މަތިވެރީގައި ޑީއާރުޕީ ޖަގަހައެއްގެ ތެރޭގައި ހުރި މީހެއްގެ ކަންފަތްމަތީ އެރަށު ސްކޫލް ބޯޑުގެ ޗެއާމަން ޖެހި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ތަހްޤީޤް ކުރަން ފަށައިފި

14:30


އއ. މަތިވެރީގައި ޑީއާރުޕީ ޖަގަހައެއްގެ ތެރޭގައި ހުރި މީހެއްގެ ކަންފަތްމަތީ އެރަށު ސްކޫލްގެ ސްކޫލް ބޯޑްގެ ޗެއާމަން ޖެއްސެވި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ތަހްޤީޤް ކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި މަތިވެރީގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.


މަތިވެރިން ވާހަކަ ދެއްކި އެރަށު އަބްދުﷲ ޝަރީފް މިއަދު ބުނީ މިހާދިސާ ހިނގީ އިއްޔެ ހަވީރުގެ ވަގުތެއްގައި ޑީއާރުޕީ ޖަގަހައިގެ ތެރޭގައި ހަތަރު މީހަކު އެ ޖަގަހައިގާ ކުލަލުމުގެ މަސައްކަތް ކުރަން ތިބެފައި އެތަނުން އެކަކު ޖަގަހައިގެ ތެރޭގައި ބަހައްޓާފައި ޖަގަހައާ އިންވެގެން ހުންނަ ކެފޭއަށް ސައިބޯން ދިޔަ ވަގުތު ކަމަށެވެ. އަދި އެމީހުން ސައިބޯން ތިއްބާ އެތަނަށް އެރަށު ސްކޫލް ބޯޑްގެ ޗެއާމަންގެ މަގާމުގައި ހުންނެވި އިސްމާއިލް އާތިފް ވަޑައިގެން ޖަގަހައިގެ ތެރޭގައި ހުރި މީހާ އަށް ގޮވައިގެން ބޭރަށް ނެރުނުތާ ތިން މިނެއްޓެއްހާ އިރުގެ ތެރޭގައި އޭނާ ކަންފަތްމަތީގައި އާތިފް ޖެއްސެވި ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެވަގުތު އާތިފް އާއެކު އެތަނަށް އެރަށުގައި އުޅޭ އެމްޑީޕީ އަށް ނިސްބަތްވާ އަށް ވަރަކަށް މީހުން އައިސް ތިބި ކަމަށާއި އެމީހުންގެ އަތުގައި ލަކުނޑި ބުރި ފަދަ އެއްޗެހިވެސް ހުރި ކަމަށްވެސް ޝަރީފް ކިޔައިދިނެވެ.


މިކަމާ ގުޅިގެން އެރަށުގެ ސްކޫލް ބޯޑުގެ ޗެއާމަން އަދި އެރަށުގައި އެމްޑީޕީ ގޮޕީގައި އިސްކޮށް އުޅުއްވާ އިސްމާއިލް އާތިފް މިއަދު ވިދާޅުވީ އެ ޖަގަހައިގެ ތެރޭގައި ހުރީ އޭނާގެ ޅިޔަނެއް ކަމަށާއި ޅިޔަނުގެ ކަންފަތްމަތީގައި ޖެއްސެވިން ކަމަށެވެ. އަދި އެކަމަކީ އާއިލީ މައްސަލައަކަށްވާއިރު އެއީ ޕާޓީ ލައިންގެ ތެރެއަށް ވައްދަންޖެހޭ ވަރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ޒާތީ ކަމެއް ކަމެއް ކަމަށްވެސް އާތިފް ވިދާޅުވި އެވެ. އަދި އެކަންތަކުގައި ސިޔާސީ ކުލަޖައްސަން ބަޔަކު މަސައްކަތް ކުރަމުންދަތީ އެކަމާ ހިތާމަކުރައްވާ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު