00:20
އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވާފައިވާ އަލީ ރަޝީދު އުމަރަށް ރުހުން ދޭން ނުފެންނަ ކަމަށް އެ ނަން ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، އަލީ ރަޝީދަށް ރުހުން ދޭނީ އޭނާއާ ކުރައްވާ އިންޓަވިއުއިން އެވްރެޖް 75 މާކްސް ލިބުމުން ކަމަށް ކޮމިޓީގެ މެމްބަރުން ކުރިން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އެކަމަކު އަލީ ރަޝީދަށް ލިބިވަޑައިގަތީ 62 ޕަސެންޓު ކަމަށާއި އޭނާއަށް އެންމެ ދަށުން މާކްސް ލިބިވަޑައިގެންނެވީ އިންޓަގްރިޓީ ނުވަތަ މިނިވަން މުސްތަގިއްލު ކަމުގެ ބައިން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ އިލްޔާސް ލަބީބު މިއަދު ވިދާޅުވީ، އަލީ ރަޝީދު އޮޑިޓާ ޖެނެރަލް ކަމަށް އައްޔަންކުރުމަށް ރުހުން ދިނުމާ އަދި ނުދިނުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައިނުވާނެ ކަމަށެވެ. އަދި އަލީ ރަޝީދަށް ރުހުން ދޭން ނުފެންނަ ކަމަށް ބުނެ، ކޮމިޓީގެ މުގައްރިރު މީގެ ދެ ދުވަސް ކުރިން ރިޕޯޓެއް ފޮނުއްވާފައި ވަނީ، މި މައްސަލައާ ގުޅޭ ގޮތުން ކައުންސިލާ ޖެނެރަލްގެ ލަފައެއް ހޯއްދެވުމަށް ހުށަހަޅުއްވުމަށް އެންމެ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމަވާފައި ވަނިކޮށް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ، މާލިއްޔަތު ކޮމިޓީން ނިންމާފައިނުވާ ކަމެއް ނިންމި ކަމަށް ބުނެ، ކޮމިޓީގެ މުގައްރިރު ރިޕޯޓެއް ނެރުއްވާ، އަދި އެ ވާހަކަ މީޑިއާގައި ދައްކަވާތީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމަކީ، ނާޒިމާ މެދު ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. މި މައްސަލައާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވެސް ވިދާޅުވީ، އިލްޔާސް ވިދާޅުވެފައިވާ ގޮތަށް އަލީ ރަޝީދަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީގައި ބަހުސްތަކެއް ކުރެވެމުންދިޔަ ކަމަށެވެ. އަދި އަލީ ރަޝީދަށް މަދުވެގެން ލިބިވަޑައިގަންނަވަން ޖެހޭ އެވްރެޖް މާކްސް ނުލިބޭތީ، އެކަމާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓަށް އެހުމަށް ވެސް ހުށަހެޅުނު ކަމަށެވެ. އެހެން ނަމަވެސް، އެކަން ނުކުރައްވާ ކަމަށާއި އަދި ކައުންސިލަރު ޖެނެރަލްގެ ލަފައެއް ވެސް ހޯއްދަވާފައިވާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ނާޒިމް ވިދާޅުވީ، ކޮމިޓީން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި އިންޓަވިއު އިން އަލީ ރަޝީދަށް ލިބިވަޑައިގަންނަވަން ޖެހޭ އެވްރެޖް މާކްސް ނުލިބުމުން، އެމްޑީޕީން ބޭނުންވާ ގޮތަށް އެކަން ނުވުމުން، މިހާރު މަސައްކަތްކުރަމުންދަނީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަންތައް ކުރުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެހެން އެކަން ކުރެވޭނެ އުސޫލެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ މެމްބަރުންނަށް ނާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.