ކަރަންޓް ބިލްތައް ބޮޑުވެގެން ހުށަހެޅި ޝަކުވާތައް ބެލުމުން ވެސް އެނގުނީ ގޭބިސީތަކުން ކަރަންޓް ބޭނުން ކުރާ މިންވަރު ހަމަ އިތުރުކަން ކަމަށް، އެ ހިދުމަތް ދޭ ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މިދިޔަ ދެ މަހުގެ ވެސް ކަރަންޓް ބިލް ބޮޑުވެގެން އާއްމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު ސްޓެލްކޯއިން ވަނީ ބިލްތަކާމެދު ޝަކުވާއެއް އޮތްނަމަ އެ ކުންފުންޏަށް ހުށަހެޅުމަށް އެދިފައެވެ. އެގޮތަށް އެދުމާއެކު ހަތްހާހެއްހާ މީހުން ޝަކުވާ ހުށަހެޅިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިސަލަކު ވިދާޅުވީ ކަރަންޓު ބިލްތަކުގެ މައްސަލަތަކަށް ބަރާބަރަށް ޖަވާބުދާރީ ވަމުން އަންނަ ކަމަށާއި ރައްޔިތުންނަށް އަރައިގެން އުޅެނީ އޮޅުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފަހުން ފޮނުވި ބިލް ބޮޑުވެ އޭގެކުރީގެ ބިލްތައް ކުޑަވެފައި ހުރީ އެ ދެ މަހުގެ ބިލަށް ޑިސްކައުންޓް ދީފައިވާތީ ކަމަށެވެ. ޔޫސޭޖް ކުޑަވެފައި ބިލް ކުރި އަދަދު ބޮޑުވީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ބިލްތައް ބޮޑުވެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އެ ކުންފުނިން ބުނީ ތިން ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 6000 އަށްވުރެ ގިނަ ޝަކުވާ ލިބިފައި ވާކަމަށެވެ.
ކަރަންޓު ބިލް ބޮޑުވުމުން ސްޓެލްކޯއަށް ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވަމުންދާއިރު މި ޚިދުމަތުގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރުމުގެ ޒިންމާ އޮންނަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން މިހާތަނަށް އައިއިރު މި ކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.