ޢީދު މަޅިލުމާއެކު ''އައްޑޫ އީދި ސަމާ''ގެ ފޯރިގަދަ ހަރަކާތްތައް ފަށައިފި

"އައްޑޫ އީދި ސަމާ"ގެ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށައިފި: ޢީދު މަޅިލުމުގެ ހަރަކާތުގެ ތެރެއިން ލެންޓާންސް އެރުވުމާއި ބޮޑުބެރު ވަނީ ކުރިއަށްގެންގޮސްފައި – ސަން ފޮޓޯ/ މޫސާ ނަދީމް

އައްޑޫ ސިޓީން ޝާނިހާ ޝަރީފް--

"އައްޑޫ އީދި ސަމާ"ގެ ނަމުގައި މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށައިފިއެވެ.

މާދަމާއަކީ މިއަހަރުގެ އަޟްހާ ޢީދުގެ ފުރަތަމަ ދުވަހެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އައްޑޫ ސިޓީ ހިތަދޫގައި ވަނީ "ޢީދު މަޅިލުމުގެ" ނަމުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ އަވަށު ސިޓީ ސްކޮޔާ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.

ޢީދުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ އައްޑޫގެ މޭޔަރު މުހައްމަދު ނިޒާރެވެ.

"އައްޑޫ އީދި ސަމާ"ގެ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށައިފި: ޢީދު މަޅިލުމުގެ ހަރަކާތުގެ ތެރެއިން ލެންޓާންސް އެރުވުމާއި ބޮޑުބެރު ވަނީ ކުރިއަށްގެންގޮސްފައި – ސަން ފޮޓޯ/ މޫސާ ނަދީމް

މި ހަރަކާތްތައް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގެ ޢީދު ކުޅިވަރުތައް އެއް އަހަރުން އަނެއް އަހަރަށް އިތުރަށް ފޯރިގަދަވަމުންދާ ކަމަށެވެ. އަދި މިފަހަރުގެ ބޮޑު ޢީދު ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ފާހަގަނުކުރާ ވަރަށް މިފަހަރު އައްޑޫ ސިޓީގައި ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫގައި ޢީދުގެ ކުޅިވަރުތައް ފޯރިގަދަކޮށް ކުރިއަށް އޮތް ފަސް ދުވަހު މެދުނުކެނޑި ކުރިއަށްދާނެ. މި ސިޓީގެ ކޮންމެ އަވަށެއްގައި ވެސް ކުޅިވަރުތައް ކުރިއަށްދާނެ. މަރަދޫ، ފޭދޫ ފަދަ އަވަށްތަކުގައި ވެސް ވަރަށް ފޯރިގަދަކޮށް ޢީދުގެ ހަރަކާތްތައް ކުރިއަށްގެންދާނެ،" އައްޑޫގެ މޭޔަރު މުހައްމަދު ނިޒާރު

ޢީދު މަޅިޖެހުމުގެ ހަރަކާތުގެ ތެރެއިން މިރޭ ވަނީ ލެންޓާންސް ވެސް އަރުވާފައެވެ. އެ ސަރަހައްދަށް އެއްވެފައިވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ ލެންޓާންސް ފޯރުކޮށްދީފައެވެ.

އެ ސަރަޙައްދުގައި ބޮޑުބެރު ޖެހުމުގެ ހަރަކާތް ވެސް މިރޭ ކުރިއަށް ގެންގޮސްފައިވެއެވެ. ބޮޑުބެރުގެ ލަވަތައް ހުށަހަޅައިދީފައި ވަނީ އައްޑުއަށް ނިސްބަތްވާ ރެނދަން ބޮޑުބެރު ގްރޫޕުންނެވެ. ރެނދަން ބޮޑުބެރު ގްރޫޕަކީ ވަރަށް ޒުވާން ކުދިން ހިމެނޭ ގްރޫޕެކެވެ.

"އައްޑޫ އީދި ސަމާ"ގެ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށައިފި: ޢީދު މަޅިލުމުގެ ހަރަކާތުގެ ތެރެއިން ލެންޓާންސް އެރުވުމާއި ބޮޑުބެރު ވަނީ ކުރިއަށްގެންގޮސްފައި – ސަން ފޮޓޯ/ މޫސާ ނަދީމް

މި ހަރަކާތްތައް ބެލުމަށް އައްޑޫ ސިޓީގެ އެކި އަވަށްތަކުން ކުދިބޮޑު ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ވަނީ އެއްވެފައެވެ. އޭގެ އިތުރުން ޢީދުގައި ބައިވެރިވުމަށް އައްޑުއަށް ޒިޔާރާތް ކޮށްފައިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވެސް މި ހަރަކާތް ބެލުމަށް ދިޔައެވެ.

ހިތަދޫގެ އިތުރުން މިރޭ އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން އަވަށްތަކުގައި ވެސް ޢީދު ފެށުމުގެ ގޮތުން ޢީދު މަޅިލުން ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

ޢީދު މަޅިޖެހުމުގެ ހަރަކާތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ގޮތްގޮތަށް ކުރަމުން އަންނަ ކަމެކެވެ. އެކި ރަށްރަށުގައި މި ހަރަކާތަށް ތަފާތު ނަންނަން ވެސް ކިޔައި އުޅެއެވެ. މި ހަރަކާތަށް ބައެއް ރަށްރަށުގައި ޢީދު ހުޅުޖެހުމޭ ވެސް ކިޔައި އުޅެއެވެ.

އައްޑޫގެ ޢީދުގެ ހަރަކާތްތައް ޢީދު ނަމާދަށް ފަހު މާދަމާ ހެނދުނު ފަށާނެއެވެ. އެގޮތުން ޢީދު ސަޔަށް ފަހު ފެންކުޅީގެ ހަރަކާތްތައް އޮންނާނެއެވެ.

"އައްޑޫ އީދި ސަމާ"ގެ ފޯރިގަދަ ހަރަކާތްތައް މިރޭ ފަށައިފި: ޢީދު މަޅިލުމުގެ ހަރަކާތުގެ ތެރެއިން ލެންޓާންސް އެރުވުމާއި ބޮޑުބެރު ވަނީ ކުރިއަށްގެންގޮސްފައި – ސަން ފޮޓޯ/ މޫސާ ނަދީމް

އައްޑޫ އީދި ސަމާގެ ކުޅިވަރުތައް އެސްއެސްޓީވީ މެދުވެރިކޮށް ލައިވްކޮށާއި ރިކޯޑްކޮށްގެން ވެސް ދައްކާނެއެވެ. އަދި ޢީދާ ގުޅުން ހުރި ޚަބަރުތައް ސަން އޮންލައިންގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެސްއެސްނެޓްގެ ޗެނަލް ނަމްބަރު އެކަކުން އަދި މީޑިއާނެޓުގެ ޗެނަލް ނަމްބަރު 122އިން އެސްއެސްޓީވީ ފެންނާނެއެވެ.

އެސްއެސްޓީވީގެ ފޭސްބުކް ޕޭޖުން އީދުގެ ހަރަކާތްތައް ލައިވްކުރާނެއެވެ. ހަމައެއާއެކު ސަން އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވެސް އެސްއެސްޓީވީގެ ލައިވް ފީޑް ބެލޭނެއެވެ.

comment ކޮމެންޓް