ހުއްދައާ ޚިލާފަށް ޔޮޓަކުން ކ. ތުލުސްދުއަށް ކުއްތާއެއް ބޭލި މައްސަލަ ބަލަމުން ދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމުން ނެރުނު ނޫސް ބަޔާނުގައި ވަނީ ކުއްތާއަކީ، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޚާއްސަ ހުއްދައެއް ލިބިގެން ރާއްޖެ ގެނެވޭ އެއްޗެއް ކަމަށެވެ.
މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ކުއްތާއަކީ މިމަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައާއެކު ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
ނަމަވެސް މިކުއްތާ ރާއްޖެ ގެނައުމަށް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަމައެކަނި ޕެޓް ޑޯގެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޔޮޓް ދަތުރުކުރި ނަމަވެސް ކުއްތާ ޔޮޓުން ނުބޭލޭނެ ކަމަށް ހުއްދައިގައި ވާކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.
އެހެންވެ، ހުއްދައާ ޚިލާފަށް ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައި ވާކަމަށް ބެލެވޭތީ ކަސްޓަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމުގައި ކަސްޓަމުގެ ބަޔާނުގައިވެއެވެ.
ފަތުރުވެރިޔަކު ކުއްތާ އުރައިގެން ތުލުސްދޫއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެއިން ފެށިގެން އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މިކަމާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކުއްތާއަކީ ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ.