ރައްޔިތުންގެ ހާލަތު ދެނަގަތުމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ޕްރޮގްރާމެއް ފަށައިފި

'ހާލު ކިހިނެތް' ޕްރޮގްރާމް އިއްޔެ ފެށުން --

ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން 'ހާލު ކިހިނެތް' ނަމުގައި އިއްޔެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގަރާމަކީ އޯގާތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފެށި ޕްރޮގާރްމެއް ކަމަށެވެ.

މިގޮތުން، މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ، ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި ހަރާކަތްތެރިވާނީ ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި ކަމާ ގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅިގެން ކަމަށެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި އިއްޔެ ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާއިލީ ސެންޓަރުތައް ހުރި ރަށްރަތަކުގައި މި ޕްރޮގްރާމް ވަަނީ ފަށާފައެވެ.

މީގެއިތުރުން، އަމާޒަކީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ހާލު ކިހިނެތް ޕްރޮގާމްގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯދުމަށް އެ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.

އަދި، ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެ ކަމަށް އެ ވުޒާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް