މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މާދަމާ ބާއްވާ އުފާ ފެސްޓިވަލްގައި އުރީދޫގެ ފަރާތުން ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
އެގޮތުން މާދަމާ ހަވީރު 4:00 ގައި ވޯޓާ ފަން ހަރަކާތް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ. ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން މި ހަރަކާތް ކުރިއަށް ގެންދާއިރު އާއިލާތަކާއި ކުޑަކުދިންނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ މި ހަރަކާތުގައި ކޮންމެ ކުއްޖަކު ވެސް އަމިއްލަ ފެން ބަޑިއެއް ހިފައިގެން އައިސް ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
އެއަށްފަހު މާދަމާ ރޭ އުރީދޫން މޫވީ ނައިޓެއް ބާއްވާއިރު، 'ވުޑީ ވުޑްޕެކާ ގޯޒް ޓު ކޭންޕް' ބަލައިލުމަށް އާއިލާއާ އެއްކޮށް ސެންޓްރަލް ޕާކަށް ޒިޔާރަތް ކުރުމަށް އުރީދޫން ވަނީ އެދިފައެވެ.
މޫވީ ނައިޓަށްފަހު ހަވާ އަރުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލްގެ ހަރަކާތްތައް މިއަދު ފަށާފައިވާއިރު، މިއަދު ކުރިއަށް ގެންދިޔައީ ވާހަކަ ކިޔުމާއި ކުޑަކުދިންނަށް ޚާއްސަ ކޭކު ފެޅުމާއި ސްޓޯލް ހަރަކާތްތަކާއި އެކި ކުޅިވަރުތަކެވެ. އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ވެސް މި ހަރަކާތުގައި ބައިވެެރިވެފައިވެއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންދަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި އުރީދޫ ގުޅިގެންނެވެ.