ވާނަން އެކުގައި... 32

ފުލުފުލުގައި ފޯނަށް މެސެޖުތަކެއް އަންނަން ފެށުމުން، ނިދަން އޮތް ލިޝާއަށް ފޯނަށް ނަޒަރު ހުއްޓައިލަން މަޖުބޫރުވިއެވެ. ފޯނު ބަލައިލުމާއިއެކު ލިޝާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ކަޅި ޖަހާވެސްނުލައި ދެލޯ ބޮޑުކޮށްގެން ފޯނަށް ބަލަން އޮތީ ބިރެއް ފެނުމުން ބަލާހެންނެވެ.

**********

"އަކްރަމް؟..." ފޯނަށް އަރާފައި އޮތް ނަން ލިޝާ ކިޔައިލީ ވައި އަޑުންނެވެ.

ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުގެ ހަރަކާތް ލަހެވެ. މެސެޖު ހުޅުވާލިއިރުވެސް ފުލުފުލުގައި މެސެޖުތައް އަންނަމުން ދިޔައެވެ. އަކްރަމަށް ރާއްޖެ އާދެވުމުން އެކަން ލިޝާއަށް އަންގައިލީއެވެ. ހަޑިހުތުރު ބަސްތަކުން މުހާތަބުކޮށް، ލިޝާއަށް އެތައް އިންޒާރެއް ދީފައި އޮތެވެ.

ލިޝާ ފޯނު ބޭއްވީ އަކްރަމްގެ މެސެޖުތަކާއި ފޯނުކޯލުތައް ހައްދުފަހަނައަޅާ ދިޔުމުންނެވެ. އެއް ނަންބަރުން ނުގުޅޭގޮތް ހެދުމުން، އަނެއް ނަންބަރުން ގުޅާ، ލިޝާއަށް ފުރައްސާރަ ކުރަން ފެށިއެވެ. ކެތްނުވެގެން ލިޝާ ފޯނު ނިވައިލިއެވެ. ބާލީހުގައި ބައްދާލުމާއިއެކު ލިޝާގެ ދެލޮލަށް ޖަމާވީ ތާޒާ ކަރުނައެވެ. އާރިޒާއިމެދު ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އަކްރަމްފަދަ މީހެއްގެ އަތްދަށަށް ލިޝާ ދިޔަދިނީ ކީއްވެ ހެއްޔެވެ؟ މުޅި ހަޔާތް ބަރުބާދުކޮށްލާފައި މިހާރު އެކަމަށް މާފަށް އެދުމުގެ ބޭނުމެއް ނެތެވެ. ލިޝާގެ ކޯތާފަތުގައި ބީހިލާފައި ހޫނު ކަރުނަތައް ހިނދެމުން ދިޔައީ ބާލީހަށެވެ. އެ ބާލީސްވެސް ލިޝާގެ ހިތާމައިގައި ބައިވެރިވެ، ކަރުނަތަކަށް މަރުހަބާކިޔާ ކަހަލައެވެ.

"ހުރިހާ މީހުންގެ ތެރެއިން އާރި އަހަންނާ ދޭތެރޭ އެހެން ކަންތައް ކުރީމަ އަހަރެން ހާދަ ދެރަވެޔޭ... ދުނިޔޭގެ އެންމެން ކެހިދިނަސް، އާރި އެކަހަލަ ކަމެއް ކުރާނެކަމަށް އަހަރެން ހިއެއް ނުކުރަން... އަހަރެން ހާދަ އިތުބާރެއް ކުރީމޭ..." ލިޝާ ހިތާއިހިތުން ވާހަކަ ދެއްކިއެވެ. ޝަކުވާ ކުރިއެވެ. ހިތަށް ކުޑަވެސް ތަސައްލީއެއް ލިބުނީ އާރިޒްއާއިއެކު ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅުތަކުގެ ހަނދާން އައުވުމުންނެވެ.

********

"އަހަރެން ހިއެއް ނުކުރަން އަންކަލް އެއީ ތިކަހަލަ މީހެއް ކަމަކަށް..." އަތުގައި އޮތް ބޯޅަ ފާރާއި ދިމާއަށް ހޫރައިލަމުން މާނަވް ވާހަކަ ދެއްކިއެވެ. "ކީއްވެތަ މޫނުގަ ޖެހީ؟... ދުވަހަކުވެސް އަންކަލް ކުރިކަމެއް ނޫނެއްނު އެއީ..."

އާރިޒް އޮތީ އެނދުގައި އޮށޯވެލައިގެން، މުޅި ގައިގައި ރަޖާ އަޅައިގެންނެވެ. ލޯ ހުޅުވާލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. މާނަވް ސޯފާގައި އޮވެ، ފާރުގައި ބޯޅަ ޖަހައި ބޯޅަ ހިފަމުން ދިޔައެވެ. އާރިޒް އެއްޗެއް ނުބުނުމުން މާނަވް ކުރަން އޮތް ކަންތައް ހުއްޓާލާފައި ސޯފާއިން ތެދުވިއެވެ. ސޯފާގައި އިށީނެވެ. ފައި ދަމާލާފައި އާރިޒްގެ ބަނޑުގައި ފައިން ކޮއްޓައިލިއެވެ. އެވަރުންވެސް އާރިޒް ގުޑިއެއް ނުލިއެވެ.

"ދެން ތިހެން ނޯވެ އެއްޗެއް ބުނެބަލަ..." ޝަކުވާގެ ރާގަކަށް މާނަވް ބުނެލިއެވެ. "އަހަރެން މިތަނަށް ގެނައީ ތި ހިތް ހުޅުވާލަންކަމަށް ހީކުރީ... ނޫނީ ތިއޮތީ މިޖާ ގައުމު ދޫކޮށް ދިޔާމަ އެކަމާ ހިތާމަކުރާށޭ އަހަރެން ބުނާނީ...."

"މާން..." ފުން ނޭވާއެއް ދޫކޮށްލަމުން އާރިޒް ގޮވައިލިއެވެ. "މިއޮއް ހުރިހާ ދުވަހު އަހަންނަށް ކުރެވުނީ ކުށްހީއެއް... އަހަންނަށް ލިޝްއަށް އަނިޔާ ދެވުނީ އެ ކުށްހީގެ ސަބަބުން..."

އާރިޒް ވީގޮތް ކިޔައިދިނުމުން މާނަވް ވެސް އިނީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އީސައަކީ އެހެން މީހުންގެ ކުރިމަތީގައި ނަމޫނާ ފިރިއެކެވެ. އޯގާތެރި ބައްޕައެކެވެ. އެކަމަކު އެއީ ފަރުދާގެ ފުރަގަހުގައި މުޅީން އެހެން މީހެކެވެ.

********

އިންޑިޔާގެ މީޑިޔާތައް ތިލަކޮށްލީ މަޝްހޫރު ވިޔަފާރިވެރިޔާ އީސަ ހައްޔަރު ކުރެވުނު ހަބަރުންނެވެ. ބައެއް މީޑިޔާތަކުން އީސަ ހައްޔަރުކުރެވުނު ވަގުތުކޮޅުގެ ތަސްވީރުތަކާއި ވީޑިޔޯތައް ދައްކަން ފެށިއެވެ.

ސުމާ ދުވެފައި ގެއަށް ވަންއިރު، ނައީމާއި މަދީހާ ތިބީ ސިޓިންގްރޫމުގައި އޮލަ ވާހަކައެއްގައެވެ. ސުމާ ފެނުމުން ދެމީހުން ވާހަކަ ހުއްޓައިލިއެވެ.

"ދައްތާ!... ކޮބާ ލިޝް؟..." ސުމާ ހުރީ ހިތް އަވަސްވެފައެވެ.

"ކޮޓަރީގަ އެބައުޅޭ... ދެންމެ އެއައީ ސްކޫލުން..." މަދީހާ ޖަވާބުދިނެވެ.

"ހާދަ އަވަސްއަރުވާލާފަ... ސައިކަލު ތަޅުދަނޑި ހޯދަންތަ ތިއައީ؟... އެއޮތީ ތަޅުދަނޑި..." ޓީވީ ރެކްމަތީގައި އޮތް ތަޅުދަނޑިއަށް އިޝާރާތް ކުރަމުން މަދީހާ ބުންޏެވެ.

"ލިޝް ބަލާ މިއައީ ކޮފީއަކަށް ދާންވެގެން..." ސުމާ އޮޅުވާލިއެވެ.

ސުމާ ދޮރުގައި ޓަކި ޖަހައިލުމުން ލިޝާ ދޮރު ހުޅުވިއެވެ. މެންދުރުގެ ވަގުތު ސުމާ އައިސް ހުރިތަން ފެނުމުން ލިޝާ ހުރީ ހައިރާންވެފައެވެ. އެއީ އޭގެ ކުރިން ސުމާ އެގެއަށް އައިސް އުޅޭ ގަޑިއެއް ނޫނެވެ.

"ހިނގާބަލަ އަހަންނާއެކީ ބޭރަށް..." ސުމާ އެދުނެވެ.

ދެމީހުން ބޭރަށް ނުކުމެގެން ދިޔަތަން ބަލަން އިން މަދީހާއަށް ނައީމާއި ދިމާއަށް ބަލައިލެވުނެވެ. ދެމީހުން ދައްކަމުންދިޔަ ވާހަކައާއި ސުމާމެންނާއި ގުޅުމެއް ވާނެއޭ މަދީހާގެ ހިތް ބުންޏެވެ.

"އަހަންނަށް ހީވަނީ އެމަންޖެ އެއައީ ލިޝާ ކައިރީ އެވާހަކަ ބުނަން ހެން..." މަދީހާ ބުނެލިއެވެ.

"ތިހެން އަހަރެންވެސް މި ހިތަށް އަރަނީ..." ނައީމުވެސް އިނީ އެކަމާއި ވިސްނާށެވެ.

"އަހަރެންވެސް ވަރަށް ދެރަވޭ އެސޮރަށް އެހެން ދިމާވީމަ..." ހަމްދަރުދީ އެކުލެވިފައިވާ ރާގަކަށް މަދީހާ ބުންޏެވެ. "އެއްކޮޅުން މަންމަ، އަނެއްކޮޅުން ބައްޕަ... އެކުއްޖާ ހާދަ އެކަނިވާނޭ..."

"މިއޮއް ހުރިހާ ދުވަހު އަހަރެން ހީކުރީ އަމިއްލައަށް މަރުވީކަމަށް... އީސަ އެވަރުގެ ވިޔާނުދާކަމެއް ކޮށްފާނެކަމަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން..." ނައީމު ހިންދިރުވައިލީ ހިތިގޮތަކަށެވެ.

މަދީހާ ނައީމުގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. މަޑުމަޑުން ފިރުމައިލިއެވެ.

********

"ދެން ބުނެބަލަ، ކޮންތާކު ރޯވީތަ؟..." އާދައިގެމަތިން ސުމާއާއި ވާހަކަ ދައްކާ މަޖާ ރާގުގައި ލިޝާ އަހައިލިއެވެ.

ސުމާ ދެކޮޅު ހޯދައިލާފައި ލިޝާ ގޮވައިގެން މަގުގެ އެއްފަރާތަކަށް ޖެހިލިއެވެ.

"އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ..." ސުމާ ބުންޏެވެ.

"ބުނީމެއްނު އަކްރަމްގެ އުނދަގޫ ޖެހިގެން ފޯނު ނިވާލީއޭ... އަދިވެސް އޮންނާނީ ނުހުޅުވާ..." ލިޝާ ތަފްސީލް ދިނެވެ.

"ދެން އެކަމަކު ދޯ... މީހަކު ބޮޑު ކަމެއް ޖެހިގެންވެސް ގުޅާފާނެއެއްނު..." ސުމާ ކުދިކިޔެވެ.

"ދެން މިހާރު މިއޮތީ ދިމާވެފައެއްނު... ބުނެބަލަ ވީގޮތް..." ލިޝާ އެދުނެވެ.

ސުމާ ލިޝާގެ އަތަށް އޭނާގެ ފޯނު ލައިދިނެވެ. ފޯނު ބަލައިލުމާއިއެކު ލިޝާއަށް ފެނުނީ ކުޑަކޮށްވެސް އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫނެވެ. އީސަގެ އަތުގައި ބިޑި އަޅުވައިގެން ގެންގޮސް ފުލުހުންގެ ވެހިކަލަށް ވައްދާއިރު، އާރިޒް އިސްޖެހިފައި ހުރި މަންޒަރު އެ ވީޑިޔޯއިން ފެންނަން ހުއްޓެވެ. ނޫސްވެރިން އާރިޒް ވަށާލައިގެން ތަފާތު ސުވާލުތައް ކުރަމުންދާއިރު، ލައިގެން ހުރި ހޫޑީއިން ބޮލާއި މޫނު ނިވާކުރެވޭތޯ އާރިޒް މަސައްކަތް ކުރަމުން ދިޔައެވެ. ލިޝާއަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ.

ލިޝާ ގެއާއި ދިމާއަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެފައި އޭނާ އަވަހަށް ފޯނު ނެގިއެވެ. އަކްރަމް ގުޅި ދުވަހުން ފެށިގެން ލިޝާ ފޯނު ނިއްވާލާފައި އޮތުމުން، ފޯނުގައި ޗާޖެއް ނެތެވެ. ސުމާއާއި ދެމީހުން ބައްދަލުވެ ވާހަކަ ދެއްކޭތީ، ފޯނުން ގުޅައިގެން ވާހަކަ ދައްކާނެ އިތުރު މީހަކު ނުހުންނާތީ، ފޯނު ހުޅުވުން ލިޝާއަށް މުހިއްމު ކަމަކަށް ނުވީއެވެ.

ފޯނު ޗާޖުވެލަން ނެގި ވަގުތުކޮޅުވެސް ލިޝާއަށް ހީވީ ގަރުނެއް ފާއިތުވެގެން ދިޔަ ހެންނެވެ. ފޯނު ހުޅުވުނެވެ. އާރިޒްގެ ނަން ޖެހުމުން ނަންބަރުވެސް ފެނުނެވެ. ލިޝާއަށް ނުލިބުނީ ގުޅާނެ ހިތްވަރެވެ. މެސެޖެއް ލިޔުނެވެ. ދިގުހެން ހީވެގެން މެސެޖުން ބައެއް އުނިކުރިއެވެ.

"ކިހިނެއް؟..." ލިޝާ މެސެޖު ފޮނުވައިލިއެވެ.

މެސެޖު ދިޔަކަން އެނގެން އޮތެވެ. ފާއިތުވަމުންދާ ކޮންމެ ސިކުންތެއް ލިޝާގެ ހިތް އަވަސްކުރުވައެވެ. އާރިޒް މެސެޖެއް ނުހުޅުވައެވެ. ގިނައިރުވަމުންދިޔަ ވަރަކަށް ލިޝާގެ ހިތް ވަސްވާހުން ފުރެން ފެށިއެވެ. ހިތް ޝައްކުވާން ފެށިއެވެ. އާރިޒް އަމިއްލަ ނަފުސަށް ގެއްލުމެއް ދީފާނެ ހެއްޔެވެ؟ ކުރީ ރެއަކު އެފަދަ ހުވަފެނެއްވެސް ލިޝާއަށް އޮތީ ފެނިފައެވެ.

ލިޝާއަށް އާރިޒްގެ ހަބަރެއްވީ ދެދުވަސް ފަހުންނެވެ. އާރިޒްގެ ފޯނުން ލިޝާއަށް ގުޅީ މާނަވްއެވެ. ލިޝާ ފޯނު ނެގިއިރު މާނަވް ހުރީ ކަންބޮޑުވެފައެވެ.

"ލިޝާ ދޯ؟..." މާނަވް ޔަގީންކުރިއެވެ. "މީ އާރިގެ ފްރެންޑެއް... މާނަވް..."

"އާރިއަށް ކަމެއްވީތަ؟..." ލިޝާ ވަރަށް ބިރުންހުރެ ސުވާލުކުރިއެވެ.

"އާރި އެކްސިޑެންޓެއްވެގެން ހޮސްޕިޓަލުގަ..." މާނަވް ތަފްސީލް ދިނެވެ.

"އޭނ؟..." ލިޝާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ހިނދުކޮޅެއްވެސް ނުނެގިއެވެ.

********

އެއާޕޯޓު ރަންވޭގައި ބޯޓު ޖެއްސުމާއިއެކު، ލިޝާ ދަބަސްތައް ނަގައި، ބޯޓުން ނުކުންނަން ތައްޔާރުވިއެވެ. ލިޝާ އެދަތުރު ކުރަން މަދީހާ އެއްބަސްވީ ސުމާއާއި ޝަފާޒު ލިޝާއާއި އެކުގައި ދާން އެއްބަސްވުމުންނެވެ. އިންޑިޔާގައި ކަންތައް ވީގޮތުން ލިޝާ އެކަނި ފޮނުވަން މަދީހާ ހިތްބިރުގަންނާތީއެވެ.

"އިހަށް އިށީނދެބަލަ... ބޯޓު އަދި ނުވެސް ހުއްޓެއޭ..." ސުމާ ލިޝާގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. "ލިޝްއަށް ކަމެއް ވެއްޖެއްޔާ މަދީހައްތަ މަ ކާލާނެ..."

ލިޝާއަށް ގޮނޑީގައި ރަނގަޅަށް ނުވެސް އިނދެވެއެވެ. ދެފައި ތަޅުވާލަ ތަޅުވާލާ އިންދާ ބޯޓު ހުއްޓުނެވެ. ދޮރު ހުޅުވުނީ އިރުކޮޅެއް ފަހުންނެވެ. މީހުންތައް ތެދުވެގެން އަވަހަށް ނުކުތުމަށް ބޮނޑިވެގަތެވެ. އަވަހަށް ދާން ބޭނުންވި ނަމަވެސް ލިޝާއަށް ފުރުސަތު ލިބުނީ އެތައް އިރަކު މަސައްކަތް ކޮށްގެންނެވެ.

ފިނި ދުވަހެކެވެ. މާހަލުގެ ފިނިކަމާއި ގުޅެނީ އާރިޒްގެ ފޮނި ހަނދާންތަކެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުތަކެވެ. ޓެކްސީއެއްގައި މާނަވް ބުނި ހޮސްޕިޓަލް ކައިރިއަށް ދިޔައިރު، އިންތިޒާރުގައި މާނަވް ހުރީ ބޭރަށް ނުކުމެއެވެ.

"ވޯޑް ވަން ފިފްޓީ ސެވަން..." ލިފްޓުން ނުކުމެ ކުރިމަތީގައި ހުރި ވޯޑު ދައްކައިލަމުން މާނަވް ބުންޏެވެ.

ލިޝާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިއެވެ. އެހެން މީހުން ބޭރުގައި މަޑުކުރީ ލިޝާ ބޭނުންވާ ވަގުތު ދޭށެވެ. އެނދުގައި މީހަކު އޮތެވެ. އެއް އަރިމަތިން ފޮތިގަނޑު ދަމާފައި ހުރުމުން މޫނެއް ނުފެނެއެވެ. އެމީހެއްގެ ގަޔަށް ގުޅާފައިވާ މެސެންތަކުގެ އަޑު އިވިއިވި ހުއްޓެވެ. ލިޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ހިތުގައި ޖެހުނުވަރުން ކަރުނަތައް ހުއްޓުވާނެ ހިތްވަރުވެސް އޭނާއަށް ނުލިބުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު