މޫސުން ގޯސްވެ، ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު މިއަދު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މި ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.
މެޓް އޮފީހުން ބުނީ، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
މިއީ މި މަހުގެ ތެރޭގައި އޮރެންގު ސަމާލު ނެރުނު ހަވަނަ ފަހަރެވެ. އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެއަށާއި ރާއްޖޭގެ އުތުރަށް މޯސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑީރު މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެއެވެ. މި ސަރަހައްދަށް ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދު އެވްރެޖް ގޮތެއްގައި ވައިގަދަވާނެ ކަމަށާއި ވިލާގަނޑަކު ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ރާޅުގައި ހަ ފޫޓާއި ނުވަ ފޫޓާ ދެމެދު އުސްމިނަށް ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. އެގޮތުން، މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:30 އަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި ޖޫން އަދި ޖުލައި މަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.