އީދަށް ލ. އަތޮޅުގައި ހަރުކުރި ލައިޓުތައް އަދިވެސް ނުނަގާ ދިއްލަނީ!

ލ. ގަމުގެ މަގެއްގައި އީދަށް ހަރުކުރި ލައިޓެއް ދިއްލާފައި --

ފިތުރު އީދުގެ މުނާސަބަތުގައި މާލެއާއި ރާއްޖޭގެ ރަށްތަކުގައި ކުލަގަދަ ލައިޓުތަކާއި ގިޑިގެތައް ހަރުކުރި އިރު، ލ. އަތޮޅުގައި ހަރުކުރި ލައިޓުތައް އަދިވެސް ނަގާފައެއް ނުވެއެވެ.

ލ. އަތޮޅުގެ އަވަށްތަކުގައި ހަރުކުރި ލައިޓުތައް އަދިވެސް ނަގާފައި ނުވާކަމަށާއި ގަވާއިދުން ލައިޓުތައް ދިއްލާކަމަށް ލ. އަތޮޅުން "ސަން"އާ ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ.

އެގޮތުން ގަމުގެ އިތުރުން އެ އަތޮޅު ފޮނަދޫގައި ވެސް ލައިޓުތައް ނަގާފައި ނުވާއިރު، މި ލައިޓުތައް ހުންނަނީ ރޭގަނޑު ދިއްލާފައެވެ.

މިކަމާ ގުޅިގެން ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ، ލ. އަތޮޅުގައި އީދަށް ހަރުކުރި ލައިޓުތަށް ނުނެގި ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ރަނގަޅު ވީހާ އަވަހަކަށް އެ ލައިޓުތައް ނަގަން ނިންމާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކައުންސިލުން އެ ނަގަން ޖެހެނީ. ކުންފުނިތައް، ފެނަކަ އާ ވާހަކަ ދައްކައިގެން. މޫސުން ގޯސްވެގެން ނުނެގިފައި އެހުރީ،" ޒަކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ލައިޓުތައް މިހާރު ނަގާފައި ވާކަމަށެވެ. އަދި ހުރިހާ ލައިޓެއް ނުވެސް ދިއްލާކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުން ގޯސްވެއްޖެ ނަމަ ލައިޓުތައް ނުނަގާ އަލްހާ އީދާ ހަމައަށް ބަހައްޓަން ވިސްނާ މޭރުމަކުން ޒަކީ ވާހަކަ ދެއްކެވިއެވެ. ނަމަވެސް، މުސުން ރަނގަޅު ވެއްޖެ ނަމަ ލައިޓުތައް ނަގާ އަލުން އަލްހާ ޢީދަށް ލައިޓު ހަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީ ތަކުގައި ވެސް ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ޝިއާރުތަކާއި އީދު ރަމްޒުކޮށްދޭ އެހެނިހެން މަންޒަރުތައް ފެންނަ ލައިޓްތައް ހަރުކުރިއެވެ. ނަމަވެސް، މި ރަށްތަކުގައި މިހާރު ވަނީ ލައިޓުތައް ނަގާފައެވެ.

އީދު ފާހަގަކުރުމަށް މާލެއާއި ރަށްތަކުގައި ލައިޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އިދާރާތަކާއި ވުޒާރާތައް ގުޅިގެން ކުރި މަަސއްކަތެކެވެ.

comment ކޮމެންޓް