މިހާތަނަށް އެކްޝަން ތުރިލާ ފިލްމުތައް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެކްޓަރު ސައިފް އަލީ ޚާން އިތުރު އެކްޝަން ތުރިލާއަކަށް ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.
ސައިފް އަލީ ޚާން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދި ބޮލީވުޑް ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ޖުވެލް "ތީފް:ދަ ރެޑް ސަން ޗެޕްޓަ"އެވެ. މި ފިލްމުގެ މަސައްކަތް ޔޫރަޕްގެ ޤައުމެއް ކަމަށްވާ ހަންގޭރީގައި ފަށާފައިވާކަން އިއުލާނުކޮށް ޑައިރެކްޓަރު ސިދާތު އާނަންދު ވަނީ އޭގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި އާއްމު ވެސް ކޮށްފައެވެ.
ހަންގޭރީގެ ބުޑަޕެސްޓްގައި ފިލްމުގެ ބޮޑު ބައެއް ޝޫޓް ކުރުމަށް ނިންމާފައިވާއިރު މިއީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ސިދާތުގެ ފިލްމު "ފައިޓާ"އަށް ފަހު އޭނާ މަސައްކަތްފެށި ދެވަނަ ފިލްމެވެ.
"ފިލްމު ޖުވެލް ތީފް:ދަ ރެޑް ސަން ޗެޕްޓަ"އިން ސައިފްގެ އިތުރުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ޖައިދީޕް އަހްލަވަތު ހިމެނެއެވެ. ފިލްމުގައި ޖައިދީޕްގެ ރޯލް ވަރަށް މުހިއްމު ކަމަށާއި ނަމަވެސް މިހާތަނަށް އެކްޓަރު ކުޅޭ ރޯލާ ބެހޭ މައުލޫމާތު އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތަކުން ބުނާގޮތުން ޔަޤީންވާ އެއް ކަމަކީ ފިލްމުގައި ސައިފާއި ޖައިދީޕްގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާނެ ކަމެވެ.
ސިދާތާ އެކު މީގެ ކުރިން ވެސް ސައިފް ވަނީ ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ، 2005ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަލާމް ނަމަސްތޭ" އަދި 2007ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތަރަ ރަމް ޕަމް"އެވެ.
މި ދެ ފިލްމަކީ ވެސް ވަރަށް ބޮޑަށް ބެލުންތެރިންނަށް ކަމުދިޔަ ދެ ފިލްމެވެ. ނެޓްފްލިކްސްއާ ގުޅިގެން ސިދާތުގެ ފިލްމު ކުންފުނި މާފްލިކްސްއިން ގެނެސްދޭ "ޖުވެއިލް ތީފް" ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ދުވަހެއް އަދި އިއުލާނުކޮށްފައިނުވާއިރު އެކްޓަރު އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ތެލުގޫ ފިލްމު "ދެވަރާ:ޕާޓް1"އިންނެވެ.