އައްޑޫ ސިޓީގައި ތަރައްގީކުރާ ގާމެންޓް ފެކްޓަރީ ހިންގުން މިފަހަރު ކާމިޔާބުވެ، އެ ސިޓީގެ އިގުތިސާދަށް ހެޔޮ އަސަރުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މި މަހުގެ ތެރޭގައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ ރާއްޖޭގައި ކާމިޔާބު ކަމާ އެކު ގާމެންޓް ފެކްޓަރީ ހިންގުމުގެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. އައްޑޫގައި މީގެ ކުރީން ވެސް ގާމެންޓް ފެކްޓަރީ ހިންގިކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ މިފަހަރު ފެކްޓަރީ ހިންގާނީ މީގެ ކުރިން އައްޑޫގައި އެކަން ކުރި ގޮތަކަށް ނޫން ކަމަށެވެ.
މޭޔަރު ވިދާޅުވީ ފެކްޓަރީ ހިންގުމުގައި ދިމާވާނެ ދަތިތަކަކީ އެ މަސައްކަތް ކުރާނެ ލޭބަރުން ހޯދުމެވެ. އެހެން ނަމަވެސް ގާމެންޓް ފެކްޓަރީގެ ސަބަބުން ވަޒީފާތައް އުފެދި، އައްޑޫގެ އިގްތިސާދަށް ވެސް ބޮޑު އަސަރެއްކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ގާމެންޓް ފެކްޓަރީ ހިންގުމަށް ބަލާއިރު، ރާއްޖެއަށް ވެސް ޑިމާންޑްހުރި ބައެއް އައިޓަމްތައް ހުރިކަން މޭޔަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
"..ހަމައެކަނި ރިޒޯޓުތަކަށާއި ގެސްޓްހައުސްތަކަށް މި ބޭނުންވާ ބައެއް ކަހަލަ ސާމާނު، މިސާލަކަށް ބެޑްޝީޓާއި ޓަވަލްސްއަކީ ވެސް ރާއްޖެއަށް މެދުނުކެނޑި ކޮންމެ މަހަކު ވެސް އެތެރެ ކުރަންޖެހޭ އެއްޗެހިތަކެއް. އެ އެއްޗިއްސަކީ އައު ކުރަން ޖެހޭ އެއްޗެހި،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މި ކަމަށް ބޭނުންވާ ސާމާނުތައް ހަމަ އެކަނި އައްޑޫން އުފައްދައިގެން ވެސް އެ ތަކެތި ރާއްޖެއަށް ސަޕްލައި ކުރެވިދާނެއެވެ.
މީގެ އިތުރުން ވެސް، އަވަށްޓެރި ބައެއް ގައުމުތަކުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަތަކުގެ ތަކެތި އުފައްދައިގެން ޔޫރަޕަށް ވެސް އެކްސްޕޯޓުކުރާކަން މޭޔަރުވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ ކުރީން ވެސް އައްޑޫގައި ގާމެންޓް ފެކްޓަރީ ހިންގިއެވެ. އޭރު އެ މަސައްކަތްކުރީ ސްރީލަންކާގެ ކުންފުނިތަކުން އައިސް ގަމުގައެވެ.
ބީސީސީއާ ގާމެންޓް ފެކްޓަރީ އަޅާ ބިން ހަވާލުކުރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި ކަމަށް ބީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.
ބީސީސީން ވެސް ބުނެފައި އޮތީ ގާމެންޓް ފެކްޓަރީ މަޝްރޫއުގެ ސަބަބުން ފެހުމުގެ ދާއިރާއިން ވިޔަފާރިވެރިން ކުރިއަރައި، މުޅި ރާއްޖޭގެ އިގްތިސާދަށް އެއިން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.