މި ތިން ބަތަލާއިންގެ ފިލްމަށް އެކްޓަރުން ހޯދަނީ

ފިލްމު "ޖީ ލޭ ޒަރާ"ގެ ލީޑް ތަރިން ކަމަށްވާ އާލިއާ،ކެޓްރީނާ އަދި ޕްރިޔަންކާ--ފޮޓޯ/ޓައިމްސްނައު

ބޮލީވުޑްގެ އެންމެ މަގުބޫލު ތިން ބަތަލާއިން ކަމަށްވާ ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ އަދި ބަތަލާ އާލިއާ ބަޓް ހިމަނައިގެން އުފައްދާ ފިލްމު "ޖީ ލޭ ޒަރާ"އަށް އެކްޓަރުން ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ވަރަށް ގާތް ތިން ރަހްމަތްތެރިން އެކީގައި ފަށާ ރޯޑު ޓްރިޕަކަށް ބިނާކޮށް އުފައްދާ ވަރަށް ރީތި ވާހަކައެއް ގެނެސްދޭ ފިލްމެކެވެ. މި ފިލްމަކީ އިއުލާނުކުރުމަށް ފަހު ފިލްމުގެ މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްވެފައިވާ ފިލްމެއް ކަމުން ފިލްމަށް ބޭނުންވާ އޭ-ލިސްޓު އެކްޓަރުން ހޯދުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށް ޑައިރެކްޓަރު ފަރުހާން އަޚްތަރާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޖީ ލޭ ޒަރާ"ގެ ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފަރުހާނު މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ޑޮން3"ގެ މަސައްކަތް ނިމުމަށް ފަހު އެންމެ ބޮޑު އިސްކަމެއްދޭނީ "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށުމަށް ކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިން ފިލްމުގައި ހިމެނޭ ތިން ބަތަލާއިންނަށް ފިލްމަށް ވަގުތު ނުދެވޭނެތީ ކާސްޓުން ބަދަލުކުރުމަށް ނިންމިކަމުގެ ޚަބަރުތައް ވެސް ފެތުރުނެވެ.

އެހެންނަމަވެސް، ފަރުހާން ބުނެފައިވަނީ ބަތަލާއިން ކަމަށްވާ އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފް ވަނީ ފިލްމަށް ދޭން ކަނޑައެޅިފައިވާ ތާރީޚުތައް ކަނޑައަޅައި ނިންމާފައި ކަމަށާއި މި ފިލްމުން ފެންނާނީ އެ ތިން ބަތަލާއިން ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތިން ބަތަލާއިން ލީޑް ރޯލް ކުޅޭ ފިލްމަކަށް ބޮލީވުޑްގެ އޭ-ލިސްޓު އެކްޓަރުން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެއަށްވުރެ ބޮލީވުޑްގެ ބައެއް އޭ-ލިސްޓު ތަރިންގެ އެކަމާމެދު ދެކޭގޮތް ތަފާތު ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް