"ދިރިއުޅުން ބޮޑު ހައިޖާނަކަށް ހަދާކަށް ނުވާނެއެވެ. އަހަރެމެންނަކީ މި ދުނިޔޭގައި ދާއިމަށް ތިބެވޭނެ ބަޔެއް ނޫނެވެ. މިއަދު ދިޔައީމަ އަބަދަށްޓަކާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. މާނައެއް ނެތްކަންތައްތަކުގައި ހޭދަކުރާވަރަށްވުރެ އަހަރެމެންގެ ވަގުތުގެ އަގު މާ ބޮޑެވެ."

***

"އެހެނެއްނޫން. ފްރެންޑެއް އެހީމަ ދޭނެ ޖަވާބެއް ނޭގުނު...އޭނަގެ މާމަ ނިޔާވިފަހުން މަންމަ ޑިޕްރެޝަނުގައި އުޅޭކަމަށްވަނީ...މަންމަ އެކަމާއި މާ ބޮޑަށް ވިސްނަނީޔޯ. މަންމަ ބުނާގޮތުން އެ މާމަވީ ބަރްޒަޚު އާލަމުގައި....ކޮބާތަ އާލަމަކީ؟ ޕެރެލެލް ޔުނިވާސްއެއްތަ؟ ނޫނީ އެހެން ގެލެކްސީއެއްގައި؟ ބޮޑީ އަދި ހަލާކުވިޔަސް ފުރާނަތައް ކޮންމެވެސް ތަނެއްގައި ވާކަމަށް ފްރެންޑްބުނީ. އޭނަ ބުނި އެއްޗެއް އެނގޭތަ؟" މަދީނާ ބޭނުންވީ އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔުމަށެވެ.

***

މާޒިމް އަށް ސިހިފައި ބެލުނެވެ. ދެ އަތް މަހާލައިގެން ހަމަޖެހިފައި އިށީނދެލައިގެން އިނީ ފަރަހް އެވެ.

" މިތާ؟ކީއްކުރަން މިތަނަށް އަންނަންޖެހެނީ؟" މާޒިމް އަށް ލިބުނު ސިހުން ފިލައި ދިޔުމުން ފޫހިކަމާއި ހަރުކަށިކަން އެކުލެވިގެން ވީ އަޑަކުން ސުވާލުކުރިއެވެ.

"އާނ މިތާ؟މައްސަލައެއްތަ؟ޕްރައިވެޓް ޕްރޮޕަޓީ އަކަށްތަ މިވަދެވުނީ؟" ފަރަހް ގެ އަޑުގައިވީ ޖެއްސުމުގެ ރާގެކެވެ. ފިނި ދުންތައް މާޒިމްގެ މޫނަށް އެޅުނެވެ. މާޒިމް ހުރީ ފަަރަހްގެ ވާހަކަ އެހެން ހުރުމުން ލަދުގެންފައެވެ. އަމިއްލަ ނަފްސަށް ވެސް ވިސްނުނީ އެ ބުނެވުނީ މާ ހަރުކަށި އެއްޗެއް ކަމަށެވެ. ފަރަހް ދެކެ ފޫހި ވިޔަސް މެއެވެ.

"ނޫނޭ....އަންއެކްސްޕެކްޓެޑް ވީމަ.....ދެން ނޭނގޭނެ އެއްނު..." މާޒިމް އިސްތަށިގަނޑު އަތުން ފުނާ އަޅާލިއިރު ލަދުވެތިކަމުގެ ރަތްކަން މޫނަށް ފާއްދާލައިފިއެވެ.

"ހްމް....ހަމަ ސޭމް....ވަރަށް އަންއެކްސްޕެކްޓެޑް..." ފަރަހްގެ ނަޒަރު ހުއްޓުނީ ދުރުގައި ހުރި އުރުޖުވާން އަށެވެ. އަދި ފޫހި ގޮތަކަަށް އަނގަ ހަދައިލިތަން މާޒިމް އަށް ފެނުނެވެ. ހަސަދަވެރިކަން ފަރަހް ދައްކަނީ ނަފްރަތާއި ފޫހިކަމުގެ ސިފައިގައެވެ. މާޒިމް ގެ ހިތުގައި ހަމްދަރުދީގެ ކަންޏެއް އުފަންވިއެވެ. ފަރަހް އާއި ލޯބީގެ ގުޅުމެއް ނުބޭއްވުނަސް އެއީ އޭނާ ދެކެ ފޫހިވެ ބާކީ ކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫންކަން ސިކުނޑީގެ ކަނަކުން ބުނެދިނެވެ. ހަމަ ގައިމުވެސް އެއީ މާޒިމްގެ ހަޔާތުގެ ބޮޑު ބައެއްގައި ބައިވެރިވެފައިވާ މީހެކެވެ. ރައްޓެއްސެއްގެ ގޮތުގައި ހުރުމަކީ އޭނާ އެދޭ ގޮތެވެ. ނަމަވެސް ފަރަހް ގެ އުޅުން ހުންނަ ފާޑުން އެކުވެރިކަންވެސް އެހެން މާނައެއް ނަގާފާނެތީ ބިރުގަންނަނީއެވެ.

" ކޮންފަރެންސް ވަރަށް ސަޅިކޮށް ދިޔައީ.....ފަހަދް ވެސް އައި.....ނިމުނީމަ މިއައީ ލުސާން ބަލައިލަން.....އަހަރުމެން މިތާ ކޮޓެޖް އެއްގަ މިތިބެނީ...." ފަރަހް ވާހަކަ ފެށިއެވެ. މާޒިމް ފިކުރު ބޮޑުވެފައިކަން އެނގި ބޭނުންވީ ހިތުގައި ވީ އެއްޗެއް އޮޅުން ފިލުވުމަށެވެ.

" އޯ....ނައިސް.....ފަހަދް އެންޑް ޔޫ...." މާޒިމްގެ ޖުމްލަ ފުރިހަމަ ނުވިއެވެ.

"ފަހަދް އެންޑް މީ....މާޒް ހާސްވީތަ؟" ހިނިގަނޑެއް ޖަހާލަމުން ފަރަހް ބުނެލިއެވެ. މާޒިމްއަށް އެވަގުތު ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މާޒިމް ހީލިގޮތުން އުފާވިކަން އެނގުނެވެ.

ތަންކޮޅެއް ދުރުގައި ހުރި އުރުޖުވާން އަށް ބަލަން އުނދަގޫ ވިޔަސް މާޒިމް މީހާކާއި ވާހަކަ ދައްކާތަން އެބަ ފެނެއެވެ. މުޅިތަނުގައި ދުންފިނި ހުރުމުން އެހާ ސާފެއް ނޫނެވެ. ކަިއރިވަމުން އައި ވަރަކަށް ފެންނަމުން ދިޔަ މަންޒަރުން ހިތަށް އުނދަގޫ ކުރުވިއެވެ. ދުވަހަކުވެސް އިހުސާސްވީ ފަދަ ކަމެއް ނޫނެވެ.

" އުނދަގޫ ދޯ؟" ފަހަތުން އިވުނު އަޑު ސިއްސުވާލިއެވެ. ބަރު އަޑެކެވެ. ފަހަތް އެނބުރި ބަލައިލިއިރު ދަންނަ ފާޑެއް ޖަހައެވެ. ނަމަވެސް ދެނެގަންނަން ނޭނގުނެވެ.

"ފަހަދް....ފަރަހް އިޒް މައި ފިއާންސޭ....އަދި މާޒް ގެ ވަރަށް ގާތް އެކުވެރިއެއް..." ފަހަދް ކުޑަ ތަޢާރަފެއް ދިނެވެ. ލަދުގެންފައި ހުރި އުރުޖުވާން އަށް ބުނާނެ އެއްޗެއް ވެސް ނޭގުނެވެ. އޭނަަ ހިނިތުންވުމަކުން ފުއްދައިލިއެވެ. ފަހަދް ގެ ލޮލުގައިވެސް އެންމެ ބޮޑަށް އަޅައިގަތީ އެ ލަދުރަކި މައުސޫމްކަމެވެ. އުރުޖުވާންގެ މިޒާޖުގައި ތަފާތު ކަމެއް ހުރިކަން އެންމެ ބެލުމަކުން ވެސް ފާހަނގަ ވިއެވެ. އުރުޖުވާން ހުރީ ފަހަދްގެ ފުރަތަމަ ސުވާލުގެ މަގުސަދެއް ނޭނގިފައެވެ. ހީކުރެވުނީ އެއީ އޭނަ ގެ ހިތުގައި އުތުރި އަރަމުން އައި އުދާހާއި ރުޅިވެރިކަން އޭނަގެ މޫނު މަތީގެ ކުލަވަރުން ފަހަދް ދެނެގަތީހެންނެވެ.

" އުރުޖުވާން ދޯ..." ދެމީހުން އެކީގައި ހިނގާފައި ދަމުން ފަހަދް އަހައިލިއެވެ. އުރުޖުވާން އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އޭނަ ފޯނު ބަލާ ކަމަށް ހަދަމުން ބޭނުންވީ އަވަހަށް މާޒިމް އާއި ހަމަޔަށް ދިޔުމަށެވެ. އަބާޔާ ލައިގެން ހުރެ ސްނޯފުނިތަކުގެ ތެެރެއިން ހިނގާއިރު ބައެއް ފަހަރު އުދަގުލެވެ.

" އަ...އައުޗް.." އުރުޖުވާން ކުއްލިއަކަށް އަރި އަޅާލަން އުޅުނެވެ. ގާތުގައި ހުރި ފަހަދް އަށް ހިފުނީ އުރުޖުވާންގެ އަތުގައެވެ. އުރުޖުވާން އަވަސް އަވަހަށް އަތް ދަމައިގަތީ ސޫތްޕެއް ދަތް އެޅީމަފަދަ ގޮތަކަށެވެ. އެ ގަދަ ފިނީގެ ތެރޭގައިވެސް ނިތްކުރިން ދާހިއްލައިލި ހެން ހީވިއެވެ. މާޒިމް ނޫން އެހެން ފިރިހެނަކާ އަގައިން ބުނެލަންވެސް އެ ހިތް ނޭދެއެވެ. ވީއިރު އަދި ގައިގާ އަތްލާން ހިތަށް އަރުވާނީވެސް ކިހިނެއްހެއްޔެވެ؟ އޭނަގެ މުޅި ނަފްސާއި ރޫހަށްވެސް ހާސްކަމެއް ލިބުނެވެ. މާފްނުކުރެވޭ ވަރުގެ ބޮޑު ކުށެއް ކުރެވުނީހެން ހީވިއެވެ. ވަގުތުން ލޯ އަޅައިލެވުނީ މާޒިމް އަށެވެ. ފަހަދް ހުރީ ވަރަށް ހައިރާންވެފައެވެ. އުރުޖުވާން ފަދަ އަންހެން ކުއްޖަކާއި އަދި މިދިމާވީ އަލަށެވެ. ޝުކުރު އަދާ ނުކުރީތާ ހީވީ ފަހަދް އަކީ ބޮޑު ކުށެއް ކުރި މީހެއް ހެންނެވެ.

" ސޮރީ.....ޖަސްޓް ވޯންޓެޑް ޓު ހެލްޕް..."ފަހަދް އަމިއްލަ ނަފުސްގެ ދިފާއުގައި ބުނެލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ މާޒިމް އާއި ފަރަހް ތިބި ބެންޗާއި ކައިރިއަށް އާދެވިއްޖެއެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އިން މާޒިމް އަކަށް ރޭކާ ނުލިއެވެ. އުރުޖުވާން އަށް އަޑުއިވުނީ އެންމެ ތަންކޮޅެކެވެ.

" ކީޕް އިޓް އޭޒް އަ ސީކްރެޓް..." ފަރަހް ގާތުގައި ކަމެއް ސިއްރުކުރަން މާޒިމް ބުނެލިއެވެ. އެއީ ކޮންކަމެއްހެއްޔެވެ؟ ވަގުތުން އުރުޖުވާންގެ މުޅި މޫޑު ޚަރާބުވިއެވެ. ފަރަހްއަށް ފަހަދް ފެނުމާއެކު އަވަހަށް ބެންޗުން ތެދުވެ ފަހަދް ގެ އަތުގައި ހިފިއެވެ. ހީވީ އެތައް ދުވަހެއްކޮށްފައި އަލަށް ދިމާވީހެންނެވެ. އުރުޖުވާންވެސް ލަދުން މަރުވާވަރުވިއެވެ. ފަރަހް އާއި ފަހަދް ގެ ގާތްކަން ފެނިއެވެ. އެއީ އުރުޖުވާން އަށް ބީރައްޓެހި މަންޒަރުތަކެކެވެ.

"އަނހަ...އުރޫޖް...ފަހަދް އާއި އެކީ....." މާޒިމްގެ މޫނު މަތީން ފެންނަމުން ދިޔައީ ލުއި ހިނިތުންވުމެކެވެ. އުރުޖުވާން އަށް ވިސްނައިނުގަނެވެނީ މާޒިމް އެހާ އުފާ ވާންވީ ސަބެބެކެވެ. އެހެން ފިރހެނަކާއެކީ އައިތަން ފެނުމުން އެހިތަށް އެއްވެސް އަސަރެއް ނުކުރަނީ ބާއެވެ. އުރުޖުވާންގެ މޫނުން ހިތް ހަމަނުޖެހިފައި ހުރިކަން ވަރަށް ސާފުކޮށް މާޒިމް އަށް ކިޔައިލެވުނެވެ.

"ވާނެ ދޯ ދެން މިހާރު ދިމާވީމަ އެކީ ކަމެއް ކޮށްލަން....." ފަހަދް ޚިޔާލުދިނެވެ. އުރުޖުވާން އާއި އެކަނި ވެލަން ބޭނުންވެފައިވީ ނަމަވެސް ފަހަދް ގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. އެވަގުތު އެ ތަނަށް ވެރިވީ ނުތަނަވަސް ހިމޭންކަމެކެވެ. ވަޅިއަކުން ކަނޑައިލެވޭހާ ވަރަށް ހިމޭންކަން ފުންވިއެވެ. ތުނިކޮށް ވެހެން ފެށި ސްނޯ ބޯކޮށްލީވެސް އެވަގުތުގައެވެ. ހިމޭންކަމާއެކު ސްނޯގެ އެތިކޮޅުތައް އެންމެންގެ ގައިގާ ބޮސްދެމުން މައްލަވަ ކުރަމުން ދިޔައެވެ. އުރުޖުވާން އަށް ދުރުން ޒެލްޑާ ހަނާ އަޅާތަން ފެނުމުން ދުއްވައިގަނެވުނީ އެ ދިމާއަށެވެ. އުދަގޫ ޚިޔާލުތަކުން ފިލުމަށް ހިތް ބޭނުންވީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު