ތުރިޕްތީއަށް ކުޑަ ދުވަސްކޮޅެއް ތެރޭ ގިނަ ފިލްމުތަކެއް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފިލްމު "އެނިމަލް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ތުރިޕްތީ ދިމްރީ އަނެއްކާ ވެސް އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވަނީ ތުރިޕްތީ ސޮއިކޮށްފައިވަނީ އެކްޓަރު ކާތިކް އާރިޔަނާ އެކު ފަށަން ނިންމާފައިވާ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ހަދާ ފިލްމަކަށް ކަމަށެވެ. މި ފިލްމަކީ، ބޫޝަން ކުމާރުގެ ޓީ-ސީރީޒްއިން ޕްރޮޑިއުސްކޮށް ޑައިރެކްޓަރު އަނޫރާގު ބާސޫ އުފައްދާ ފިލްމެކެވެ.

ކާތިކާ އެކު ތުރިޕްތީ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާއިރު ދެ ތަރިން ވަނީ މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ3"ގެ މަސައްކަތް ވެސް ފަށާފައެވެ. ތުރިޕްތީއާ ކާތިކްގެ އިތުރު ފިލްމެއް އިއުލާނުކުރުމާ އެކު ގިނަ ބަޔަކު އުއްމީދުކުރީ އެއީ ފިލްމު "އާޝިޤީ3" ކަމަށެވެ. ނަމަވެސް، ޓީ-ސީރީޒްއިން ބުނެފައިވަނީ "އާޝިގީ3"ގެ ބަދަލުގައި އަނޫރާގު ބާސޫއާ ގުޅިގެން ގެނެސްދޭނީ ރީތި މިއުޒިކް ހިމެނޭ ހިތްގައިމު ލޯބީގެ ވާހަކައެއް ކަމަށެވެ.

ތުރިޕްތީގެ ފިލްމު "ބޭޑް ނިއުސް"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

ބޮކްސް އޮފީހުގެ ގިނަ ރިކޯޑުތައް މުގުރާލި ފިލްމު "އެނިމަލް"ގެ ރޯލަށް ފަހު ތުރިޕްތީގެ މަގުބޫލުކަން އިތުރުވެ ވަރަށް ގިނަ ފިލްމީ ފުރުސަތުތަކެއް ބަތަލާއަށް ލިބުމުގައިވަނީ މަގުފަހިވެފައެވެ. އެގޮތުން، ހަމައެކަނި މި އަހަރު ވެސް ތުރިޕްތީ ވަނީ ފަސް ފިލްމަކަށް ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި ކަރަން ޖޯހަރުގެ ދަރުމާ ކުންފުނިން ގެނެސްދޭ ފިލްމު "ބޭޑް ނިއުސް"، "ދަޅަކް 2" އަދި "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ" ހިމެނެއެވެ. މި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ތާވަލުކުރެވިފައިވަނީ ފިލްމު "ބޭޑް ނިއުސް"އެވެ. ފިލްމު ޖުލައި މަހުގެ 19ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު ތުރިޕްތީއާ ކާތިކްގެ ފިލްމު "ބޫލްބުލައްޔާ3" ރިލީޒްކުރަން ތާވަލުކުރެވިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

comment ކޮމެންޓް