މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ކަނޑައެޅުމަށް މިހާރަށް ވުރެ ހަރުދަނާ މިންގަނޑެއް ބޭނުންކުރުމަށް ސިޑްސް ކޮންފަރެންސްގައި ގޮވާލުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އދ.އިން އިންތިޒާމުކޮށްގެން އަންނަ ހޯމަ ދުވަހު ފަށާ ސިޑްސް ކޮންފަރެންސްގައި ރައީސް ބަޔާން ދެއްވާނެއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ދަ ގާޑިއަން ނޫހަށް ލިޔުއްވި ލިޔުއްވުމެއްގައި ވަނީ، މޫސުމަށް ބަދަލު އައިސް، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރާއްޖެއަށް ނުރައްކާވެފައިވާ ކަމަށާއި ދިވެހިން އެ ކަންބޮޑުން ފާޅުކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ. ނަމަވެސް މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް މުއްސަނދި ގައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ބަލާއިރު، ރާއްޖޭގެ ކަންބޮޑުވުންތަކުގެ އަޑުނާހާކަން ހާމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ވަނީ ރާއްޖެ ފަދަ، ސިޑްސް ގައުމުތައް ކަމަށެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މަގުފަހިކުރާ ގޭސް ރާއްޖެއިން ޖައްވަށް ދޫކުރާ ނިސްބަތް އަރަނީ 0.003 ޕަސެންޓަށް ނަމަވެސް، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތިދާނެ ކަމަށް ބެލެވޭ އެއް ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ، ރާއްޖެ ފަދަ ގައުމުތަކަށް އެހީވުމަކީ މުއްސަނދި ގައުމުތަކުގެ ޒިންމާއަކަށްވީ ނަމަވެސް ސިޑްސްއަށް ލިބެނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަމުގެ 14 ޕަސެންޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެހީ ފޯރުކޮށްދޭއިރު މިހާރު ބަލަނީ ގައުމުތަކުގެ ގްރޮސް ނެޝަނަލް އިންކަމް (ޖީއެންއައި) އާއި ގްރޮސް ޑޮމެސިޓް ޕްރޮޑަކްޓް (ޖީޑީޕީ)އަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ސަބަބުން ގައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ރަނގަޅަށް ދައްކުވައިނުދޭ ކަމަށެވެ. މިސާލެއްގެ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ މިންވަރަށް ބަލައި، ރާއްޖެއަކީ ވެސް ކުރިއަރަމުންދާ އިގުތިސާދެއް ކަމަށް ކަނޑައެޅުމުން މި ގައުމަށް ލިބެން ޖެހޭ ބައެއް އެހީތަކުން މަހުރޫމުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފައިސާ ފޯރުކޮށްދޭ ގޮތާއި އިންޓްރެސްޓް ރޭޓް ކަނޑައަޅާ ގޮތާއި، ވިލުންވެރިކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޚަރަދުކުރާނީ ކޮން މަޝްރޫއުތަކަށްކަން ނިންމާ ގޮތަށް އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް ބަދަލު ނުގެނެސްފި ނަމަ، ސިޑްސްގައި ދިރިއުޅޭ އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލުމުގެ ނުރައްކާ އެބައޮތް،" ރައީސް ލިޔުއްވާފައިވެއެވެ.
ސިޑްސްގައި ޖުމްލަ 65 މިލިއަން މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. އެގޮތުން ރާއްޖެ ވެސް ހޫނުވާ މިންވަރާއި ގައުމަށް ވިއްސާރަވާ މިންވަރު އިތުރުވެ، ގެއްލުންތައް ބޮޑުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާ ގުޅުން ހުރި މަސައްކަތްތައް އިތުރުކުރެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ބުރިޖާއި ކޯސްވޭތަކުން ރަށްތައް ގުޅުވުމުން ތައުލީމާއި ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް އިތުރު މީހުންނަށް ލިބޭނެ މަގުފަހިވެ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މުޖުތަމައެއް ބިނާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ އިތުރުން، ސޯލާ ފަދަ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމުން ރާއްޖެއިން [އިޔާދަނުކުރެވޭ ހަކަތަ ބޭނުންކުރުމާ ދުރުވުމަށް] ކުރާ މަަސައްކަތުގައި ކުރިއަށްދެވޭނެކަން ޔަގީންކުރެވޭނެ. ނަމަވެސް އެއީ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން އެ އެހީ ފޯރުކޮށްދޭ ނަމަ،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ.
ސިޑްސް ކޮންފަރެންސްގައި، ގައުމުތަކަށް މާލީ އެހީ ދިނުމުގައި ބަލަން އާ މިންގަނޑެއް ހުށަހަޅަނީ އެހެންވެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މަލްޓިޑިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސް (އެމްވީއައި)އަކީ ގައުމުތައް އުފެދިފައިވާ ގޮތުން ދިމާވާ، މޫސުމީ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތައް ދައްކުވައިދޭނެ މިންގަނޑެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ލިޔުއްވުމުގައި ރައީސް ވަނީ، ތަފާތު ގައުމުތައް ހިމެނޭ ވޯލްޑް ބޭންކް ފަދަ އިދާރާތަކާއި މުސްތަގިއްލު ގައުމުތަކުން ވެސް އައު މިންގަނޑު ބޭނުންކުރުމަށް އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ.