ދުރުގައި ވާން ނޭދުނަސް ހިތް... 21

"އާއިލާ ތިހާ މުހިންމު ވާނަމަ، އާއިލާގެ އަބުރާ ޢިއްޒަތް ތިހާ މުހިންމު ވާނަމަ، މަންމައާ އިނދެގެން ހުރެ ހިލޭ އަންހެނަކާ ގުޅުމެއް ނުބާއްވާނެ." ކެތްތެރިކަން ކޮޅުންލި އިޝްފާންގެ އެ ޖުމްލައާއެކު ފަތުޙީއަށް ލިބުނު ޝޮކާއެކު މީހާގެ ހަރަކާތްތައް މަޑުޖެހުނެވެ.

“ކީ… ކީކޭ؟" ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރުމަށްފަހު, ފަތުޙީއަށް އެހެން ބުނެވުނުއިރު، އެ އަޑުގައިވި ޖެހިލުންވުން އިޝްފާންއަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އޭނާގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މި ނޫނީ ފަތުޙީ އެހާ ޖެހިލުންވި ދުވަހެއް އޭނާގެ ހަނދާނަކު ނެތެވެ. ފަތުޙީގެ ނުތަނަވަސްކަމުން އިޝްފާންއަށް ލިބުނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެކެވެ.

"މަށަށް ނޭނގޭ އެއްކަމެއް ވެސް ނޯންނާނެ. މަ ކުޑައިރު، މަށަށް ފެނުނު މަންޒަރުތައް މީހެއްގެ ކައިރީގައި ނުބުނާތީ ހީކުރަނީތަ މަށަށް އެއްވެސް ކަމެއް ނޭނގެޔޭ. މިއަދާ ހަމައަށްވެސް މަންމައާ ދޭތެރޭ ވިސްނާލާފަ އަހަރެން މަޑުން މިހުރީ." އިޝްފާން ބުންޏެވެ. އޭނާ މަދީހާ ދެކެ ހިތްހަމަ ނުޖެހެނީ ފަތުޙީ ކުރާކަންތައްތަކަށް ބަސް ބުނަން ނުކެރޭތީއެވެ. މަދީހާ އާމެދު ޒާތީ އެއްވެސް ހަސަދައެއް އިޝްފާންގެ ނޯވެއެވެ. ހަޤީގަތުގައި އެ ރުޅިވެރިކަމުގެ އަސްލަކީވެސް އެކަމުގެ ސަބަބުން އޭނާގެ ހިތަށް ފޯރާފައިވާ ހިތާމަތަކެވެ.

"އެންމެންނަށް މި ހުރިހާކަމެއް ބޭޒާރުކޮށްލާނަން." އިޝްފާން ހުރީ ހަމަ ހަޤީގަތުގައިވެސް ވަރަށް ރުޅިއައިސްފައެވެ. ފަތުޙީއާ މެދު އޭނާގެ ހިތުގައި ނަފްރަތު އުފެދެން މެދުވެރިވި މައިގަނޑު ސަބަބަކީވެސް އެއީއެވެ. ފަތުޙީ އެހެން އަންހެނަކާއެކު އޭނާއަށް ފެނުު ފަހުން ފަތުޙީއަށް ނަފްރަތުގެ ނަޒަރުން ނޫނީ އޭނާއަކަށް ނުބެލެއެވެ.

އެއްޗެކޭ ބުނަން އުޅުނު ފަތުޙީ މަޑުޖެހުނީ އިތުރަށް ބުނާނެ އެއްޗެއް އޭނާއަށް ނޭނގުމުންނެވެ. އިވުނު ވާހަކައެއްގެ ސަބަބުން ފުރަތަމަ ފަހަރަށް އޭނާއަށް ނިކަމެތިކަން އިޙްސާސްކުރެވުނެވެ. އިޝްފާން އެ ވާހަކަ ފަޅާއަރުވާލައިފިނަމަ އޭނާގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެވޭނެއެވެ. އަދި އަމްދުން މި ދުވަސްކޮޅުގައެވެ. ރައްޔިތުންގެ ތާޢީދާ ލޯބި އޭނާއަށް ގެއްލޭނެއެވެ. އެހެންވެއްޖެނަމަ މަޖިލީހުގެ ގޮނޑިވެސް އޭނާއަށް ގެއްލިގެންދާނެއެެވެ. އެއްގޮތަކަށްވެސް އެކަން އެހެން ވެގެން ނުވާނެއެވެ. މިހާ ހިސާބަށް އައިސްފައި އެ ހުރިހާކަމެއް އަމިއްލަ އަތުން ބީވެގެން ދާތަން ބަލަން ފަތުޙީއަކަށް ނުހުރެވޭނެއެވެ. ކޮންމެވެސް ގޮތަކުން އިޝްފާންގެ ދޫ ބަންދުކުރަން ޖެހޭނެއެވެ. ނޫނީ އުމުރު ދުވަހު މި ކުރި މަސައްކަތް ބޭކާރުވެގެން ހިނގައިދާނެއެވެ.

އިޝްފާން ތިރިއަށް ދިޔައިރު، ސަވާގެ ކޮޓަރިން ބޭރަށް މަޑުމަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. އޭނާ ދޮރާ ކައިރިވެލާފައި އެ އަޑު އެހުމަށް މަޑުކޮށްލިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އަހަން އިޝްފާންއަކަށް ކެތެއް ނުކުރެވުނެވެ. ސަވާގެ އެ ވޭނަށް ކޮންމެވެސް ލުޔެއް ހޯދައިދޭން އޭނާ ބޭނުންވިއެވެ. ދޮރުގައި ޓަކި ޖަހާލާފައި ދޮރު ހުޅުވާލާފައި އިޝްފާން އެތެރެއަށް ވަދެލިއިރު، ސަވާ އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން ރޯން އިންއިރު، މުޅި މީހާ ދިޔައީ ތުރުތުރުލަމުންނެވެ.

"ދޮންތާ…." އިޝްފާން ސަވާއަށް ގޮވާލާފައި ބާރުބާރަށް އެ ދިމާލަށް ދިޔައެވެ.

"އިޝްފާން… ދޮންތައަކަށް މިކަމެއް ނުވާނެ…" މީހާގެ ހަށިގަނޑުގައިވި އުނދަގޫކަމާ، ރިހުމުގެ ސަބަބުން ސަވާއަށް ވާހަކަ ދެއްކުންވެސް ވީ އުނދަގޫކަމަކަށެވެ. އޭނާގެ މުޅި ހަށިގަނޑުވެސް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. ކިޔައިދޭން ނޭނގޭފަދަ އުނދަގުލެއް މުޅި ހަށިގަނޑުގައި ވާއިރު، އަދިވެސް ހީވަނީ ވާފިރުގެ މުޑުދާރު އަތްތިލަ އޭނާގެ ހަށިގަނޑުގައި ބީހޭހެންނެވެ.

"އަހަރެންގެ ގައިގައި ހީވަނީ މީހަކު އަތްލާހެން." ރޮމުން ރޮމުން ސަވާއަށް ބުނެވުނެވެ.

"މީހަކު ނެތޭ މިތާކު. އަހަރެން އެކަނި މިހުރީ…" އިޝްފާން ސަވާ މަސަލަސްކުރަން މަސައްކަތްކުރިއެވެ. އެއްލި ކަޅިއަކުން ދޮރުމަތީގައި ހުރި ފަތުޙީ އިޝްފާންގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އޭރުވެސް، ސަވާ ދިޔައީ ރޮމުންނެވެ.

"ކަލޭ ކޯންޗެއް ތި ބަލަނީީ." ފަތުޙީ ފެނުމާއެކު އިޝްފާންއަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ފަތުޙީ ތިރިއަށް ފޭބިއިރު، އެ ކޮޓަރިން ރޯއަޑު އިވުމުން މަޑުކޮށްލީއެވެ. ސަވާއަށް ލިބިފައިވާ ވޭން އަންދާޒާކޮށްލެވުނު ނަމަވެސް، އޭނާގެ އަބުރު ޤުރުބާން ކުރާނީ ކިހިނަކުންހެއްޔެވެ؟ އެ މަންޒަރުން އޭނާގެ ހިތަށް އަސަރުކުރިނަމަވެސް، އަމިއްލަ ހިތުގެ އެދުންތަކުގެ ކުރިމަތީގައި ފަތުޙީއަށް އިސްޖަހާލަން މަޖުބޫރުކުރުވީ އޭނާގެ އަމިއްލަ ނަފްސާއި ކިބުރުވެރިކަމެވެ. އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އެކަކާ މެދުވެސް ފަތުޙީއަކަށް ނުވިސްނެއެވެ. އެއީ ތިމާގެ އަމިއްލަ ލޭކަމުގައިވިޔަސް މެއެވެ.

"މީކަލޭގެ ކަންތައް. ހަމަ މިހާރު ދޭ…" އިޝްފާންގެ އަޑު ބާރެވެ. ފަތުޙީއަށް ބަލަން އިން ސަވާގެ ދެލޮލުގައިވެސް ވަނީ ޝަކުވާއެވެ. ބައްޕައަށް އޭނާއަށް ވުރެ ވާފިރު މުހިންމުވީހެއްޔެވެ؟ ނޫނީ އާއިލާއަށް ވުރެ އަމިއްލަ އެދުން މުހިންމުވީހެއްޔެވެ؟ ހިތުގައި ކިތަންމެ ޝަކުވާއެއް އުފެދުނު ނަމަވެސް، ސަވާއަކީ އިޝްފާން ފަދައިން އެ ޝަކުވާތައް ދުލާ ހިސާބަށް ގެންނާނެ މީހެއް ނޫނެވެ. ހަނު ހުރެވެނީ އެހެންވެގެންނެވެ. އެ ހުރިހާ ގިލަންވެރި އިޙްސާސްތައް ހިތުގެ އަޑީގައި ފޮރުވަނީ އެހެންވެގެންނެވެ. އެހެންނަމަވެސް، މިއަދު އޭނާ ވަރުބަލިވެއްޖެއެވެ. ބަލިކަށިވެއްޖެއެވެ. އަމިއްލަ ނަފްސާމެދު ވެސް އެއްވެސް އިތުބާރެއް ނެތެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ގޮތް ހުސްވެއްޖެއެވެ. މި ބިރުވެރިކަމުން އޭނާ މިންޖުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟

އިޝްފާން ހަޅޭއްލަވަން ފެށުމުން އެތަނުގައި ހުރުމުގެ ޚިޔާލު ދޫކޮށްލާފައި ފަތުޙީ ދިޔައީ ތިރިއަށެވެ. ކޮޓަރިއަށް ވަތްއިރު، މަދީޙާ އުޅެނީ އެނދު ތަންމަތި އަޅާށެވެ. އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެފައި ފަތުޙީ މަދީޙާއަށް ގޮވާލިއެވެ.

"މަދީޙާ…" ފަތުޙީގެ އަޑުގައިވި ސީރިއަސްކަމުން މަދީހާ ހަރަކާތްތައް މަޑުޖައްސާލަމުން ފަތުޙީއަށް ބަލާލިއެވެ. އިސްޖަހާލައިގެން ކަހަލަ ގޮތަކަށް އިން ފަތުޙީ ފެނުމާއެކު މަދީހާ ފަތުޙީ ކައިރިއަށް ގޮސް ހުއްޓުނެވެ.

"ކިހިނެއްވީ؟" ފަތުޙީ ބުނަން އުޅޭ ވާހަކައިގެ ސީރިއަސްކަން މަދީހާއަށް އިޙްސާސްވުމާއެކު، އޭނާގެ މޭ ވެސް ތެޅިލިއެވެ.

"އަހަންނަށް ހީވަނީ ސަވާއަށް ނަފްސާނީ އެހީތެރިކަން ބޭނުންވާހެން." ބުނަން ނުބުނަން އިންދައަކުން އިނުމަށްފަހު، އެންމެފަހުން، ފަތުޙީ ބުނެލިއެވެ. އޭނާ މަދީހާއަކާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ހީވަނީ ޖެހިލުންވެފައި އިންހެންނެވެ.

"ފަތުޙީ…"ފުރަތަމަ ފަހަރަށް ފަތުޙީގެ ދުލުން ސަވާއާ މެދު ކަންބޮޑުވެފައިވާ ޖުމްލައެއް އަޑުއިވުމުން މަދީހާއަށް އެ އަޑު ޤަބޫލެއް ނުކުރެވުނެވެ. އެފަދަ ޖުމްލައެއް އޭނާއަށް އެ އަޑު އިވުނީ ހަމަ ފަތުޙީގެ ދުލުންބާއޭ ވެސް މަދީހާގެ ހިތަށް އެރިއެވެ. ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިނދެވުނީވެސް އެހެންވެގެންނެވެ.

ފަތުޙީގެ ކައިރީގައި ސޯފާގެ އެއްފަރާތުގައި އިށީނދެ މަދީހާ، ފަތުޙީގެ އަތުގައި ހިފައްޓާލަމުން ފަތުޙީއަށް ގޮވާލިއެވެ. ފަތުޙީ މަދީހާއަށް ބަލައިލުމާއެކު، ހިތްވަރުކޮށްފައި މަދީހާ އޭނާގެ ހިތުގެ އެދުން ފަތުޙީ ކައިރީގައި ހާމަކޮށްލިއެވެ. ސަވާއާ މެދު ފަތުޙީ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ފަހަރެއްގައި އޭނާ ބުނާބަސް ފަތުޙީ ޤަބޫލުކޮށްފާނެއެވެ.

"ކިހިނެއްވީ؟" މަދީހާ ކުޑަކޮށް ޖެހިލުންވީކަން ފަތުހީއަށް ދެނެގަނެވުނެވެ. ހަމައެއާއެކު އެ ބުނަން އުޅޭ އެއްޗެއްވެސް އޭނާއަށް އަންޒާޒާކޮށްލެވިއްޖެއެވެ.

"ސަވާއާ މެދު ވިސްނަންޔާ އެ ކުއްޖާފުޅަށް އިންސާފު ހޯދައިދީ ފަތުޙީ. ވާފިރު މިތަނުން ފޮނުވާލުމަކުން، އަހަރެމެންގެ ދަރިފުޅަށް އެ ލިބުނު ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ފޫ ނުބެއްދޭނެ. ރެއާ ދުވާލު އެ އަޅާ ކަރުނަތަކެއް ނުހުއްޓުވޭނެ. އަހަންނަށް އެނގޭ ފަތުޙީގެ ކޮއްކޮކަން ވާފިރަކީ. މިއަދު އޭނާ އެގޮތަށް ދޫކޮށްލައިފިނަމަ ދެން ނޭނގެ ކޮން އާއިލާއެއްގެ ކޮން ކުއްޖެއްކަމެއް އޭނާގެ ޝިކާރައަކަށް ވާނީ. ހެޔޮނުވާނެ، ފަތުޙީ…" މަދީހާގެ ވާހަކަ ހުއްޓުނީ ފަތުޙީ އޭނާގެ އަތް މަދީހާގެ އަތުގެ ތެރެއިން ދަމައިގަތުމުންނެވެ. ފަތުޙީ އިތުރު އެއްޗެއް ނުބުނި ނަމަވެސް، އެކަމާ އޭނަ އެއްބަސްނުވާނެކަން މަދީހާއަށް އެނގުމާއެކު، އިސްޖަހާލެވުނެވެ.

"އަހަރެން ރަނގަޅު ތެރަޕިސްޓެއް ހޯދާފަ މަދީހާއަށް އަންގާނަން." އެހެން ބުނެލާފައި ސޯފާއިން ތެދިވި ފަތުޙީ ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. އޭނާ ނުކުމެ ދޮރު ލައްޕާލުމާއެކު، ފުންނޭވާއެއް ދޫކޮށްލި މަދީހާއަށް އޭނާގެ މެއާ ދިމާލުގައި އަތް އަޅާލެވުނީ މެއަށް އެރި މަޑު ރިހުމުގެ ސަބަބުންނެވެ. ފަތުޙީ ގޮތް ދޫނުކުރާނެކަން މަދީހާއަށް އެނގެއެވެ. އެހެންނަމަވެސް، އަންހެން ދަރިއަކަށް އެފަދަ ގެއްލުމެއް ވެގެން ދިޔައިރު، ހަނު ހުންނާތީ ފަތުޙީއާ މެދު އޭނާގެ ހިތުގައި އުފެދިފައިވަނީ ހުސް ޝަކުވާއެވެ.

ފަތުޙީ ގެއިން ނުކުމެ ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ.

*****

ހަވީރުގެ ވަގުތެވެ. ސަވާމެން ގޭ ކައިރިއަށް އައިސް އެއްފަރާތުގައި ރީހާން އޭނާގެ ކާރު ޕާކުކޮށްލައިގެން އޮތެވެ. އެންމެ ފަހަރަކުވެސް ސަވާ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެއީ އޭނާގެ އާދައެވެ. މި ވީ ދުވަސްތަކުގައި ސަވާ އޭނާގެ އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ވީ ގޮތެއް ނޭނގި އެގޮތަށް ގުޅުން ކަނޑާލުމުން ރީހާންގެ ހިތުގައި ބައިވަރު ސުވާލު އުފެދުނެވެ. ހަމައެއާއެކު އޭނާގެ ހިތުގައި ރިހެމުން ދިޔައެވެ. ސަވާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އޭނާއާ މެދު އެގޮތަށް ސަވާ ކަންތައް ކުރީ ކީއްވެހެއްޔެވެ؟ ގަސްތުގައި ހެއްޔެވެ؟ ނޫނެވެ. ސަވާއަށް ކޮންމެވެސް މަޖުބޫރީ ޙާލަތެއް ދިމާވީއެވެ. ސަވާއާ މެދު ގޯސްގޮތަކަށް ވިސްނަން ރީހާންގެ ސިކުނޑި ތަން ނުދެނީ އޭނާގެ އެ ހިތުގައި ސަވާއަށްޓަކައި ވާ ފުން ލޯތްބެވެ. ދެގޮތެއް ނުވާ އިޙްސާސްތަކާއި ބާރުގަދަ ޖަޒުބާތުތަކެވެ. ހަޤީގީ ލޯތްބަކީ ހާދަ އެހެން ކަހަލަ އިޙްސާސްއެކެވެ. ލޯބިވުމަށްފަހު އެ ލޯބި ހިތުން ފުހެލުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫނެވެ. ކުޑަނަމަވެސް ލޯބިވެރިޔާގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވޭނަމަ އެކަން އިޙްސާސްވުމަކީ ވެސް ލޯބީގެ ބާރުގަދަ ކަމުގެ ހެއްކެކެވެ.

ކާރުން ފޭބުމަށްފަހު، ރީހާން ގޮސް އެގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ތަޅުލާފައި ހުރުމުން ވަދެވޭނެ އިތުރު ގޮތެއް ނެތެވެ. ސަވާ އާ ބައްދަލުކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެގެއިން މީހަކު ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. ސަވާއަށް ގުޅާލިއިރު، ފޯނު އޮތީ ނިއްވާލާފައެވެ. ނަސީބަކުން މާ ގިނައިރު، އިންތިޒާރުކުރާކަށް ނުޖެހުނެވެ. އެގެއިން މީހަކު ނުކުތުމާއެކު ރީހާން ވަނެވެ. ލިފްޓަށް އަރައިގެން އޭނާ ސަވާ ބުނެފައިވާ ފްލޯއަށް އެރިއެވެ. ގޭގެ ބެލް އަޅައިލުމާއެކު، ދޮރު ހުޅުވީ މެދު އުމުރުގެ އަންހެނެކެވެ. އެއީ ސަވާގެ މަންމަކަން ރީހާންއަށް ޔަޤީންވިއެވެ.

"އަނެއް… ސަވާ…އެބަ އުޅޭތަ؟" ރީހާން ހުރީ ޖެހިލުންވެފައެވެ.

"ކޮން ކުއްޖެއް މީ… އެބަ އުޅޭ…" މަދީހާ ބުނެލިއެވެ. އެއަށްފަހު، އޭނާ ރީހާން ވަންނަން ތަން ދެއްކިއެވެ. ސޯފާތައް ދައްކާލާފައި އިށީނދެލަން ބުނެފައި ބަދިގެ ފަރާތަށް ގޮސް ފެންތައްޓެއް ގެނެސްދީފައި މަދީހާ އެރީ މައްޗަށެވެ. އޭނާ ސަވާ ގާތު ރީހާން ކިޔާ ޒުވާނަކު އައިސް އިން ވާހަކަ ބުނުމުން ސަވާ މަދީހާއަށް ބަލާލާފައި އޭނާ ރީހާންއާ ބައްދަލުކުރަން ބޭނުން ނުވާކަމުގައި ބުންޏެވެ. ހަޤީގަތުގައި ސަވާގެ އެ ހިތްވަރު ނެތީއެވެ. ރީހާންއާ ކުރިމަތިލާނެހާ ހިތްވަރު ނެތީއެވެ. އެ ހިތުގެ ރިހުންތައް ރީހާންގެ ކުރިމަތީގައި ބަންޑުން ކުރާހާ ހަކަތައެއް އޭނާގެ ހަށިގަނޑަކު ނެތެވެ.

ރީހާންއަކީ ސަވާގެ ކާކުކަން މަދީހާއަށް ޔަޤީންކުރެވުނެވެ. ސަވާގެ ޙާލަތު އޭނާއަށް އެނގޭތީ ސަވާއަށް މަޖުބޫރުކުރާކަށް މަދިހާ މަސައްކަތެއް ނުކުރިއެވެ. އޭނާ ނުކުމެފައި ރީހާންގެ ކައިރީގައި ސަވާއާ މިވަގުތު ބައްދަލުކުރެވެން ނެތް ވާހަކަ ބުނެލިއެވެ. ރީހާންއަށްވެސް އިތުރު ސުވާލުތަކެއް ކުރާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އެއްޗެއް ނުބުނެ ޝުކުރު އަދާކޮށްފައި ގޮސް ގެއިން ނުކުތެވެ. ލިފްޓަށް އިންތިޒާރުކުކޮށްގެން އެ ހުރި މަދު ވަގުތުކޮޅުގައިވެސް އޭނާގެ ހިތުގައި ސުވާލުތައް އުތުރިއަރަމުން ދިޔައެވެ. ލިފްޓު ހުޅުވުމާއެކު އެތެރެއިން ނުކުތް ޒުވާނާއަށް ބަލާލާފައި އޭނާ ހިނިތުންވެލިއެވެ.

"އެކްސް ކިއުޒް…" ގެއަށް ވަންނަން އުޅުނު އިޝްފާންއާ ރީހާން ވާހަކަ ދެއްކިއެވެ. އިޝްފާންއާއެކު ސަވާ ނަގާފައިވާ ފޮޓޯތައް ފެނިފައިވުމާއެކު، އެއީ ކާކުކަން ރީހާންއަށް އެނގުނެވެ.

"ހޫމް…" އިޝްފާން އެނބުރިލިއެވެ.

"މީ.. ސަވާގެ ކޮއްކޮތަ؟ ސަވާ ކިހިނެއް؟" ރީހާން ސުވާލުކޮށްލިއެވެ.

"ތީ ކާ… އޯހް…" އިޝްފާންއަށް އެއީކާކުކަން އެނގުނު ފަދައެވެ. "ދޮންތަ އޯކޭއެއް ނޫން. އެކަމަކު…"

"ދޮންތަ އެއްގޮތަކަށްވެސް އަހަންނާ ބައްދަލުކުރާކަށް އެއްބަހެއް ނުވޭ. އެހަރެން މި ހުންނަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފައި." ރީހާންގެ އަޑުގައިވި ކަންބޮޑުވުން އިޝްފާންއަށް ފާހަގަކުރެވުނެވެ. ހަމައެއާއެކު، ރީހާންގެ ދެލޮލުން ސަވާއަށްޓަކައިވާ ލޯބި އޭނާއަށް ފެނުނެވެ.

"ދޮންތައަށް ޓައިމްކޮޅެއް ބޭނުންވަނީ. އެއްގޮތަކަށްވެސް ތި މީހަކު ދެކެ ރުޅިއައިސްގެނެއް ނޫން. އަހަރެން ދޮންތައާ ވާހަކަ ދައްކާނަން." އިޝްފާން ޔަޤީންކަންދިނެވެ. އެ ވާހަކަތަކުން ރީހާންއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ޝުކުރު އަދާކޮށްފައި ދިޔުމާއެކު، އިޝްފާން އެތެރެއަށް ވަނެވެ.

ޖެހިގެން އައި ދުވަހެވެ. ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ. އިޝްފާން އިނީ މާފަންނުކޮޅުގައި ހުރި ގެއެއްގައެވެ. އޭރު އެގޭގައި ހުރީ އިނގިރޭސިލަވައެއް ޖަހާފައެވެ. ދެ ޖިންސްގެ ޒުވާނުން މަސްހުނިވެގެން ނަށަމުންދިޔައިރު، އެއްފަރާތުގައި ހުރި ސޯފާގައި ތިބި މީހުން ދިޔައީ މަސްތުވާތަކެތީގެ އެކިއެކި ބާވަތްތައް ބޭނުންކުރަމުންނެވެ.

ސޯފާގައި އިން އިޝްފާންގެ ސިކުނޑި ހީވަނީ ގޮވާފާނެހެންނެވެ. މިރޭވެސް ސަވާއަށް ވީވަރު އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ބޮލުގައިވަނީ މަޑުމަޑު ރިހުމެކެެވެ. ވާފިރު ދެކެ އައިސްފައި ހުރި ރުޅިވެރިކަން ވަނީ މުޅި މީހާގެ ނަފްސު ހިސާރުކޮށްފައެވެ. ވާފިރު މިނިވަންކަމާއެކު އުޅެމުންދާތަން ބަަލަން ދެން އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ވާފިރަށް ޖެހޭނީ ހައްޤު އަދަބު ލިބޭށެވެ. ބޮލަށް ވާން ވާން ފެށުމުން އިޝްފާންވެސް އޭނާގެ އަތަށް އިންޖެކްޝަނެއް ޖަހާލިއެވެ. އެވަގުތު އެތަނަށް ވަދެގެން އައި މީހަކު އޭނާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލުމާއެކު އިޝްފާން ދެބުމަ ގޮށް ޖަހާލަމުން ތެދުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު