ގަދަ ވިއްސާރައިގައި މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ކުރަމުންދާ ވިއްސާރައިގައި މަރަދޫ ފޭދޫ ޓިއުލިޕްމާ ގޭގެ ފުރާޅު ވަޔަށް އެއްލައިލުން -- ފޮޓޯ/ އެމްއެންޑީއެފް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު ވަޔަށް އެއްލާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ވަޔަށް އެއްލައިލީ މަރަދޫ ފޭދޫ ޓިއުލިޕްމާ ގޭގެ ފުރާޅު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މި ހާދިސާ ހިނގީ މިއަދު ހެނދުނު 11:59 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ރަށު "ޓިއުލިޕްމާ" ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން، އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެސް ބުނެފައިވެއެވެ.

މި ކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގުމާ އެކު ފުލުހުންނާއި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދު އިރު އޮއްސުނު ވަގުތު އައްޑޫ ސިޓީން ރުކެއް ވެއްޓުނު ކަމަށާއި، އެ ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވެފައިވެއެވެ.

މޫސުން ގޯސްވެ ފުވައްމުލަކާއި އައްޑުއަށް މިއަދު އޮރެންޖު އެލާޓް ވެސް ވަނީ ނެރެފައެވެ.

ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިން ވެސް ވަނީ އިރުޝާދުތަކެއް ނެރެފައެވެ.

ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ލަފާކުރެވޭނަމަ ކުރިއާލާ ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އިރުޝާދު ދީފައެވެ.

comment ކޮމެންޓް