ޖޯކޮވިޗް ފްރެންޗު އޯޕަންގެ ތިންވަނަ ބުރަށް

ފްރެންޗް އޯޕަންގައި ޖޯކޮވިޗްގެ ކުޅުންވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ފްރެންޗު އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ބުރުން ޖޯކޮވިޗް ޖާގަ ހޯދާފައިވަނީ ދެވަނަ ބުރުގައި ސަޕެއިންގެ ރޮބާޓޯ ކާބަޔޭސް ބައޭނާއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ. ދެވަނަ ސެޓު ފަސޭހަކަމާ އެކު 6-1 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ ވެސް ފަސޭހަކަމާ އެކު 6-2 އިންނެވެ.

މި ކާމިޔާބީއާ އެކު ޖޯކޮވިޗް މި ވަނީ ޖެހިޖެހިގެން 19 އަހަރު ކްލޭ ކޯޓުގައި ކުޅޭ ގްރޭން ސްލޭމް މުބާރާތުގެ ފަހު 32 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ. މި ސީޒަންގައި މާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ ޖޯކޮވިޗްގެ ފަރާތުން މި މުބާރާތުގައި ފެނިގެން ގޮސްފައިވަނީ މިހާތަނަށް މި ސިޒަންގައި ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ ކުޅުމެވެ.

ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ ފަރަންސޭސިވިލާތުގެ ގައެލް މޮންފީސްއާއި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

ހަވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވް ވެސް މިމުބާރާތުގެ ތިންވަނަ ބުރުންވަނީ ޖާގަ ހޯދައިފައެވެ.

އޭނާ ޖާގަ ހޯދާފައިވަނީ ދެވަނަ ބުރުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިނާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ސެޓު ޓައިބްރޭކަކަށް ގޮސް 7-4 އިން ޒުވަރޭވް ކާމިޔާބުކުރިއިރު ޖެހިގެން އައި ދެ ސެޓު އޭނާ ވަނީ ފަސޭހަކަމާ އެކު 6-2 އިން ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން ކުޅުނު ފްރެންޗު އޯޕަން ތިން މުބާރާތުގެ ވެސް ސެމީފައިނަލަށް ދަތުރުކޮށްފައިވާ ޒުވަރޭވްއަކީ މި ފަހަރު މުބާރާތް ކާމިޔާބުކުރުމަށް އެންމެ ކުރީ ސަފުގައި ކިޔާ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ތިންވަނަ ބުރުގައި އޭނާ ވާދަކުރާނީ 26 ވަނައަށް ރޭންކް ކުރެވިފައިވާ ނެދަލަންޑްސްގެ ޓެލޮން ގްރީކްސުޕޯއާއެވެ.

މީގެ އިތުރުން، ފަސްވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވާއި ސާބިއާގެ މިއޮމީރު ކެޗްމަނޯވިޗް ބައްދަލުކުރި މެޗުގެ ދެވަނަ ސެޓުން ކެޗްމަނޯވިޗް ރިޓަޔާކުރުމާ އެކު އެ މެޗު ކާމިޔާބުވީ މެޑްވެޑޭވަށެވެ. މެޗު ހުއްޓާލިއިރު މެޑްވެޑޭވްވަނީ ފުރަތަމަ ސެޓު 6-1 އިން ކާމިޔާބުކޮށް ދެވަނަ ސެޓުގައި 5-0ގެ ލީޑެއް ނަގައިފައެވެ. ތިންވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ އާޖެންޓީނާގެ މަރިއާނޯ ނަވޯނޭއާއި ޗެކް ރިޕަބްލިކްގެ ތޯމަސް މަކަޗް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

comment ކޮމެންޓް