މ. މުލަކުގައި އަނބު ގިނަވެ ހަލާކުވާތީ، އެ ރަށުން ގިނަ އަދަދަކަށް ލިބެން ހުންނަ އަނބުން ވިޔަފާރިކޮށްގެން މަންފާ ހޯދާނެ ފުރުސަތު ފަހިކޮށްދިނުމަށް މުލަކުގެ ރައްޔިތުން އެދެމުންދާ ވީޑީއޯ އެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އެސްއެސްޓީވީގެ ކްރޫއެއް މިދިޔަ ހަފުތާގައި މ. އަތޮޅަށް ކުރި ދަތުރުގައި މުލަކަށް ގޮސް، އެރަށުގެ އަނބުގަސްތަކުގައި އަނބު އަޅާފައި އޮތް މިންވަރު ދައްކުވައިދޭ ވީޑިއޯ ތައް ވަނީ ޢާންމުކޮށްފައެވެ. މި ދުވަސްވަރަކީ އެ ރަށަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަނބުއަޅާފައިވާ ދުވަސްވަރެއްކަމުން، ގިނަ ޢަދަދެއްގެ އަނބު ހަލާކުވެ ގޮނޑަށް އުކާލާފައިވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.
"ރަށުގެ ރައްޔިތުން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އަނބު އަޅާތީ، ރައްޔިތުންނަށް މަންފާއެއް ލިބޭނޭގޮތަށް އަނބު ބޭނުންކުރެވިދާނެ ފުރުސަތަކަށް އެ ރަށުގެ ރައްޔިތުން ތިބީ އެދިއެދި،" މުލަކު ރައްޔިތުންގެ ޝުއޫރުތައް ހާމަކުރަމުން އެސްއެސްޓީވީގެ ކްރޫގެ މެމްބަރަކު ސަން އަށް މަޢޫލޫމާތު ދިނެވެ.
މުލަކުގެ ރައްޔިތެއް ކަމަށްވާ އަހުމަދު ފައިސަލް (އީސަބެ) ބުނީ ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި މިއީ ރައްޔިތުން ކުރިއެރުވުމަށް ބޭނުންވާ މަސައްކަތެއް ކަމަށެވެ.
"މަދު ގެއެއްގައި އަނބު ގަހެއް ނެތި ދާނީ. އެހެންވީމަ އަޅުގަނޑު ބޭނުން ވިޔަފާރި ފުޅާކޮށްދެވޭނެ ގޮތެއް ހޯދައިދޭން. ކައިރީ ރިސޯޓަކަށްވެސް މާލެއަށްވެސް ބަޔަކު ގެނެސްގެން މިރަށުން އަނބު ގަނެގެން ގެންދިޔަޔަސް،" އީސަބެ ބުންޏެވެ.
މުލަކުގައި އަޅާ އަނބު މާލެ ގެންގޮސް ވިއްކުމުގައި ވެސް ދަތިތައް އެބަހުއްޓެވެ. އެރަށުގެ ރައްޔިތުން ބުނާގޮތުގައި ފެރީން އަންބު ފޮނުވަންޏާ ނާލަށް ބޮޑު އެއްޗެއް ދައްކަންޖެހެއެވެ. އަވަހަށް ހަލާކުވާ މޭވާއަކަށް ވާތީ، އަވަހަށް މާލެ ފޮނުވާލުމުގައި އުނދަގޫތައް އެބަހުއްޓެވެ. މުޅި އަހަރުވެސް ގިނައިން އަނބު ލިބޭތީ ރަށަށް ބޭނުންވާ މިންވަރަށް ވުރެ މާގިނައިން އަބަދުވެސް އެރަށަށް އަނބު ލިބެއެވެ.
އީސަބެ ބުނީ މިހާރު އަނބުގެ ފައިދާ ބޮޑަށް ނަގަނީ ވާ ކަމަށާއި އޭގެ އުނދަގުލުން ސަލާމަތްވުމަށް ގަސްގަހުގައި ދާ އަޅައިގެން ރައްކާތެރިކުރުމަކީ ކޮންމެ މީހަކަށް ކުޅަދާނަކަމެއް ނޫންކަމަށެވެ. އެހެންކަމުން، ވާލުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމުގައި އީސަބެ ބުންޏެވެ.
"ކައިރީގައި މިހުރި ރިސޯޓުތަކަށް ބޭރު ގައުމުތަކުން ގެންނަ މެންގޯ ޖޫސް ފުޅިފުޅިއަށްވުރެ މުހިއްމު ވާނެ އަޅުގަނޑުމެން އުފައްދާ ފްރެޝް އަނބު ގަނެގެން އަނބު ޖޫސް ފުރެޝްކޮށް ގިރާލާފައި ގެސްޓުންނަށް ދިނުން،" އީސަބެގެ ޚިޔާލު ހިއްސާކުރިއެވެ.
މުލަކަކީ 'މެންގޯ އައިލެންޑް'ގެ ގޮތުގައި ސިފަކުރަމުން އީސަބެ ބުނީ، ރަށުގައި އަޅާ އަނބުން ނަފާ ހޯދޭނެ ފުރުޞަތު ނެތުމުން ރައްޓެހިންނަށް ބަހާފައި ކޮންމެ ދުވަހަކު އެތައް އަނބެއް ގޮނޑަށް އުކާލަން ޖެހޭ ކަމަށެވެ.
މުލަކުގެ ކައުންސިލުން "ސަން"އަށް ބުނީ މުލަކު އަނބުން ވިޔަފާރި ކުރެވޭނެ ގޮތް ހޯދުމަށް ރިސޯޓުތަކާއި ސަރުކާރާއެކީގައިވެސް އެކިފަހަރުގެ މަތިން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އެދުމަކީ ވެސް އެ ރަށުގެ އަނބަށް ރަނގަޅު މާކެޓެއް ލިބި، ރަނގަޅު ގޮތުގައި މި މޭވާ ބޭނުންކުރެވުން ކަމަށް ބުންޏެވެ.
އަނބުން އުފައްދާ އެކި ބާވަތްތައް މިހާރުވެސް ރާއްޖެއަށް ބޭރުން އެތެރެކުރެއެވެ. އަނބު ޖޫސް، ޑްރައިޑް މެންގޯ، އަނބު ޖޭމް، އައިސްކްރީމް، ފަދަ އުފެއްދުންތަކަކީ ރަށު ފެންވަރުގައި ވެސް އުފެއްދިދާނެ ބާވަތްތަކެވެ. ކުޑަ އިންވެސްޓްމަންޓަކުން މި ވިޔަފާރިތައް ފެށޭނީ ރަނގަޅު މާކެޓެއް އޮވެއްޖެ ނަމައެވެ. މާކެޓް ހޯދައި، ވިޔަފާޜި ތަރައްޤީކުރުމުގައި ސަރުކާރާއި އަމިއްލަ ވިޔަފާޜިވެރިންގެ އިސްނެގުން މުހިއްމުކަމުގައި މުލަކު ރައްޔިތުން ދެކެއެވެ.
މުލަކުގެ ރައްޔިތުން ބުނީ ދުވާލަކު އެތައް ސަތޭކަ އަނބު ގޮނޑަށް އުކާލަން ޖެހުމަކީ ހިތްދަތި އިހުސާސް ކުރެވޭ ކަމެއްކަމަށެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމަކީ އެރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަނބު ތިޔާގި ދުވަސްވަރެކެވެ. މާލޭގެ ބާޒާރުގައި ވެސް އަނބުގެ އަގު އެހެން ދުވަސްވަރާ ޚިލާފަށް ހުރީ ހެޔޮކޮށެވެ. އަނބު ތިޔާގި ވުމާ ގުޅިގެން މީސް މީޑިއާގައި އަނބު ބޭނުންކޮށްގެން ތައްޔާޜުކުރާ ބާވަތްތަކުގެ ވާހަކަތަކާއި މަންޒަރުތައްވެސް ވަނީ ގިނަވެފައެވެ. މިގޮތުން މި ދުވަސްވަރު އެންމެ ބޮޑަށް ވައިރަލް ވެފައިވަނީ އޮށްފެޅޭ އަނބު، ލޮނާއި މިރުހާ އެކޮށްފައި ކޮތަޅަކަށް އަޅައިގެން އެ ތަޅައިގެން ތައްޔާރުކުރާ "ތެޅިއަނބު" ގެ ބާވަތެވެ.