މި ފަހަރުގެ އީދަށް ވެސް އެންމެ ޑިމާންޑް ބޮޑު އެއް ރަށަކަށް މާފުށި

މިފަހަރުގެ އީދަށްވެސް އެންމެ ޑިމާންޑް ބޮޑު އެއް ރަށަކަށް މާފުށި-- ފޮޓޯ: ކާނި ޕާމް ބީޗް

މިފަހަރުގެ ބޮޑު އީދަށް ވެސް މާފުށީ އޮތީ ވަރަށް ޑިމާންޑް ބޮޑުކޮށް ކަމަށާއި ގިނަ ގެސްޓް ހައުސްތައް މިހާރު ވެސް އޮވާ ބުކްޑް ކަމަށް މާފުށީ ކައުންސިލުން ބުނެފިއެވެ.

މިގޮތުން މާފުށީ ކައުންސިލުން މިއަދު "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިފަހަރު ވެސް އީދާ ދިމާކޮށް މާފުށީގެ އެންމެ ބޮޑެތި ގެސްޓް ހައުސްތައް ކަމަށްވާ އެރޭނާ އަދި ކާނި ހޮޓެލް ވެސް އޮތީ މިހާރު ވެސް އޯވާ ބުކްވެފައި ކަމަށެވެ.

ކައުންސިލުން ބުނީ ބޮޑެތި ގެސްޓްހައުސްތަކުގައި ޖާގަ ނެތަސް ރަށުގައި ހުރި ކުދި ގެސްޓްހައުސްތަކުން އަދި ޖާގަ އެބައޮތްކަމަށެވެ.

މީގެއިތުރުން ރަށުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް ކުލަގަދަކޮށް އަންނަ ބޮޑު އީދު ފާހަގަކުރަން އެރަށު ކައުންސިލުން ނިންމާފައިވާއިރު، ކައުންސިލުން އެދެނީ ވީހާ ވެސް ގިނަ މީހުން އެ ރަށަށް ޒިޔާރަތްކޮށް މިހާރުއްސުރެ ގެސްޓްހައުސްތަކަށް ބުކް ކުރުމަށެވެ.

މާފުށީގައި މިފަހަރު ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ރޭގައި އީދު ހަރަކާތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެރޭގައި އީދު ބަޑި ރޯކުރުން ހަމަޖެހިފައިވާއިރު، ވެދުމާއި ދިއުން އަދި ސަގާފީ ޖާފާތްވެސް އެރޭގައި އޮވެއެވެ.

މިފަހަރުގެ ބޮޑު އީދުގައި ވެސް ސަގާފީ ކުޅިވަރުތަކާއި ޝޯތަކާއި، ކޯޑި ކެނޑުމާއި މަސްރޭސް ގެ އިތުރުން ތަފާތު އެކި ކުޅިވަރުތައް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާއިރު، އީދު ދުވަހުގެ ފުރަތަމަ ރޭގައި ހަވާއެރުވުމަށް ވެސް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ އެއް ރަށް ކަމަށް ވާއިރު ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް އެރަށުގެ އީދު ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ.

comment ކޮމެންޓް