މި މަހު 27ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރެވިފައި އޮތް ސައިންސް ފިކްޝަން އެކްޝަން ފިލްމު "ކަލްކީ 2898AD"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ. މި ޓްރެއިލާ ރިލީޒްކުރުމާ އެކު އެންމެ ދެ ގަޑިއިރުތެރޭ ޓްރެއިލާ ބެލި މީހުންގެ އަދަދު ވަނީ 1.6 މިލިއަނަށް އަރާފައެވެ.
މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ "ކަލްކީ" އަކީ ޑައިރެކްޓަރު ނާގް އަޝްވިން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޑައިރެކްޓަރު ނާގް އަޝްވިން އަކީ އިންޑިއާގެ ޤައުމީ އެވޯޑު ކާމިޔާބުކޮށްފައިވާ ތެލުގޫ ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ ތަޖުރިބާކާރު ޑައިރެކްޓަރެކެވެ.
ސައުތު ސިނަމާގެ ތަރިން ކަމަށްވާ ޕްރަބާސް، ކަމާލް ހަސަން، އަމީތާބް ބައްޗަން، ދީޕިކާ ޕަދުކޯން އަދި ދިޝާ ޕަތާނީ މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ސީންތަކާ އެކު ސިނަމާގެ އަޑު ވަރަށް ގަދަވާނެ ފިލްމެކެވެ.
މި ފިލްމުގެ ޓީޒާއެއް މީގެ ކުރިން ދައްކާލިއިރު ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ވަރަށް ގިނަ ބަޔަކު ވަނީ ޑައިރެކްޓަރު ނާގު އަޝްވިންގެ އުފެއްދުމަށް ތައުރީފުކޮށްފައެވެ. ޚާއްސަކޮށް ފިލްމުގެ ވީއެފްއެކްސް އަދި ގިނަ އެކްޝަން ސީންތައް އާއްމުންނަށް ކަމުދިޔައިރު އެއްބަޔަކު ބުނެފައިވަނީ "ކަލްކީ" ބޮޑަށް ވައްތަރީ ހޮލީވުޑްގެ ފިލްމު "ޑޫން:ޕާޓް2"އާ ކަމަށެވެ.
ގިނަ ބަޔަކު ރެބެލް ތަރިއެއްގެ ދަރަޖަ ދީފައިވާ ޕްރަބާސްގެ އެކްޝަން ފިލްމަކަށް ކުރެވޭ އިންތިޒާރަށް ނިމުން އަންނަނީ ކަމަށްބުނެ ބެލުންތެރިޔަކު ބުނެފައިވަނީ މި ފިލްމަކީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލާނެ ފިލްމެއް ކަމަށެވެ. ހަމައެއާއެކު ޑައިރެކްޓަރު ނާގް އަޝްވިންއަކީ އަބަދު ވެސް ވަރަށް ތަފާތު މާސްޓަ ޕީސް ސިނަމާއަށް ގެނައުމުގައި ކުރި ހޯދާފައިވާ ޑައިރެކްޓަރެއް ކަމަށާއި ޑައިރެކްޓަރުގެ މި ވިޝަންއަށް ސެލިއުޓް ކުރާ ކަމަށް ބެލުންތެރިޔަކު ވަނީ ބުނެފައެވެ.
މިއީ ޕްރަބާސްއާއި ބަތަލާ ދީޕިކާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ. މި ފިލްމަށްފަހު ދިޕިކާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ ފިލްމު "ސިންގްހަމް އަގެއިން" އިންނެވެ.