އައްސޭރި ސަރަހައްދަށް ދިރުން ގެނުވުމުގެ މަގުސަދުގައި ދުބާއީގައި 100 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި ކުޅިއެއް އުފެއްދުމުގެ ހާއްސަ މަޝްރޫއެއް އިއުލާނުކޮށްފިއެވެ.
"ދުބާއީ މެންގްރޫވް"ގެ ނަމުގައި އިއުލާނުކޮށްފައިވާ މި މަޝްރޫއަކީ ދުބާއީގެ އައްސޭރި ސަރަހައްދަށް ދިރުން ގެނެސް ކުޅިއެއްގެ އެހީގައި މޫދާއި އަތިރި ސަރަހައްދު ރައްކާތެރިކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫއެކެވެ.
މި ކުޅިއަކީ ދުބާއީގެ ޝޯލައިން ސަރަހައްދުގައި އުފެއްދުމަށް ނިންމާފައިވާ ކުޅިއަކަށްވާއިރު މި ކުޅީގެ ދިގުމިނުގައި 70 ކިލޯމީޓަރު ހުންނާނެއެވެ. މި މަޝްރޫއު ވެގެންދާނީ އައްސޭރި ސަރަހައްދު އަލުން ދިރުވުމަށް ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ. މި ފެންވަރުގެ އިތުރު މަޝްރޫއެއް އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މި މަޝްރޫއު އިއުލާނުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރެޓް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ ޔޫއާރުބީ އިންނެވެ. މި ކުންފުންޏަކީ އިޔާދަ ކުރަނިވި ތަރައްގީއާ ގުޅޭ ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތައް ހިންގާ ކުންފުންޏެކެވެ.
މި ކުންފުނީގެ ފައުންޑަރު ބަހަރާޝް ބަގީރިއަން ބުނާގޮތުގައި މިހާރު މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާއިރު އަދި ކުރިއަށް ދަނީ ދިރާސާތަކުގެ މަސައްކަތެވެ.
އަދި، މި މަޝްރޫއާ ގުޅޭ ޕައިލެޓް ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަ ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. މި މަޝްރޫއު ފުރިހަމަ ވާނެ ކަމަށް ލަފާކުރެވެނީ 2040 ހާ ހިސާބުގައި ކަމަށް އޭނާ ފާހަގަކުރެއެވެ.
މި ކުޅި ފުރިހަމަވުމާ އެކު ކޮންމެ އަހަރެއްގެ މަތީން ދުބާއީގެ ވައިން 1.2 މިލިއަން މެޓްރިކްގެ ކާބަންޑައިއޮކްސައިޑް ދަމައިގަންނާނެއެވެ. މިއީ ދުބާއީގެ ވައި ސާފުކޮށް ދެމެހެއްޓުމަށްޓަކައި އިސް ރޯލެއް ކުޅޭނެ ޕްރޮޖެކްޓެއް ކަމުގައި އޭނާ ފާހަގަކުރެއެވެ.
ކުޅިތަކަކީ ހަމައެކަނި ވައި ސާފުކުރުމުގެ އިތުރުން ގިނަ މަސައްކަތް ކުރާ އެއްޗެކެވެ. އެގޮތުން، ރަށުން ވެލި ގިރުން ކޮންޓްރޯލް ކުރުމުގެ އިތުރުން ބޮޑެތި ރާޅު އެރުން ހުއްޓުވުމުގައި ވެސް ކުޅިތައް އިސް ރޯލެއް އަދާކުރެއެވެ.