ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަނީ ޑިއޯލްގެ މައްޗަށް މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުތަކެއް ފިލްމު ޕްރޮޑިއުސަރުންތަކެއް ކޮށްފައިވާކަމުގެ ރިޕޯޓުތަކެއް މީޑިއާތަކުގައި ފެންމަތިވެއްޖެއެވެ.
ފިލްމީ ޕްރޮޑިއުސަރުން ކަމަށްވާ ސޯރަވް ގުޕްތާ އަދި ސުނީލް ދަރުޝަން ވަނީ ފިލްމެއްގެ މަސައްކަތް ފެށުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ އެ މީހުންގެ އަތުން ސަނީ ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ޕްރޮޑިއުސަރު ސޯރަވް މި ނިމުނު ހަފުތާގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރު ފިލްމު ޕްރޮޖެކްޓަކަށް އެޑްވާންސްގެ ގޮތުގައި އެއް ކްރޯޑު ރުޕީސް (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) ސަނީ ހޯދާފައިވާ ކަމަށެވެ. އެ ފިލްމުގެ ޖުމްލަ ފީއަކީ ހަތަރު ކްރޯޑް ރުޕީސް (ހަތަރު ލައްކަ އަށްޑިހަ ހާސް އެމެރިކާ ޑޮލަރު) ކަމަށް ސޯރަވް ގުޕްތާ ވަނީ ބުނެފައެވެ.

ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލް ކާމިޔާބު ފިލްމު "ގަދަރ2"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
ޕްރޮޑިއުސަރު ސޯރަވް ގުޕްތާގެ ކުންފުނި ސަންޑޯން އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ފިލްމު ކުޅެން ސަނީ އެއްބަސްވެ އެ ފިލްމަށް އޭރު ވަގުތު ނުދެވުނީ "ޕޯސްޓަ ބޯއިސް"ގެ ނަމުގައި 2017ވަނަ އަހަރު އުފެއްދި ފިލްމެއްގައި ސަނީ މަސައްކަތް ކުރަން ފެށުމުން ކަމަށް ސޯރަވް ވަނީ ބުނެފައެވެ.
ސޯރަވްގެ ފިލްމަށް ވަގުތު ދޭނެކަމަށް އެއްބަސްވި ނަމަވެސް ސަނީ ޚިޔާރުކުރީ އެހެން ފިލްމަކަށް ވަގުތު ހުސްކުރަން ކަމަށާއި އޭރު ވެސް ސަނީ ދިޔައީ އެ ކުންފުނިން ފައިސާ ހޯދަން އެދެމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސަނީއަށް ތުހުމަތުކޮށް ޕްރޮޑިއުސަރު ސޯރަވް ދެއްކި މި ވާހަކަތަކަށް ތާއީދުކޮށް ޕްރޮޑިއުސަރު ސުނީލް ދަރުޝަން ވެސް ވަނީ ވާހަކަދައްކާފައެވެ. ސުނީލް ބުނި ގޮތުގައި 1996 ވަނަ އަހަރު އޭނާ ޕްރޮޑިއުސް ކުރި ފިލްމު "އަޖޭ" ބޭރުގެ މާކެޓްތަކަށް ވިއްކާލުމަށް ފަހު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީގެ ޖުމްލަ ފައިސާ މިހާތަނަށް ވެސް ވަނީ ސަނީގެ ފަރާތުން ނުލިބިއެވެ.
އޭގެ ފަހުން ވެސް ސަނީ ވަނީ ސުނިލްގެ އިތުރު ފިލްމެއް ބޭރުގެ މާކެޓްތަކަށް ވިއްކާލުމުގައި އެހީތެރިވެދޭނެ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް ސުނިލް ފަހުން އެ ޒިންމާ ސަނީއާ ހަވާލުނުކުރާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސުނިލް ވަނީ ބުނެފައެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި "ގަދަރު"ގެ އެކްޓަރަކީ މީގެ ކުރިން ވެސް ގިނަ ޕްރޮޑިއުސަރުންނާ އެކު އެފަދަ މައްސަލަތަކުގެ ތުހުމަތުތައް ކުރެވިފައިވާ އެކްޓަރެއް ކަމަށެވެ. ފިލްމުތަކަށް ކުޑަ އަގެއްގައި ސޮއިކުރުމަށް ފަހު ޕްރޮޑިއުސަރުން ފިލްމު ސެޓުތައް ތައްޔާރުކޮށް ނިމުމުން ކުރިން އެއްބަސްވި އަގުގެ ބަދަލުގައި ބޮޑެތި އަދަދު ކިޔުމަށް ފަހު ފިލްމުގެ މަސައްކަތް ނުކުރުމުގެ އާދައަކީ ސަނީގެ ފަރާތުން ވަރަށް ގިނައިން ފެންމަތިވެފައިވާ މައްސަލައެއް ކަމަށް ވެސް މި މީހާ ވަނީ ބުނެފައެވެ.
ސޯރަވް ގުޕްތާގެ ފަރާތުން މުމްބާއީގެ ފުލުހަށް ސަނީއާ ދެކޮޅަށް މި ދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ސަނީ މި ވަގުތު ޤައުމުން ބޭރުގައި އުޅޭތީ އެ މައްސަލަ ވަނީ ކުރިއަށް ނުގެންދެވި ކަމަށް ސޯރަވް ވަނީ ބުނެފައެވެ.
ސަނީގެ ފަރާތުން މި ކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.