މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙާޖީން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި އާންމު ގޮތެއްގައި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މިއަދު ބުނެފިއެވެ.
އިއްޔެ ބޮޑު ބައެއް މިނާގައި ހޭދަކުރުމަށް ފަހު ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފަށާފައިވަނީ އިއްޔެއެވެ.
ޙައްޖު މިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިވެހި ހުރިހާ ޙައްޖުވެރިން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށެވެ. އަދި، އާންމު ގޮތެއްގައި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޙައްޖު މިޝަނުން ބުންޏެވެ.
ޙައްޖު ދުވަސް ނުވަތަ އަރަފާތުގެ ދުވަހަކީ މިއަދު ކަމަށްވާއިރު ގާތްގަނޑަކަށް 2.1 މިލިޔަން ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ މުގައްދަސް ބިންތަކަށް ޖަމާވެފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.
އަރަފާތުގެ ބިމުގައިވާ ނަމިރާ މިސްކިތުގައި މިއަދު މެންދުރު ނަމާދަށް ފަހު ޙައްޖު ޚުތުބާ ދިނުން އޮންނާނެއެވެ. ދުވަހުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ގުރުއާން ކިޔެވުމާއި ހެޔޮ ދުއާކުރުމާއި ތަކްބީރު ތަހްލީލުކުރުމާއި ހޭދަކުރުމަށް ފަހު އިރުއޮއްސޭން ފެށުމާ އެކު ޙައްޖުވެރިން މުޒްދަލިފާއަށް ނަފްރާ ކުރާނެއެވެ.
މިރެއަކީ އަޟްހާ އީދު ވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން މާދަމާ (ޢީދު ދުވަހުގެ) ފަތިހުގެ ވަގުތުގައި އަނެއްކާ ވެސް މިނާއަށް ދިޔުމުގެ ދަތުރު ފަށާނެއެވެ.
މިނާއަށް ގޮސް ޙައްޖުވެރިން ހަދްޔު ކަތިލާނެއެވެ. މިކަން ކުރިއަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ މުއައްސަސާތަކުންނެވެ. ޙައްޖުވެރިން ޙައްޖުގެ މަޝާއިރުތަކަށް ދިއުމުގެ ދަތުރުފަތުރު ހަމަޖެއްސުމުގައި ބަހުގެ އިތުރުން އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން ވެސް މިހާރުދަނީ ހިފަމުންނެވެ. އެހެންކަމުން މައްކާގެ ހަރަމްފުޅުގެ ސަރަހައްދުން މިނާއަށް ދިޔުމުގައި މަގުތައް ތާށިވުމުގެ މައްސަލަ މިހާރު ވަރަށް ކުޑައެވެ.
ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. ނަމަވެސް، އަވަހަށް ތަހައްލުލުވާން ބޭނުންވާ ޙައްޖުވެރިން ތިބޭނީ އެއް ދުވަހު ނުވަތަ ދެ ދުވަހުއެވެ. އެއަށް ފަހު މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.