10 އަހަރުގެ ކުއްޖެއްގެ ގައިމައްޗަށް ފާރެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް

ތ. ކަނޑޫދޫ --- ސަން ފޮޓޯ

ތ. ކަނޑޫދޫގައި ދިހަ އަހަރުގެ ފިރިހެން ކުއްޖެއްގެ ގައި މައްޗަށް ފާރެއް ވެއްޓި ބޮޑެތި އަނިތާކެއް ލިބިއްޖެއެވެ.

އެރަށު ކައުންސިލުގެ ނައިބު ރައީސް އިލްޔާސް މަހްމޫދު ވިދާޅުވީ، ހަވީރު ކުޅެންއުޅުމަށް ފަހު ހިނގާފައި ދަނިކޮށް އެކުއްޖާ ގައި މައްޗަށް ފާރު ވެއްޓުނީ 5:30 ހާއިރު ކަމަށެވެ.

އެގޮތުން، މި ހާދިސާގައި އެ ކުއްޖާގައި ފަޔަށާއި އަތުގެ އިތުރުން މޫނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ހާދިސާގައި، އެންމެ ބޮޑަށް އަނިޔާވީ ފައިގެ ކުޑަހުޅަށް ކަމަށެވެ.

"އުނަގަނޑުން ތިރި ކަމަށް އަޅުގަނޑަށް ބެލެވެނީ ލިބިފައި ހުރި އިންޖަރީތަކަށް ބަލާއިރު،" އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ، އެކުއްޖާއަށް މިހާރު އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ކުއްޖާގެ ހާލު އެހާ ގޯސް ނޫން ކަމަށެވެ.

މި ވަގުތު އެ ރަށު ސިއްޙީ މަރުކަޒުގައި ޓެސްޓުތައް ހެދެން ނެތުމުން ކުއްޖާގެ ހަށިގަނޑުގެ އެތެރެއަށް ގެއްލުން ލިބުނުކަން ކަށަވަރު ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، މޫސުން ތަންނުދޭތީވެ، އިތުރު ފަރުވާއަށް އެހެން ތަނަކަށް ދެވެން ނެތްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މަދުން ނަމަވެސް މި ފަދަ ހާދިސާތައް ހިނގައި، އެކި ވަރުގެ އަނިޔާތައް މީހުންނަށް ލިބިފައި އެބަހުއްޓެވެ.

މިއަދު ހަވީރު ވެސް ވަނީ ބޯވާރެޔާއި، ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ އެޕޯލޯ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ ސޭފްޓީ ފެންސް ވެއްޓިފައެވެ. އެކަމަކު، މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް