އުތުރު ކޮރެއާގައި ތުންފަތުގައި ރަތްކުލަ ޖެއްސުން މަނަލީ ކީއްވެގެންކަން އެނގޭތަ؟

ރަތް ކުލައިގެ ލިޕްސްޓިކް ބޭނުންކުރުމަކީ އުތުރު ކޮރެއާގައި ޤާނޫނީ ކުށެއް--ފޮޓޯ/މޭކަޕްޓިއުޓޯރިއަލްސް


އާދަޔާ ޚިލާފު ޤާނޫނުތައް ގެންގުޅުމުގައި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އުތުރު ކޮރެއާއަކީ އަމަލުކުރަން އުނދަގޫ ތަފާތު އުސޫލުތަކެއް ތަންފީޒުކުރަމުން އަންނަ ޤައުމެކެވެ.

އެ ޤައުމުގައި ރައްޔިތުން ބޯލަނބަންޖެހޭ ގިނަ ޤާނޫނުތަކެއް ހުރިއިރު ފެޝަނާ ގުޅުންހުރި ޤާނޫނުތައް ވެސް އޭގެތެރޭގައި ހުރިކަން ރިޕޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ މަޝްހޫރު ފެޝަން އަދި ކޮސްމެޓިކްސް ބްރޭންޑްތައް ބޭނުންކުރުން އުތުރު ކޮރެއާގައި މަނާކޮށްފައި ވާއިރު ފެޝަނާ ގުޅުންހުރި ޤާނޫނުތަކަށް ބޯނުލަނބާ މީހުންނަށް އެ ޤައުމުގައި ވަރަށް ހަރުކަށި އަދަބުވެސް ދެއެވެ.

ހާއްސަކޮށް ރަތް ކުލައިގެ ލިޕްސްޓިކް އެ ޤައުމުގައި ބޭނުން ކުރުމަކީ ޤާނޫނީ ވަރަށް ބޮޑު ކުށަކަށް ވާއިރު ރަތް ކުލައިގެ ލިޕްސްޓިކް ބޭނުންކުރުން ވަނީ ވަރަށް ހަރުކަށި ޤަވާއިދުތަކަކާ އެކު މަނާކޮށްފައެވެ.

ހައިރާންވާ ކަމަކީ އެ ޤައުމުގައި ރަތް ކުލައިގެ ލިޕްސްޓިކް ބޭނުންކުރުން މަނާކުރެވިފައި ވަނީ ހަމައެކަނި ފެޝަން ރެގިއުލޭޝަނެއްގެ ގޮތުގައި ނޫންކަމަށް ވާތީއެވެ.

އެއާ ޚިލާފަށް ރަތް ކުލައިގެ ލިޕްސްޓިކް ބޭނުންކުރުން މަނާކުރެވިފައި ވަނީ އެ ޤައުމުގެ ޑިކްޓޭޓަރުންގެ ފިކުރުގެ ތެރޭގައި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ޤާނޫނުތަކަކާ ފުށު އަރާތީ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރަތް ކުލައިގެ ލިޕްސްޓިކަކީ އަންހެންކުދިންގެތެރޭ މަގުބޫލު ކުލައަކަށް ވިޔަސް އުތުރު ކޮރެއާ އަންހެންކުދިންނަށް އެ ކުލަ ބޭނުމެއް ނުކުރެވޭ--ފޮޓޯ/ޓެޓްލައޭޝިއާ
ރަތް ކުލައަކީ މިނިވަންކަން ރަމްޒުކޮށްދޭ ކުލައެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވޭއިރު އުތުރު ކޮރެއާއިން ޤަބޫލުކުރާ ގޮތުގައި ރަތް ކުލައިގެ ލިޕްސްޓިކް އަޅައިގެން ތިބޭ އަންހެނުންގެ ހިތްގައިމު ކަމާހުރެ އެ ޤައުމުގައި ޒަމާނުއްސުރެ ހިފަހައްޓަމުން އައި އަޚްލާޤީ މިންގަނޑަށް ލޮޅުން އަރާނެއެވެ.

އުތުރު ކޮރެއާގެ ސަރުކާރު މައިގަނޑު ގޮތެއްގައި ހިނގަނީ ކޮންޒަވޭޓިވް ފިކުރުގެ މައްޗަށް ކަމަށްވާތީ އެ ޤައުމުގެ އެންމެ މަތީ ލީޑަރު ކިމް ޖޮން އުން ނިންމަވާފައި ވަނީ ރަތް ކުލައިގެ ލިޕްސްޓިކް ބޭނުންކުރުމުގެ ބަދަލުގައި ވަރަށް ސާދާ މޭކަޕެއް އަންހެނުންނަށް ކުރެވޭނެ ޤާނޫނެއް ތަންފީޒު ކުރުމަށެވެ.

ރަތް ކުލައިގެ ލިޕްސްޓިކް ޖެއްސުމުގެ އިތުރުން އިސްތަށިގަނޑު ދިގުކޮށް ބޭއްވުމަކީ ވެސް އުތުރު ކޮރެއާގައި ހުއްދަކަމެއް ނޫން--ފޮޓޯ/ޕިންޓްރެސްޓް
ޓައިމްސް ނައުއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާގައި ފެޝަން އަދި ކޮސްމެޓިކްސްއާ ގުޅިގެން ތަންފީޒުކޮށްފައިވާ ޤާނޫނުތަކަށް އަންހެނުން ބޯލަނބާތޯ ބެލުމަށް އެކަމަށް ޚާއްސަ ކުރެވިފައިވާ އިދާރާއަކުން ރޫޓިންގް ޗެކްއަޕްތައް ކުރިޔަށް ގެންދެއެވެ.

އޭގެތެރެއިން ޤާނޫނަށް ބޯނުލަނބާ މީހުންނަށް ބޮޑެތި އަދަބުތައް ދޭއިރު ނޯތު ކޮރެއާގައި އަންހެނުންގެ އިސްތަށިގަނޑު ސްޓައިލް ކުރުމުގައި ވެސް ވަކި ހާއްސަ އުސޫލުތަކެއް ގެންގުޅެއެވެ.

އެގޮތުން އިސްތަށިގަނޑު މާބޮޑަށް ދިގުކޮށް އެއްވެސް ގޮތަކަށް ސްޓައިލް ކުރުމަކީ އަންހެނުންނަށް ހުއްދަކަމެއް ނޫނެވެ. އިސްތަށިގަނޑުގައި ކުލަ ޖެއްސުން އެ ޤައުމުގައި މަނާކުރެވިފައި ވާއިރު ފިރިހެނުންނަށް އިސްތަށިގަނޑު ސްޓައިލް ކުރެވެނީ އެންމެ ދިހަ ވައްތަރަކަށެވެ.

އަދި އަންހެނުންނަށް 18 ވައްތަރަކަށް އިސްތަށިގަނޑު ސްޓައިލްކުރުމުގެ ހުއްދަ ދެވިފައިވާއިރު ސްޓައިލްކުރާނެގޮތް ވެސް ކަނޑައަޅަނީ ސަރުކާރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު