ދިވެހިބަހުގެ އެކެޑަމީއަށް ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި

ދިވެހިބަހުގެ އެކަޑަމީން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުން: ދިވެހިބަހުގެ އެކެޑަމީއަށް ޑިރެކްޓާ ޖެނެރަލަކު ހޯދަން ވަނީ އިޢުލާންކޮށްފައި -- ފޮޓޯ/ ދިވެހިބަހުގެ އެކަޑަމީ

ދިވެހިބަހުގެ އެކެޑަމީއަށް ޑިރެކްޓާ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ކުރި އިޢުލާނުގައިވާ ގޮތުން މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި 16 ކަމެއް ހިމެނެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު ކަންކަން:

  • ދިވެހިބަހުގެ އެކެޑަމީގެ ރައީސާއި ނައިބު ރައީސްގެ ލަފަޔާއި އިރުޝާދުގެ ދަށުން އޮފީހުގެ މަސައްކަތްތައް އިންތިޒާމްކޮށް ހިންގުމުގައި އެހީތެރިވުން
  • ދިވެހިބަހުގެ އެކެޑަމީގެ ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް އިދާރާގެ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މަސައްކަތް ކުރުން
  • ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ހިންގުމުގައި މާލީ ޒިންމާދާރުވެރިޔާއަށް އެހީތެރިވެ، އެ ގާނޫނު ހިންގުމުގައި ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް ހަވާލުކުރެވޭ މިންވަރަކަށް ޒިންމާވުން
  • ދިވެހިބަހުގެ އެކެޑަމީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ދާއިރާތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، ޚިދުމަތްތައް އަވަސްވާނޭ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމާއި، އެ ޚިދުމަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ، ނުވަތަ އިސްލާޙުކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ފާހަގަކޮށް އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން

ދިވެހިބަހުގެ އެކެޑަމީއަށް ޑިރެކްޓާ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފައިވާއިރު، މި މަޤާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 13،890 ރުފިޔާއެވެ.

މުސާރައިގެ އިތުރުން ހިނގާނެ އިތުރު އެލަވަންސްތަކުގެ ތެރޭގައި ހިމެނެނީ:

  • ސާވިސް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ
  • ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1،500 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ
  • ސިވިލް ސާވިސް ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

މި މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންވާނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން، ދިވެހިރާއްޖެގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއް، ނުވަތަ އަށެއްގެ ބެޗްލާސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން އަށް އަހަރު ދުވަހުގެ ތަޖުރިބާއެއް ލިބިފައިވުމެވެ.

ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ މާސްޓާސް ޑިގްރީއިން ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • އަސާސީ ޝަރުތު ހަމަވުން - %30
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - %5
  • ޕްރިފާޑް ޑިސިޕްލިން ސެޓްފިކެޓް - %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
  • އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) - %15
  • ޕްރެޒެންޓޭޝަން - %10
  • އިންޓަވިއު - %30

އިޢުލާނުގައި ބުނެފައިވަނީ މި ވަޒީފާއަށް އެދޭ ފޯމުގެ އިތުރުން ހުށަޅަންޖެހޭ ތަކެތި 27 ޖޫންވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެ ކަމަށް އިޢުލާނުގައިވެއެވެ.

comment ކޮމެންޓް