ކުރިޔަށް އޮތް ޖޫން މަހުގެ 27ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ކަލްކީ AD2898"ގެ ޑައިރެކްޓަރު ނާގް އަޝްވިންއަށާއި ފިލްމުގެ ކްރޫއަށް އިންޑިއާގެ މެގަ ސްޓާ އަމީތާބު ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ.
އަމީތާބް ބައްޗަން މުހިއްމު ރޯލް ކުޅޭ މި ފިލްމަކީ، 2020ވަނަ އަހަރު އިއުލާނުކޮށް, ކޮވިޑް-19އިގެ ބަލިމަޑުކަމާ ގުޅިގެން ފިލްމުގެ މަސައްކަތް ފެށުން އެކި ފަހަރުމަތިން ވަރަށް ބޮޑަށް ލަސްވި ފިލްމެކެވެ. އަމީތާބްގެ އިތުރުން ސައުތު އެކްޓަރު ޕްރަބާސް އަދި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ލީޑް ރޯލް ކުޅޭ މި ފިލްމަކީ، ވަރަށް ބޮޑު ބަޖެޓެއް ހޭދަކޮށް އުފައްދާ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ.
ޑައިރެކްޓަރު ނާގު އަޝްވިން ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައިވާ ގޮތް ފުރިހަމަކަން ފާހަގަކޮށް އަމީތާބްގެ ބްލޮގްގައި ލިޔުނު މެސެޖުގައި ބުނެފައި ވަނީ، އިންސާނުންގެ ކެރެކްޓާތަކާ އެކު ފިލްމުން ތަޢާރަފުކުރި ރޮބޮޓް 'ބޫޖީ'ގެ ކެރެކްޓާ ވަރަށް ފުރިހަމަ ކަމަށެވެ. ޓެކްނޮލޮޖީގެ ދާއިރާއާ ފިލްމު "ކަލްކީ"އާ ގުޅުވާލުމުގެ ޚިޔާލު ގެނެސް ރޮބޮޓެއް ތައާރަފުކޮށް އޭގެ ރޯލް އެހާ ފުރިހަމައަށް ގެނެސްދިނުމުގެ ތަނަވަސް ޚިޔާލު ނާގް އަޝްވިންއަށް ލިބުނުގޮތާ މެދު ހައިރާންވާކަމަށް އަމީތާބް ވަނީ އަމިއްލަ ބްލޮގްގައި ލިޔެފައެވެ.
މި ފިލްމުގެ މަންޒަރުތަކެއް ޝޫޓުކުރިއިރު ފިލްމު ސެޓުގައި އަމީތާބަށް އަނިޔާވެ ފިލްމުގެ މަސައްކަތާ ދުރުގައި އަމީތާބު ވަރަށް ގިނަ ދުވަހު މަޑުކުރަން ޖެހުނެވެ. މިފަދަ ފިލްމުތަކުގައި މަސައްކަތް ކުރާއިރު ފަހުވަގުތު އެއިން ނުކުންނާނެ ނަތީޖާ އަކީ ކޮބައިކަން ނޭނގޭނެ ކަމަށާއި އެނގޭހާވެސް ކަމަކީ މިއީ ވަރަށް ބުރަކޮށް ހުރިހާ ތަރިން ވެސް މަސައްކަތްކުރި ފިލްމެއް ކަމަށް އަމީތާބު ވަނީ ބުނެފައެވެ.
ތަމަޅަ އެކްޓަރު ކަމާލް ހަސަންގެ އިތުރުން ބަތަލާ ދިޝާ ޕަޓާނީ މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމުގައި އަމީތާބް ކުޅޭ ކެރެކްޓާގެ ޚާއްސަ ޓީޒާއެއް މިދިޔަ މަހު ވަނީ ރިލީޒްކޮށްފައެވެ.