ޔަގީން ކަމަކީ. އޭރުން އަދި މިހާރަށްވުރެ ބޮޑެތި މައްސަލަތައް ނުކުންނާނެ. އެނޫން ގޮތްތަކެއް އެބަޖެހޭ ހޯދެން މިކަންތައް ހަލުކުރަން!"

މިއަހަރުގެ މިހާތަނަށް ތަފާތު އެކިއެކި މާރާމާރީތަކުގަ އާއި ތަފާތު އެކި ހާދިސާ ތަކުގައި ހައެއްކަ މީހުން މަރާލާފައިވާއިރު މީގެތެރެއިން ގިނަ މައްސަލަތައް އަދި އުޅެނީ ތަހުގީގު މަރުހަލާގަ އެވެ. އަނެއް ބައި މައްސަލަތަކުގެ މައްޗަށް ޝަރީއަތް ހިނގަމުން އަންނައިރު މީހުން މަރާ ގާތިލުން ހޯދި އެމީހުންނަށް ހައްގު އަދަބު ދެވޭނެތޯ އެއީ އެންމެންގެ ވެސް ސުވާލެވެ.

ބޮޑެތި މާރާމާރީތަކާއި މަރުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ހައްގު އަދަބު ނުލިބި އެފަދަ މީހުން ދެވަނަ ފަހަރަށް މުޖުތަމައުގެ ތެރެއަށް ނުކުމެ އަނެއްކާ ވެސް އެފަދަ ކުށްތައް ތަކުރާރުކުރަމުންދާ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ "ބައްޔެ" ކެވެ.

ހަގީގަތުގައި ރާއްޖޭގައި ކުށަށް އަރައި ގަތުމާއި ކުށުގެ ވެއްޓާއި ކުށުގެ ބާވަތްތައް ވަނީ ވަރަށް ބޮޑަށް ބަަދަލުވެފަ އެވެ. އެހެން ކަމުން ކުށްވެރިންނަށް އަތުލައި ގަތުމުގަ އާއި ކުށްވެރިންނަށް އަދަބު ދިނުމާއި ތަންފީޒު ކުރުމާއި މުޖުތަމައަށް އަނބުރާ ގެންނަން ކުރަން ޖެހޭ މަސައްކަތުގައި ރާއްޖެ ވަނީ އާ ވިސްނުންތަކެއް ހޯދަން ޖެހިފަ އެވެ.

ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ ކުށުގެ މާހައުލު އޮތް ގޮތުން ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގައި މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ދޭ ހަމަލާތަކާއި އޯގަނައިޒްޑް ގޭންގް ކުށްތަކަކީ އެއްވެސް ކަހަލަ ނިޒާމެއްގެ ތެރެއިން އެފަދަ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ނުނުކުމެވޭ ގޮތަށް ކުށުގެ އަދަބު ތަންފީޒުވާން ކުރަން ޖެހެ އެވެ.

" ކުށެއް ކޮށްފިނަމަ އެކުށުގެ އަދަބު އެ ކުށް ކުރި މީހަކު ތަންފީޒު ކުރަން ޖެހޭނެ ކަން އެމީހަކަށް އެބަ އެނގެން ޖެހޭ. މިސާލަކަށް އުމުރަށް ނުވަތަ 25 އަހަރަށް ހުކުމް ކުރާ މީހާ، އޭނަ އުމުރު ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ނިޒާމެއް ވަކި ބާވަތްތަކެއްގެ ކުށްތަކުގައި އެބަ އަންނަން ޖެހޭ. އެހެން ނޫން ކަމުގައިވާނަމަ އެފަދަ ކުށްތަކަށް އަރައިގަތުމަށް އެއްވެސް ކަހަލަ ފަސްޖެހުމެއް ނޯވޭ،" އަޒްލީނާ މަރާލި މައްސަލައިގެ ޝަރީއަތް ހިންގެވި ކުރީގެ އިސް ގާޒީ ވިދާޅުވި އެވެ.

ތަފާތު އެކިއެކި ހާދިސާތަކުގަ އާއި މާރާމާރީތަކުގައި މަރާލާ ގިނަ މީހުންގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފާށެވެ. ރާއްޖޭގެ މަރަށް މަރު ހިފުމަށް ގާނޫނު ތަން ދެއެވެ. ނަމަވެސް މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް އެފަދަ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގައި ބެލިފައި އޮންނަނީ މީހުން މަރާ މީހުންގެ މައްޗަށް ކުރާ މަރަށް މަރު ހިފުމުގެ ހުކުމުގެ ބަދަލުގައި އެމީހަކު އުމުރަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަކީ އެމީހާއަށް ހައްގު އަދަބު ދެވުނީ ކަމަށެވެ.

"ގަބޫލު ނުކުރެވިގެން، ބިރުން އުޅެނީ އޭރެއްގަ އޮނަ ސަރުކާރެއް، އާންމުން ބޭނުމެއް ނުވޭ މީހުން މަރާ މީހުން ބައިތިއްބާކަށް. ގިނަ މީހުން ގަބޫލެއް ނުކުރޭ އެއްގޮތެއް،" މަރަށް މަރު ހިފުމަށް ގޮވާލާ މިދިޔަ ހަފުތާގައި ބޭއްވި އެއްވުމުގައި މީހަކު ބުންޏެވެ.

