އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުން ޖޯކޮވިޗަށް ޖާގަ ހޯދާފައިވަނީ 30ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީއާ ބައްދަލުކޮށް ތިން ސެޓު ދެ ސެޓުންނެވެ. ހަތަރު ގަޑިއިރާއި 29 މިނެޓަށް މި މެޗު ދެމިގެންދިޔައެވެ.
ފުރަތަމަ ސެޓު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ 7-5 އިންނެވެ. ނަމަވެސް، ޖެހިގެން އައި ސެޓު ޓައިބްރޭކަކަށް ގޮސް 6-8 އިން ކާމިޔާބުކޮށްފައިވަނީ މުސޭޓީއެވެ. އެއާ އެކު އޭނާވަނީ ތިންވަނަ ސެޓު ފަސޭހަކަމާ އެކު 2-6 އިން ކާމިޔާބުކޮށްފައެވެ. މި ސެޓާ އެކު މެޗުން ޖޯކޮވިޗު ބަލިވެދާނެކަމުގެ ބިރު ގިނަ ބަޔަކަށް ހީވި ނަމަވެސް ޖެހިގެން ހަތަރުވަނަ ސެޓުގައި ޖޯކޮވިޗް ފެނިގެންދިޔައީ ކުރީ ދެ ސެޓާ ހިލާފަށް ވަރުގަދަ ކޮށެވެ. މި ސެޓު އޭނާ ކާމިޔާބުކޮށްފައިވަނީ 6-3 އިންނެވެ. ފަހު ސެޓު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ހީކުރި ގޮތާ ހިލާފަށް 6-0 އިންނެވެ.
މި ކާމިޔާބީއާ އެކު ޖޯކޮވިޗް ހަތަރުވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ހަތަރުވަނަ ބުރުގައި އޭނާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 23ވަނައަށް ސީޑުކުރެވިފައިވާ އާޖެންޓީނާގެ ފަރަންސިސްކޯ ސެރުންޑޯލޯއާއެވެ.
މުބާރާތުގައި ހަތަރުވަނައަށް ސީޑުކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވާރޭވަށް ފަހު 16 ކުޅުންތެރިންގެ ބުރުން ޖާގަ ހޯދުނީ ވެސް ފަސް ސެޓުގެ މެޗަކަށް ފަހުއެވެ. ޒުވަރޭވާއި 26ވަނައަށް ސީދު ކުރެވިފައިވާ ނެދަލަންޑްސްގެ ޓެލޯން ގްރީކްސްޕޯ ބައްދަލުކުރި މެޗު ޒުވަރޭވް ކާމިޔާބުކުރީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ގްރީކްސްޕޯ 3-6 އިން ކާމިޔާބުކުރިއިރު ޖެހިގެން އައި ދެ ސެޓު 6-4 އަދި 6-2 އިން ކާމިޔާބުކުރީ ޒުވަރޭވެވެ. ޖެހިގެން އައި ސެޓު ވެސް ޒުވަރޭވް ކާމިޔާބުކުރާނެ ކަމަށް ބެލެވިގެން ދިޔަ ނަމަވެސް ގްރީކްސްޕޯ ވަނީ އެ ސެޓު 4-6 އިން ކާމިޔާބުކޮށް މެޗު ފަސްވަނަ ސެޓަކަށް ގެންގޮސްފައެވެ. ފަހު ސެޓު ވަރަށް ހަމަހަމަ ކުޅުމަކަށް ފަހު ޓައި ބްރޭކަކަށް ގޮސް 10-3 އިން ކާމިޔާބުކުރީ ޒުވަރޭވެވެ.
މުބާރާތުގެ ހަތަރުވަނަ ބުރުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ވެސް ވަނީ ޖާގަ ހޯދައިފައެވެ. އޭނާ މެޗު ކާމިޔާބުކުރީ ޗެކް ރިޕަބްލިކްގެ ތޯމަސް މަކްހާޗާ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-4 އިން މެޑްވެޑޭވް ކާމިޔާބުކުރިއިރު ޖެހިގެން އައި ސެޓު އޭނާ ކާމިޔާބުކުރީ 7-5 އިންނެވެ. ނަމަވެސް، ތިންވަނަ ސެޓުވަނީ މަކްހާޗު 1-6 އިން ކާމިޔާބުކޮށްފައެވެ. މެޑްވެޑޭވް މެޗުގެ ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ.