ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެންބްލީގެ 77ވަނަ ސެޝަން ފަށައިފި

ރާއްޖޭގެ ފަރާތުން އެސެންބްލީގައި ބައިވެރިވާ ވަފުދުގެ ބޭފުޅުން: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެންބްލީގެ 77ވަނަ ސެޝަން ވަނީ ފަށައިފަ --- ފޮޓޯ/ހެލްތު މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 77ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި ފަށައިފިއެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި، 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިގޮތުން، ރާއްޖޭން ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރު ޚަލީލެވެ.

މީގެއިތުރުން, ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންނާއި މިނިސްޓްރީގެ އިސްބޭފުޅުން މި އެސެންބްލީގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މިނިސްޓަރު ޚަލީލް އެސެންބްލީގައި ބައިވެރިވެ ވަޑައިގަންނަވަނީ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެންބްލީގެ 77ވަނަ ސެޝަން ވަނީ ފަށައިފަ --- ފޮޓޯ/ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މިއަހަރުގެ ތީމު ކަމުގައިވާ "އޯލް ފޯ ހެލްތް، ހެލްތް ފޯ އޯލް"އަށް ޚާއްސަކޮށް، މި އެސެމްބްލީގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޚަލީލް ތަގްރީރެއް ދެއްވާނެ ކަމަށެވެ.

މި އެސެމްބްލީގައި ދުނިޔޭގެ ސިއްޙީ ދާއިރާއިން ފާހަގަކުރެވޭ ތަފާތު މައުޟޫތައް މަޝްވާރާ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ބައެއް މައުޟޫތަކުގެ ތެރޭގައި:

  • ޔުނިވާސަލް ހެލްތު ކަވަރޭޖް
  • އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން
  • މައިންނާއި ކުޑަކުދިންގެ ސިއްހަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް
  • އެންޓިމައިކްރޯބިއަލް ރެސިސްޓެންސް
  • އިމެޖެންސީ ޕްރިޕެއަޑްނަސް އެންޑް ރެސްޕޮންސް
  • ސަސްޓެއިނަބްލް ފައިނޭންސިން

އޭގެ އިތުރުން، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޤގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް