ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ބަހުސްގެ ތެރެއިން އެކި މީހުން އަންނަނީ އިސްލާމީ އީދެއް ފާހަގަކުރުމުގައި ބިރުވެރި ސިފަ ޖައްސައިގެން މާލި ހެދުމަކީ އެންމެ ރަނގަޅުގޮތްތޯ ސުވާލު އުފައްދަމުންނެވެ.
މިކަމާ ގުޅިގެން ޝަހީމް ވިދާޅުވީ އިސްލާމީ ދީނާކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށެވެ.
އަދި އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން ރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތްކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
އަދި ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާ އެއްގޮތައް ކަމަށެވެ. އަދި ދިވެހިންގެ ސަޤާފަތެއް ކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތް ކަންކަން ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ. އެ ނޫން ކަންކަމަކީ ޚުރާފީ ބާޠިލް ކަންކަން ކަމަށްް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
އަދި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިއްޔެ ވެސް މިނިސްޓަރު ވަނީ އިސްލާމީ އަޚުލާގާއި ސަގާފަތާ ޚިލާފުނުވެ، ޢީދުގެ އުފާފާޅުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.
ބޮޑު ޢީދަކީ ރާއްޖޭގެ ރަށްރަށުގައި، ސަގާފީ އެތައް ކުޅިވަރުތަކަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޗުއްޓީއެކެވެ. ބައެއް ރަށްރަށުގައި ޢީދު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އިޖުތިމާޢީ މިންގަނޑުން ބޭރުން ބައެއް ކަންކަން މީގެ ކުރިން ވަނީ ފެނިފައެވެ.
ޢީދުގެ މުނާސަބަތުގައި އުފާފާޅުކުރުންތައް އިސްލާމްދީނާއި ދިވެހީން އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ބޭއްވުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އޮތީ މި ފަހަރު ރަަށު ކައުންސިލްތަކަށް ވެސް އަންގައިފައެވެ.