މިދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، މާލޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ލިބުން ދަތިވެއްޖެއެވެ.
މާރުކޭޓުން "ސަން" އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން މާރުކޭޓަށް ދަނޑު ބިންތަކުގައި އުފައްދާ ތާޒާ މޭވާ އާއި ތަރުކާރީ ނުލިބޭ ކަމަށެވެ. އެގޮތުން، މިރުހާއި ދޮންކޭލާއި ބަރަބޯ އަދި ކަރާގެ އިތުރުން އަތޮޅުތަކުން ބާޒާރަށް ގެންނަ ތަރުކާރީއާއި މޭވާގެ ބާވަތްތައް ލިބުން ދަތިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކަނޑޫދޫ މީހެއް ބުނީ، ދަނޑުތަކުގައި ފެން ހެދިގެން ގޮސް، ދަނޑުތައް ހަލާކު ވެގެން ގޮސް، މިރުހާ އެއްޗެހި ލިބުން ވަރަށް ދަތި ވާހަކަ،" އޭނާ ބުންޏެވެ.
ބާޒާރަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކޮށް، އޭނާ ބުނީ ދިވެހި އުފެއްދުންތައް އެއް ވަރަކަށް ވެސް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ ކަމަށެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، ދަނޑުތަކުގައި ހައްދާ ބާވަތްތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން، މިއަދު ވެސް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ގަޑިއަކު 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހަވީރު 17:30އިން މިރޭ 20:30ގެ ނިޔަލަށް އޮރެންޖް ސަމާލު ނެރެފައެވެ.
މާލޭ ބާޒާރަށް ތަރުކާރީއާއި މޭވާ އެތެރެކުރާ އެއް ރަށްކަމަށްވާ ކ. ކާށިދޫއިން "ސަން"އަށް މައުލޫމާތު ދިން ދަނޑުވެރިއަކު ބުނީ، ވިއްސާރައިގައި ޖެހެމުންދާ ގަދަ ވައިގެ ސަބަބުން ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
"އަޅުގަނޑުމެންގެ ދަނޑުތަކުގައި ހައްދާފައި ހުންނަ ނިރު އެއްޗެހި ވެސް ބިންދައިގެން ގޮސް. ފަޅޯ ގަސް އެއްޗެހި ވެސް ބިންދައިގެން ގޮސް ވެއްޓެނީ،" އޭނާ ފާހަގަކުރިއެވެ.
އިތުރަށް މައުލޫމާތު ދެމުން ދަނޑުވެރިޔާ ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ފަތްކޭލާއި ފަޅޯ ދަނޑުތަކަށް ކަމަށެވެ.