އޮލިމްޕިކްސްގައި އިސްރާއީލު ބައިވެރިނުކުރަން ގޮވައިލައި ސްވިޒަލޭންޑުގައި މުޒާހަރާކޮށްފި

އޮލިމްޕިކްސްގައި އިސްރާއީލު ބައިވެރނުކުރުމަށް ގޮވައިލައި ފަލަސްތީނުގެ ދިދަ ހިފައިގެން މުޒާހަރާ ކުރަނީ. މުޒާހަރާކޮށްފައި ވަނީ ސްވިޒަލޭންޑުގައި ހުންނަ އޮލިމްޕިކް ކޮމެޓީގެ އިދާރާ ކުރިމަތީގައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތައިލުމުގެ ބޮޑު ޖަރީމާއެއް ކަމަށްބުނެ، މިއަހަރުގެ އޮލިމްޕިކް ގޭމްސްގައި އިސްރާއީލަށް ވާދަނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ގޮވައިލައި ސްވިޒަލޭންޑްގައި މުޒާހަރާކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސްވިޒަލޭންޑުގެ ލޯޒާންގައި ހުންނަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އިދާރާގެ ކުރިމައްޗަށް އެއްވެފައެވެ. އަދި އެމީހުން ވަނީ އިސްރާއީލަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ކޮމެޓީއަށް ބުނެދިނުމުގެ ގޮތުން އެ އިދާރާގެ ދޮރުމަތީގައި ރަތް ކުލައިގެ ނިޝާން ބޭނުންކޮށްފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށި ރަޝިއާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން އޮލިމްޕިކްސްއިން ރަޝިޔާ އާއި ބެލަރޫސް ބާކީ ކުރުމަށް ކޮމިޓީއަށް ނެގީ މަދު ދުވަސްކޮޅެއް ކަމަށް ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލާ ދެކޮޅަށް ލިޔުން ލިޔެފައިވާ ބެނާއެއްވެސް އުފުލާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލަކީ ކުށްކުރާ ގައުމެއް ކަމަށާއި އެ ގައުމުގައި އިންޓަނޭޝަނަލް ކްރިމިނިލް ކޯޓުން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އޮފިޝަލުން އެބަތިބި ކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން ފަރަންސޭސިވިލާތުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ނިމުމަކަށް ގެނައުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވައިލައިފައެވެ. މިހާރުވެސް ފަރަންސޭސިވިލާތުގެ 4،000 އެއްހާ ރައްޔިތުން ދަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންނެވެ.

މިއަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އަންނަ ޖުލައި މަހުގެ 26އިން އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔެއިން އަންނަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް މަގްސަދު ހާސިލު ނުވަނީސް ޣައްޒާއިން ނުފައިބާނެ ކަމަށްބުނެ، އިސްރާއީލުން އަންނަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އަށް މަސްވެފައިވާ އެ އުދުވާނީ ހަމަލާގައި މިހާތަނަށް 37،200 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 84،900 އަށް އުފުލިފައެވެ.

comment ކޮމެންޓް