ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ތާއީދުކޮށްފި

އދގެ ސަލާމަތީ މަޖިލީސް ކުރާ ގެ. ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ވަނީ ތާއީދުކޮށްފަ. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނީ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށްފިއެވެ.

ސަލާމަތީ މަޖިލީހުން ވަނީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އެ ހުށަހެޅުން ގަބޫލުކުރުމަށް ވެސް އެދިފައެވެ.

ހަމާސް އިން ވަނީ އެމެރިކާގެ ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ތާއީދުކުރުމުން އެކަމަށް މަރުހަބާ ކިޔައިފައެވެ. އަދި ހުށަހެޅުމުގައިވާ އުސޫލުތައް އެކުލަވައިލުމުގައި އެއްބާރުލުން ދޭނެ ކަމަށް ވެސް ހަމާސްއިން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިސްލާމިކް ޖިހާދުން ބުނީ އެ ހުށަހެޅުމުގައި ހިމެނޭ ކަންކަމަށް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ހާއްސަކޮށް ހަނގުރާމަ ހުއްޓައިލައި ޣައްޒާއިން އިސްރާއީލު ސިފައިން ފައިބާނެކަމަށް އޮތް މާއްދާ އަކީ އެއްބަސްވެވޭނެ މާއްދާއެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.

އެމެރިކާގެ އެ ހުށަހެޅުމަށް ވޯޓު ނުދެނީ ހަމައެކަނި ރަޝިއާއިންނެވެ.

ތިން މަރުހަލާއެއް ހިމެނޭ އެމެރިކާގެ އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ހަ ހަފުތާއަށް ހަނގުރާމަ މެދުކަނޑައިލާ ޣައްޒާގެ ހުރިހާ ސަރަހައްދަކުން އިސްރާއީލު ސިފައިން ފައިބަންޖެހެއެވެ.

އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ބައެއް އިސްރާއީލު އަސީރުން މިނިވަން ކުރަން ޖެހެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުންވެސް އެ މުއްދަތުގައި ކުރިއަށްދާނެ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.

ދެވަނަ މަރުހަލާގައި ޣައްޒާގައި ދިރިތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ފޭބުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުން ހިމެނެއެވެ.

އެންމެ ފަހު މަރުހަލާގައި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާނެއެވެ. އަދި މަރައިލައިފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރާނެއެވެ.

އެމެރިކާގެ ހުށަހެޅުމަށް ތާއީދުކުރުމަށް ސަލާމަތީ މަޖިލީހުގައި އެދިފައި ވަނީ މިދިޔަ ހަފްތާއެވެ.

ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ހަމާސްއިން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމާއި ހާއްސަކޮށް އިސްރާއީލުން ރަފަހަށްދޭ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އަމުރުކޮށްދިނުމަށް އެދި ސަލާމަތީ މަޖިލީހަށް އަލްޖީރިއާއިން ގަރާރެއް ހުށަހެޅިތާ އެއް ހަފުތާ ފަހުންނެވެ.

comment ކޮމެންޓް