ރާއްޖޭގައި މީހުން މަރަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް އެފަދަ މީހުން މައްޗަށް މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖޭގެ ދީނީ ބައެއް ޖަމިއްޔާތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

"މަރަށް މަރު ހިފުމުގެ ހުކުމަކީ ރާއްޖޭގައި މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ސަރުކާރުން އިއުލާންކުރަން ޖެހޭނެ ކަމެއް،" ސަލަފު ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައިވ ހައްގަކާ ނުލާ މީހުން މެރުން އާއްމުވަމުންދާތީ މިފަދަ ނާމާން ކަމަކުން ރާއްޖެ ސަލާމާތް ވާން އޮތީ އެންމެ މަގެކެވެ. އެއީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމެވެ.

"މީހުން މެރުމާއި މާރާމާރީ އާއި ތަޅާ ފޮޅުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހުއްޓުވަން ބޭނުންވާ މުހިއްމު ބިލުތަކެއް މަޖިލީހުގެ ކޮމިޓީތަކުގައި އެބަހުރި. ސިޔާސީ ކަންކަން އެއްފަރާތްކޮށްފައި އެބިލްތައް ފާސްކޮށްފިނަމަ މަޖިލީހަކީ ނަތީޖާ ނެރެވޭ ތަން ރައްޔިތުންނަށް ފެނިގެންދާނެ،" ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވި އެވެ.

މިނިސްޓަރު ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ބަދަލުވަމުންދާ ކުށުގެ މާހައުލާ އެއްގޮތަށް ބޮޑެތި ކުށްތަކަށް ދެވޭ އަދަބުތަކާ ދޭތެރޭގައި ރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން ވިސްނަން ޖެހެ އެވެ. ބޮޑެތި ކުއްތަކަށް ދެވޭ އަދަބުތަކަކީ އެ ކުށަކަށް އެންމެ އެކަށީގެންވާ އަދަބުތޯ ކަނޑައަޅަންޖެހެ އެވެ.

" މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެންނާއި ގޭންގްކުށްތަކުގައި ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ޖެހިލުންވާފަދަ ގޮތަކަށް ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމުގައި ކުށްތަކަށް ދެވޭ އަދަބުތައް ބައްޓަން ކުރަން އެބަޖެހޭ، މަޖިލީހުން އެކަންތަކާ ގޮތެއް ނިންމަން އެބަޖެހޭ، މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކުރާ ކުށްތަކަށް ކޮންމެ އަދަބެއް މަޖިލީހުން ކަނޑައެޅިޔަސް، އެއީ މަރަށް މަރު ހިފުން ކަމުގައި ވިޔަސް އަޅުގަނޑު މިހުރީ، އެ އެހުކުމެއް ތަންފީޒު ކުރާނަން!" މިނިސްޓަރު ވިދާޅުވި އެވެ.

މުޖުތަމައުގައި މީހުން މެރުންފަދަ ބޮޑެތި ކުށްތައް އާއްމުވަމުން ދަނީ އެކަމަށް ބޭނުންވާ ގާނޫނުތައް ނެތިގެން ކަމަށް ބައެއް މެންބަރުން ވިދާޅުވަމުންދާއިރު އެފަދަ ކުށްތައް ނުހުއްޓުވިގެން އުޅެނީ ފުލުހުންނަށާއި ކޯޓްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތައް ލިބިފައި ނެތުމުން ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވަ އެވެ.

" ގާނޫނު އަސާސީގައި މިއޮތީ އެވިޑެންސް ބޭސްކޮށްގެން ކަންތައް ކުރުމަށް. އެހެން ނޫނިއްޔާ މީހެއްގެ މައްޗަށް ހުކުމް ނުކުރެވޭ ގޮތަށް މިއޮތީ. ވަރަށް ގިނަ ޒަމާނީ ވަސީލަތްތައް ގާނޫނު އަސާސީއާ ގުޅޭ ގޮތަށް ފުލުހުންނަށް ހޯދައިދޭން އެބަޖެހޭ، ކޯޓުތަކުގައި ޖާގަ ނެތުމާއި އެކަށީގެންވާ ވަރަށް ފަނޑިޔާރުން ނެތުމުގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފައި،" ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

މީހުން މަރާ މީހުންނާއި ގޭންގްތަކުން ކުރަމުން ގެންދާ ބޮޑެތި ކުށްތައް ހުއްޓުވާނެ ގޮތްތަކެއް މިއަދު ހޯދަން ޖެހިފައިވާއިރު އެކަމުގައި ހައްލު ހޯދޭނީ މަރަށް މަރު ހިފައިގެންތޯ ނުވަތަ އެފަދަ ކުށްތައް ކުރާ މީހުންނަށް ދެވަނަ ފުރުސަތެއް ނުވަތަ މައާފެއް ނުދީ ހުކުމްތައް ތަންފީޒު ކޮށްގެންތޯ، ދެކެވޭ ވާހަކައެއްގެ ގޮތުގައި މި ބަހުސް އޮންނާނީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް