ކެންސަރު ފަރުވާގެ އިތުރު ސާޖަރީއަކަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އެޑްމިޓުކޮށްފިއެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، "މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ"އަށް މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
ޑރ. ރަމީލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނެއްކާ ވެސް އެހެން ސާޖަރީއަކަށާއި، ކީމޯ ތެރަޕީ އަދި އިމިއުނޯ ތެރަޕީއަށް ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި، މިނިސްޓަރު ވަނީ ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވާން ލިބޭ ހިތްވަރަށް ﷲ އަށް ޝުކުރު ދަންނަވައިފައެވެ.
މިނިސްޓަރު ރަމީލާ ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ނޮވެމްބަރު މަހު މަގާމާ ހަވާލުވިގޮތަށް ހަމަ އެ މަހުއެވެ. ފަރުވާއަށް ފަހުގައި މިނިސްޓަރު އޮފީހަށް ނުކުންނެވީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މިނިސްޓަރު ރަމީލާއަށް ކެންސަރު ޖެހުނުކަން އެނގިފައިވަނީ އާ ސަރުކާރާ އެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާއަށް ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ގުޅޭ ކަންކަމެވެ.
ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރަމީލާ ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައެވެ.