ތިލަމާލެ ބްރިޖު: އަންނަ އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލަނީ

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުއްތަލިބު: ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއިން ވިލިމާލެއާ 31 ޑިސެންބަރު 2025އަށް ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުނި -- ސަން ފޮޓޯ/ އަމަން ލަތީފް

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ގުޅާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ސެގްމަންޓްތައް ނިންމަލާވޭނެ ތާރީޚުތައް ހާމަކޮށްފައެވެ. އެ ގޮތުން މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31، 2026އަށް ނިމޭނެ ކަމަށް ބުނެފައިވާއިރު، އެ މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026އަށް ނިމޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުންޏެވެ.

"ޕްރޮޖެކްޓް ކުރިއަށްދާ ކޮލިޓީއާއި މި ކަންތައްތަކަށް ބަލާއިރުގައި، އަޅުގަނޑުގެ އަދި މިނިސްޓްރީގެ އެއްވެސް ކަންބޮޑުވުމެއް ނެތް. ދެން ރައީސުލްޖުމްހޫރިއްޔާ ވެސް ބްރިޖު ސައިޓަށް ވަޑައިގެންފައި، އެ ތަން ބައްލަވާފައި، ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވި އެ ކަން ކުރިޔަށްގެންދާ ގޮތުގެ މައުލޫމާތު ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެންފައި ހުންނެވީ،" މުއްތަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ދެން އޮތް އެންމެ މުހިންމު ކަމަކީ މަޝްރޫއަށް ބޭނުންވާ ފައިސާ، ކޮންޓްރެކްޓަރު ހަމަޖައްސައިދިނުން ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޕޯޒަލް ހުށަހެޅުމާއެކު މަޝްރޫއުގެ އަގު ވެސް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

އެހެން ނަމަވެސް އެ ސަރުކާރު ނިމި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ތިލަމާލެ ބްރިޖު މަޝްރޫއިން ނިމިފައި އޮތީ އެންމެ 29 އިންސައްތަ މަސައްކަތެވެ.

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތު ސައިޓެއްގައި މަސައްކަތްތެރިންތަކެއް -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ އާއިޝް އަޝްރަފް

މިއަދު އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ހާމަކުރި ގޮތުގައި ތިލަމާލެ ބްރިޖު މަޝްރޫއުގެ ޖުމްލަ 38.88 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. އަދި އެ މަޝްރޫޢުގެ ތެރެއިން ވިލިމާލޭގައި 20 ސެގްމަންޓެއް ވެސް ލޯންޗު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ސެގްމަންޓްތައް ނިމޭވަރަކުން އާންމުންނަށް ބޭނުންކުރެވޭނެހެން ބްރިޖު ހުޅުވާލަމުން ދާނެއެވެ.

comment ކޮމެންޓް