ސަރުކާރުން ހިލޭ ޙައްޖަށް ފޮނުވަން ނިންމި 1،000 މީހުންގެ ތެރެއިން މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން ހިލޭ ސަރުކާރުގެ އެހީގައި ޙައްޖަށް ފޮނުވުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ ވެރިކަމުގެ ތިންވަނަ ހަފުތާ ތެރޭގައި މި އަހަރުގެ ޙައްޖު މޫސުމުގައި އޭގެ ތެރެއިން 50 މީހުން ޙައްޖަށް ފޮނުވަން ނިންމައިފައެވެ.
ފުރަތަމަ ބުރުގައި ހިލޭ ޙައްޖަށް ގެންދާ މީހުންގެ ގުރުނަގާފައިވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ހިލޭ ޙައްޖަށް ފޮނުވާ މީހުންގެ ގުރުއަތު ނަގާފައިވަނީ މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓަށް ބަލައިގެންނެވެ. އަދި، ގުރު ނެގުމަށް ބޭނުންކޮށްފައިވަނީ ލިސްޓުގައި ތިބި 667 މީހުންގެ އައިޑީކާޑު ނަންބަރެވެ. އޭރު 50 މީހުންގެ ގުރުއަތު ނެގީ، އޭގެ ތެރެއިން ބަޔަކު އުޒުރުވެރިވެއްޖެ ނަމަ ޖާގަ ދޭނެ 10 މީހުންނާ އެއްކޮށެވެ.
ހައްޖުވެރިން އެއާޕޯޓަށް ޖަމާވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މި އަހަރު ޙައްޖަށް ދާން ހޮވުނު 50 މީހުންގެ ތެރެއިން 10 މީހުން ޖާގަ ދޫކޮށްލިއެވެ. އެހެންވެ، ލިސްޓުގައި އޮތް ތަރުތީބުން ގުރުއަތުން ހޮވުނު މީހުންނަށް ވަނީ އެ ޖާގަ ދީފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ،
- ހިލޭ ޙައްޖަށް ފޮނުވާ ޙައްޖާޖީންގެ ތެރެއިން 48 މީހުން މިއަދު ފުރާނެ
- އޭގެ ތެރެއިން އެކަކު 31 މޭގައި ވަނީ ފުރާފައި
- މިދިޔަ ހޯމަ ދުވަހު ވެސް އެކަކު ވަނީ ފުރާފައި
އެ ޙައްޖުވެރިންގެ ތެރެއިން އަތޮޅު ތެރޭ ތިބި މީހުން މާލެ ގެނައުމާއި އެނބުރި ރަށަށް ފޮނުވުން އަދި ކެއުމުގެ ހަރަދު ވެސް ބަލަހައްޓަނީ މިނިސްޓްރީންނެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ފުރާ މީހުންގެ ފުރަތަމަ ގްރޫޕު ފުރީ މިދިޔަ މަހުގެ 31ވީ ހުކުރު ދުވަހުއެވެ. އެ ދުވަހު ޖުމުލަ 298 ޙައްޖުވެރިން ވަނީ ފުރާފައެވެ. މި އަހަރު އެހީތެރިން ނުހިމަނައި ރާއްޖެއިން ޙައްޖަށް ދާނީ 980 މީހުންނެވެ.
ހައްޖުވެރިން އެއާޕޯޓަށް ޖަމާވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖަށް ފުރާ މީހުން މާލޭ ސަރަހައްދުން އެއާޕޯޓަށް ދިއުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.
ސައޫދީ އަރަބިއްޔާއިން މި އަހަރު ރާއްޖެއިން ކަނޑައެޅީ 1،000 ކޯޓާއެވެ. ސަރުކާރުން ނިންމީ އެ ހުރިހާ ކޯޓާއެއްގައި ވެސް ޙައްޖުވެރިން މި ފަހަރު ގެންދާނީ ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ.
ޙައްޖުވެރިން ފުރަން ފަސޭހަކޮށްދިނުމުގެ ގޮތުން އެއާޕޯޓުގައި އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ޙައްޖުވެރިން ފުރާ މޫސުމަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ.
މި އަހަރުގެ ޢަރަފާތު ދުވަސް ދިމާވަނީ ޖޫން މަހުގެ 15 ވާ ހޮނިހިރު ދުވަހާއެވެ.