މިދިޔަ މަހު ޑެންގޫ ޖެހުނު އަދަދު 600އިން މައްޗަށް، އިންފްލުއެންޒާއަށް 21 މީހުން ފޮޒިޓިވް

މެއި މަހު ޑެންގޫ ޖެހުނު އަދަދު 600 އިން މައްޗަށް، އިންފުލުއެންޒާއަށް 21 މީހުން ފޮޒިޓިވް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މެއި މަހު ޑެންގޫ ޖެހުނު އަދަދު އިތުރުވެ، 600 އިން މައްޗަށް އަރާފައިވާއިރު އިންފުލުއެންޒާއަށް މިދިޔަ މަހު 21 މީހުން ވަނީ ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އޭޕްރީލް މަހާ އަޅައިބަލާއިރު މެއި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރެވެ. އަދި މި އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު މެއި މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި އަހަރުގެ އޭޕްރީލް މަހު ވެސް ޑެންގޫ އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކޮށް، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކުރެވުނު 1139 ސާމްޕަލްގެ ތެރެއިން 161 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މި އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު މެއި މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވެސް ވަނީ އިތުރުވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.

ޑެންގީ ހުމާއި އިންފުލުއެންޒާ އެންމެ ގިނަވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހއ، ބ އަދި ކ. އަތޮޅުގައެވެ.

އަރިދަފުސް ރޯގާ އެންމެ ގިނައިން ފެތުރިފައިވަނީ ހއ، ބ. އަދި ޅ. އަތޮޅުގައެވެ. މީގެއިތުރުން ބޭރަށް ހިންގުން އެންމެ އިތުރުވީ ކ. އަތޮޅު އަދި ފުވައްމުލައް ސިޓީގައެވެ.

އެޗްޕީއޭއިން ބުނީ މި އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު އާއްމުކޮށް ރިޕޯޓް ކުރެވޭ ހުރިހާ ބައްޔެއް ވެސް ވަނީ ކޮންމެ ވެސް ވަރަކަށް އިތުރުވެފައި ކަމަށެވެ.

comment ކޮމެންޓް