މެކްސިކޯގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެނެއް

މެކްސިކޯގެ އާ ރައީސަކަށް އިންތިހާބުވެފައިވާ ކްލައުޑިއާ ޝެއިންބަމް: މިއީ މެކްސިކޯގެ ރައީސަކަށް އަންހެނަކު އިންތިޚާބުކުރި ފުރަތަމަ ފަހަރު -- ފޮޓޯ/ސީއެންއެން

މެކްސިކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ރައީސްގެ މަގާމަށް އަންހެން ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

މެކްސިކޯގެ އާ ރައީސަކަށް އިންތިޚާބުވެފައިވަނީ މޫސުމާ ބެހޭ ސައިންސްވެރިއެއް ކަމަށްވާ މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރު ކްލައުޑިއާ ޝެއިންބަމްއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޝެއިންބަމް އިންތިޚާބު ކާމިޔާބުކުރެއްވީ 60.7 އިންސައްތަ ވޯޓުންނެވެ.

އެ ކަމަނާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ޒޮޗިޓްލް ގަލްވޭޒްއަށް ލިބިވަޑައިގެންފައިވަނީ 28.6 އިންސައްތަ ވޯޓެވެ.

ޝެއިންބަމްގެ ވެރިކަންކުރާ މޮރެނާ ޕާޓީއަށް ވެސް ކޮންގްރެސްގެ ދެ ޗެމްބަރުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ލާފަކުރާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންތިޚާބުގައި ލިބިވަޑައިގެން ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޝެއިންބަމް ވަނީ އެ ކަމަނާއަށް ރައްޔިތުން ކުރެއްވި އިތުބާރާއި ތާއިދަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި، މި ކާމިޔާބީއަކީ މެކްސިކޯގެ ތާރީޚުގައި ވެސް ލިބިވަޑައިގަތް ވަރަށް ފަހުރުވެރި ކާމީޔާއެއްކަން ގަބޫލުކުރައްވާ ކަމަށް ޝެއިންބަމް ވަނީ ވިދާޅުވެފައެވެ.

ޝެއިންބަމް އެ ކަމަނާގެ ވެރިކަމުގެ ދައުރު ފަށާނީ އަންނަ އޮކްޓޫބަރު އެއްވަނަ ދުވަހުއެވެ.

ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ގައުމުތައް ފަދައިން އާންމު މަގާމުތަކުގައި އަންހެނުންގެ ހަމަހަމަކަން އުފެއްދުމަށް 2019 ވަނަ އަހަރު މެކްސިކޯގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު، ޝެއިންބަމްގެ ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މެކްސިކޯގެ ގާނޫނުހަދާ މަޖިލީހުގައި އަންހެނުން ތަމުސީލުކުރާ މިންވަރަށް ބަލާއިރު، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެ ގައުމު އޮތީ ވަރަށް ކުރީގައެވެ.

ނަމަވެސް، މެކްސިކޯއަކީ އަންހެނުންނަށް ވަރަށް ނުރައްކާތެރި ގައުމެއް ކަމަށާއި އެ ގައުމުގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 10 އަންހެނުން މަރާލާ ކަމަށް ދިރާސާތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

މެކްސިކޯގެ ކަނާތުފިޔައިގެ މޮރެނާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވީ އުމުރުން 61 އަހަރުގެ ޝެއިންބަމް އަކީ އެނާޖީ އިންޖިނިއަރިންގެ ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ހަކަތައާއި ތިމާވެއްޓާ ބެހޭ ދެ ފޮތާއި 100 އަށް ވުރެ ގިނަ ލިޔުން ލިޔުއްވައިފައިވެއެވެ.

މެކްސިކޯ ސިޓީއަށް އުފަން ޝެއިންބަމްގެ މައިބަފައިންނަކީ ވެސް ސައިންޓިސްޓުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް