ރޮނާލްޑޯގެ އެހީގައި، އަޔާލެންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެ

މި މެޗުގައި ޖެހި ލަނޑުތަކާއެކު، ރޯނާލްޑޯ ޕޯޗުގަލްއަށް ކުޅެދިން 207 މެޗުގައި ޖެހި ގޯލްގެ އަދަދު ވަނީ 130އަށް އަރާފައި --

އަޔަލެންޑާ ދެކޮޅަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ޕޯޗުގަލް މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ޕޯޗުގަލް ކާމިޔާބުކޮށްފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ތިން ގޯލްގެ ތެރެއިން ދެ ގޯލު ފެނުނީ ފަހު ހާފުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ލަނޑު، 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް، ޔާއޯ ފެލިކްސް އެވެ. މި ހާފުގައި ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިއީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން ޕޯޗުގަލް ކުޅުނު މެޗުތަކުގެ ތެރެއިން ރޮނާލްޑޯ މިހާތަނަށް ފެނުނު ފުރަތަމަ މެޗެވެ.

ޕޯޗުގަލް ޓީމުން ފަހު ހާފުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ރޮނާލްޑޯއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު ޖަހައިދިން އިރު، މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން ރޮނާލްޑޯ ވަނީ ތިންވަނަ ލަނޑު ޖަހައިފައެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު، ރޮނާލްޑޯ ޕޯޗުގަލްއަށް ކުޅެދިން 207 މެޗުގައި ޖެހި ގޯލްގެ އަދަދު ވަނީ 130އަށް އަރާފައެވެ.

ޔޫރޯގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޗެކްރިޕަބްލިކާއި ތުރުކީ އަދި ޖޯޖިއާ އެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.

comment ކޮމެންޓް