ވާނަން އެކުގައި... 30

"އެންމެ ރަނގަޅު... ތިބުނާގޮތުންވިއްޔާ ކުރިކަމެއް ކުރީ އަހަރެންތާ... އަހަރެންގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް..." ނައީމު ބުނެލިއެވެ.

********

ނައީމު ތެދުވެގެން ދިޔުމުންވެސް އާރިޒް އެތައް އިރަކު ވިސްނަން އިނެވެ. ވާހަކަ ދެއްކިއިރު، ނައީމުގެ ދެލޮލުން މަކަރުވެރިކަމުގެ ކުޑަވެސް އަސަރެއް ނުފެނެއެވެ. އެ އަޑުގައިވި ޔަގީންކަން އޭނާ ދެއްކި ވާހަކައިގެ ތެދުކަން ހާމަކޮށްދެއެވެ. އާރިޒްގެ ހިތަށް އުނދަގޫކުރިއެވެ. އެހުރިހާ ދުވަހު ކުރެވުނީ ކުށްހީއެއްބާއޭ ހިތަށް އެރިއެވެ. އެހެންވެއްޖެނަމަ، ބޭއިންސާފުން އޭނާއަށް ކިތައް މީހުންނަށް އަނިޔާ ދެވިއްޖެ ހެއްޔެވެ؟

ސައިކަލުން ވެއްޓުނުގޮތުން ސުމާ އޮތީ ނުތެދުވެވިފައެވެ. ސައިކަލު އޮތީ އޭނާގެ އެއްފައި މަތީގައެވެ. އެއިން ހިސާބަކުންވެސް މީހަކު ފެންނާކަށް ނެތެވެ. އިރުއޮއްސި އަނދިރިވެފައިވާތީ، ސުމާ އެތަނުގައި އޮތް ތަން މީހަކަށް ފެންނާނީވެސް ނުހަނު ކައިރިއަށް އައުމުންނެވެ. ގިނައިރެއްނުވެ ސައިކަލެއްގެ އަލި ސުމާގެ ގަޔަށް އެޅުނެވެ.

ޝަފާޒަށް ފެނުނީ އަންހެންކުއްޖަކު ވެއްޓިފައި އޮއްވައެވެ. ސައިކަލުން ފައިބައިގެން އެކުއްޖާގެ ކައިރިއަށް ދެވުނުގޮތްވެސް އޭނާއަށް ނޭނގުނެވެ. ސުމާ ކަން އެނގުނީ، އެކުއްޖާގެ ކައިރިއަށް ތިރިވެ، މޫނަށް ބަލައިލުމުންނެވެ. ޝަފާޒް އަވަހަށް ސައިކަލު ނެގިއެވެ. އޭގެ ހަރުޖައްސާފައި، ސުމާގެ ކައިރިއަށް ތިރިވިއެވެ. ޝަފާޒް ފެނުމުން ސުމާ އޮތީ ލަދުން ލޯ ހުޅުވާލަންވެސް ނުކެރިފައެވެ. ޝަފާޒް ފައިގައި އަތްލުމުން ތަދު ފިލައިގެން ގޮސް، މޫނު ރަތްވެގެން ދިޔައެވެ. މާހައުލު އަނދިރިކޮށް އޮތުން އެއީ ސުމާގެ ނަސީބެވެ. ނޫންނަމަ، އޭނާގެ ހިތް އެއްކޮށް އެވަގުތު ޝަފާޒަށް ފެނުނީހެވެ.

"ފައި ވަރަށް ބޮޑަށް މަށައިގެން ގޮއްސަ މިއޮތީ..." ސުމާގެ ފައި ބަލައިލަމުން ޝަފާޒް ބުންޏެވެ. "ހިނގާ އަވަހަށް މަރުކަޒަށް ދަމާ..."

"ނޫން..." ސުމާ ތެދުވަން އުޅުނެވެ.

"އެކަނި ތެދުވެވޭނެތަ؟..." އޯގާތެރި ރާގަކަށް ޝަފާޒް އަހައިލިއެވެ.

ސުމާ ބޯޖަހައިލިއެވެ. އެކަމަކު، އެކަނި ތެދުވެވޭގޮތެއް ނުވިއެވެ. ޝަފާޒްގެ އެހީއަށް އެދޭކަށް ނުޖެހުނެވެ. އެއަށްވުރެ ކުރިން ޝަފާޒް ސުމާ އަތުލަފިކޮށްގެން ގެންގޮސް އޭނާގެ ސައިކަލު ފަހަތަށް އެރުވިއެވެ.

"ބާރަށް ހިފަހައްޓައިގެން އިންނައްޗޭ!..." ޝަފާޒް އެދުނެވެ.

ޝަފާޒްގެ ގައިގައި ދެއަތް ވަށާލެވުމުން ސުމާއަށް ކުރެވުނީ އޭގެ ކުރިން ދުވަހަކުވެސް ކުރެވިފައިނުވާފަދަ އުފާވެރި އިހުސާސެކެވެ. އެހާ ގައިގޯޅިކޮށް ތިބެ، ދެމީހުން އެކުގައި ސައިކަލު ދުއްވާލެވިދާނެކަމަކަށް ސުމާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ޝަފާޒް ސައިކަލު ދުއްވީ ބަލައިގެން ވަރަށް މަޑުންނެވެ.

ރަށުގެ ސިއްހީމަރުކަޒާއި ހަމައަށް ދެވުނުލެއް މާ އަވަސްހެން ސުމާއަށް ހީވިއެވެ. ސުމާ އެތެރެއަށް ވެއްދީ، ޝަފާޒް އަތުލަފިކޮށްގެން ހުރެއެވެ. ބޭސްއަޅާ ނިންމާފައި ސުމާ ގެއަށް ގެންދިޔައީވެސް ޝަފާޒެވެ.

"ކިހިނެއްވީ؟...." ސިޓިންގްރޫމުގައި ހުރި ސުމާގެ ދައްތައަށް ފެނުމުން ކަންބޮޑުވެފައި ސުވާލުކުރިއެވެ.

"ސައިކަލު ކަހާލީ ދޯ؟..." ޖަވާބުދިނީ ޝަފާޒެވެ. "ބޭސްއަޅައިގެން މިއައީ... މާބޮޑަށް ހަލާކުވެފައެއް ނެތް.... ކަށިގަނޑަށްވެސް ކަމެއް ނުވާކަމަށް ޑޮކްޓަރު ބުނީ... ރެސްޓްކޮށްލީމަ ރަނގަޅުވެދާނެ..."

ސުމާ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭއްވީވެސް ޝަފާޒެވެ. ޝަފާޒްގެ އޯގާތެރިކަން ފެނި ސުމާގެ ހިތް އިތުރަށް ފިދާވިއެވެ. ސުމާގެ ދައްތަވެސް ހުރީ ޝައްކުގެ ނަޒަރަކުން ޝަފާޒަށް ބަލަހައްޓައިގެންނެވެ. އޭގެ ކުރިން ދުވަހަކުވެސް ސުމާ ފިރިހެނަކާއިއެކު އުޅެނިކޮށް އޭނާއަށް ފެނިފައެއް ނުވެއެވެ. ސުމާގެ ދައްތަ ދެކުނީ އެއީ ހެޔޮފާލެއްގެ ގޮތުގައެވެ.

"ދައްތާ!... ދެން ގޮސްލީއޭ... މިއޮތީ ސުމާގެ ބޭސްކޮތަޅު..." ޖީބުން ނެގި ބޭސްކޮތަޅު ސުމާގެ ދައްތަގެ އަތަށް ދީފައި ޝަފާޒު ނުކުމެގެން ދިޔައީއެވެ.

"އަނެއްކާ ތިދެމީހުން..." ސުމާގެ ދައްތަގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ސުމާ އެކަމަށް އިންކާރު ކުރިއެވެ.

"މީހަކު ހެލްޕެއްވާއިރަށް ދައްތަގެ ހިތް ޝައްކާ ވަސްވާހުން ފުރޭނެ... އަންހެންކުދިންގެ ވެސް ފިރިހެން ރައްޓެހިން ތިބޭނެއެއްނު..." ސުމާ ބުނެލިއެވެ.

"އެކަމަކު ސުމާ އެކުއްޖާއަށް ބެލިގޮތް ދައްތައަށް ފެނުނޭ... ހިއްސުތައް ހަމައަށް ހުރި ކޮންމެ މީހަކަށްވެސް ތިހިތް ފެންނާނެ..." ސުމާގެ ދައްތަ ހުރީ ދިމާކުރާހިތްވާ ކަހަލަ މޫޑެއްގައެވެ.

********

ލިޝާ އުޅޭގޮތުން މަދީހާ ހުރީ ހިތަށް އުނދަގޫވެފައެވެ. ބަދިގެތެރޭގައި އެތައް އިރެއްވީއިރުވެސް މަސައްކަތް ހުއްޓައެއް ނުލައެވެ. ކަމަކާ ދެރަވެއްޖެނަމަ، ކޮންމެވެސް މަސައްކަތެއް ކުރުމަކީ ލިޝާ އަބަދުވެސް ކުރާ ކަމެކެވެ. މާބޮޑަށް ދެރަވެއްޖެނަމަ، އެހެން މީހުންނަށް އުނދަގޫވާ ވަރަށްވެސް މަސައްކަތް ކޮށްފާނެއެވެ. ދަރިފުޅުގެ ހިތާމަތައް މަދީހާއަށް ސިއްރެއް ނުވެއެވެ. ކަރުނައަޅައި ނުރުއިކަމުގައިވިޔަސް މެއެވެ.

ކެތްނުވެގެން މަދީހާ ބަދިގެއަށް ވަނެވެ. އާއްމުކޮށް ލިޝާ ކަމަކާ ދެރަވެއްޖެނަމަ، މަދީހާ އެކުއްޖާއަށް ވަގުތު ދެއެވެ. އެކަމަކާ ބެހޭގޮތުން ސުވާލުކޮށެއް ނަހަދައެވެ. އެކަމަކު، އެއީ ރަނގަޅު ގޮތެއް ނޫންކަން މަދީހާއަށް ވިސްނުނެވެ. އެފަހަރު ދަރިފުޅާއި ދުރުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"ދަރިފުޅާ!..." މަދީހާ ގޮވާލީ ނުހަނު ލޯބިންނެވެ.

"މަންމާ!.... މި ކުކުޅުކޮޅު ރަހަބަލާލަދީބަލަ..." މަދީހާ ވާހަކައެއް ފެށުމުގެ ކުރިން، ލިޝާ އެދުނެވެ.

މަދީހާ އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. ލިޝާގެ ދިރިއުޅުމުގައި އުފާވެރިކަމެއްނުވަނީ އޭނާގެ ސަބަބުންހެން ހީވެ، އަމިއްލަ ނަފުސު ކުށްވެރިކުރިއެވެ. ހުރިހާ ކަމެއް ފެށުނީ ލިޝާގެ ކައިވެންޏަށްފަހުގައެވެ. ލިޝާ އެކައިވެނި ކުރީ މަދީހާގެ އެދުމަށެވެ. ވީއިރު، އޭގެ ފަހުން ދިމާވި ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީވެސް މަދީހާ ނޫންހެއްޔެވެ.

"މަންމައަށް މާފުކުރޭ ދަރިފުޅާ!..." މަދީހާއަށް ރޮވެން ފެށުނެވެ.

ލިޝާގެ ހަރަކާތް ހުއްޓުނެވެ. މަދީހާއަށް ބަލައިލުމާއިއެކު، ލިޝާ ކުރަމުން އައި ހިތްވަރު އެލުނެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ. ނުރޯން ލިޝާ އެތައް މަސައްކަތެއް ކުރިއެވެ. އެކަމަކު، މަދީހާގެ އަތުގެ ހިމާޔަތް ލިބުމުން، ބަޑި ފަޅައިގެން ދިޔައެވެ. ދެމައިން އެތައް އިރެއް ވަންދެން ރުޔެވެ.

ކާގެ ދޮރުމަތީގައި ހުރި ނައީމަށް ފާރުގައި ލައްވެލެވުނެވެ. އެހުރިހާ ކަމެއް ދިމާވީ އިސްލާމްދީނުގެ ރިވެތި އާދަތަކުގެމަތިން ހަނދާން ނައްތާލެވުނީމައެވެ. ކައިވެންޏެއްގެ މަތީގައި ހުރެ ހިލޭ އަންހެނަކު ހަޔާތަށް ގެނެވުނީމައެވެ. ކުރެވޭ ނުބައި ކަންތައްތަކުގެ ޝަޒާ ދުނިޔެމަތީގައިވެސް ލިބެއެވެ. ނައީމަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

********

"ދެން ތިހެން އިނަސް ވާނެ ފައިދާއެއް ނޯންނާނެ..." ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިން އާރިޒްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލަމުން މާނަވް ބުނެލިއެވެ. "އަހަރެން މިއައީ އާރިގެ ހުރިހާ އެއްޗެއް އަހަރެން އުޅޭ ކޮޓަރިއަށްލާފަ.... ހިނގާ ދަތުރު އަވަސްކުރަން... ދެން މިކޮޅުގަ ތިބުމުގެ ބޭނުމެއް ނެތެއްނު..."

"ހުރިހާވެސް މައްސަލައަކީ އަހަރެން..." އާރިޒް ތަކުރާރުކޮށް ބުނަމުން ދިޔައީ އެންމެ ޖުމުލައެކެވެ.

"ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއޭ..." މާނަވް މަސައްކަތްކުރީ އާރިޒަށް ވިސްނައިދޭށެވެ.

ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އާރިޒް ތެދުވިއެވެ. ކޮޓަރިއަށް ވަންގޮތަށް އާރިޒް ނެގީ އޭނާގެ ލެޕްޓޮޕެވެ. އާރިޒް އެޅުވީ ސީސީޓީވީ ފުޓޭޖެކެވެ. އެއީ އޭނާގެ މަންމަ ނިޔާވި ރޭ ހޮޓެލްގެ ސީސީޓީވީ ކެމެރާއަށް ރެކޯޑުވެފައިވާ މަންޒަރުތަކެކެވެ. ނައީމު ނުކުމެގެންދިޔަފަހުން އީސަ އެ ކޮޓަރިއަށް ވަންނަ މަންޒަރު ފެނެއެވެ. ދޮރުގައި ޓަކި ޖެހުމުން އެތެރެއިން ހުޅުވާ މަންޒަރު ސީސީޓީވީއަށް އަރާފައި ހުއްޓެވެ. އިރުކޮޅެއްފަހުން އީސަ ނުކުތްއިރު، އަތުގައި ކޮތަޅެއް އޮތެވެ. އެކަމާއިމެދު އާރިޒަށް ކުރިން ވިސްނާނުލެވުނީ ކީއްވެ ހެއްޔެވެ؟ ނައީމު ބުނިހެން އޭނާގެ މަންމަގެ ވަކިވެދިޔުމުގެ ފަހަތުގައި ހުރީ އީސަ ހެއްޔެވެ؟ އާރިޒްގެ ހިތް ހީވީ ހުއްޓުނު ހެންނެވެ.

"ދަތުރު އަވަސްކޮށްދީ!...." އާރިޒް އެދުނެވެ.

********

އާރިޒް ފުރައިގެން ދިޔަކަން ލިޝާއަށް އެނގުނީ ސުމާ ބުނީމައެވެ. ލިޝާގެ ހިތަށް ތަދުވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އޭނާ އާރިޒްދެކެ ވާ ލޯތްބަށް ބަދަލެއް ނާންނަނީ ކީއްވެ ހެއްޔެވެ؟ ލިޝާއާއި ގާތްވާން ޝަފާޒް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވުމުން، އުއްމީދުކަނޑައިލިއެވެ. ދެރަވާ ކޮންމެ ވަގުތަކު ޝަފާޒުގެ ހިތް ހަމައަކަށް އަޅުވައިދޭ މީހަކަށް ވީ ސުމާއެވެ. ސުމާއާއި ވާހަކަ ދައްކާލެވުމުން ޝަފާޒްގެ ހިތަށް ހަމަޖެހުން ލިބެއެވެ. ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ރަނގަޅުވަމުންނެވެ.

އާދައިގެމަތިން ލިޝާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ފޯނުގެ އިސްކްރީނުން ފެންނަމުންދިޔަ އާރިޒްގެ ތަސްވީރަށެވެ. އާރިޒް ސޯސަލްމީޑިޔާއަށް ދޫކޮށްލާފައިވާ ކޮންމެ ތަސްވީރެއް ލިޝާ ބެލިއެވެ. ފަށުވި އިބާރާތްތަކުން ލިޔެފައިވާ ލިޔުންކޮޅުތައް ކިޔާލުމުން، އޭނާއަކީ އުފާވެރި މީހެއް ނޫންކަން އެނގެއެވެ. ލިޝާ ދެރަވިއެވެ. ހަޔާތުގެ އެންމެ މުހިއްމު ދުވަސްވަރު މަންމައަކާއި ނުލައި އުޅުމަކީ ކިހާ ހިތްދަތި ކަމެއް ހެއްޔެވެ؟ އެ ހިތްދަތިކަމުގައި ކޮންމެފަދަ ނުބައި ފިޔަވަޅެއްވެސް އެޅިދާނެއެވެ. ލިޝާއާއި ދޭތެރޭގައިވެސް އެފަދައިން ކަންތައްކުރި ސަބަބު އޭނާއަށް ވަރަށް ސާފެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިންދެކެ އިންތިހާއަށް ލޯބިވާނެއެވެ. ދެރަގޮތް ހަދާ މީހުންނަށް ނަފުރަތު ކުރެވޭނެއެވެ. އާރިޒް ހަމަމަގުން ކައްސައިލީ ވިސްނައިދޭން ކައިރީގައި މަޔަކު ނެތުމުންނެވެ. އެއީ ލިޝާ ވިސްނިގޮތެވެ.

ލިޝާ ފޯނު އެނދުމަތީގައި ބާއްވަން އުޅުނު ވަގުތު ފޯނަށް ފިތުނެވެ. ފޭސްބުކްއިން އާރިޒަށް "ފްރެންޑް ރިކްއެސްޓް" ފޮނުވުނެވެ. ލިޝާއަށް އެކަން ނޭނގުނީ ލޯ މަރާލައިގެން އޮތީމައެވެ.

އާރިޒް އިނީ އެނދުގައި އިށީނދެލައިގެންނެވެ. ކައިރީގައި އޮތީ، ސީސީޓީވީ ފުޓޭޖުން އީސަ އެދުވަހު އޭނާގެ މަންމަ އުޅުނު ކޮޓަރިން ނެރުނު ކޮތަޅެވެ. އެކޮތަޅު އޮތީ އީސަގެ ކަބަޑުގައި ފޮރުވާފައެވެ. އާރިޒަށް އެ ހޯދަން ފަސޭހަވީ، ގެ ބަދަލުވި ދުވަހު އީސަ އެކޮތަޅު ފޮރުވަނިކޮށް ފެނިފައިވާތީއެވެ.

ކޮތަޅުން ނެގި، ފަތްޖަހާފައި އޮތް ކަރުދާސްގަނޑަށާއި ގަހަނާތަކަށް އާރިޒް ބެލީ ފަރުވާތެރިކަމާއިއެކުގައެވެ. އެއީ އޭނާގެ މަންމަގެ އެއްޗެއްސެވެ. އީސަ ބުނިގޮތުންނަމަ، ނައީމު އުޅުނީ އޭނާގެ މަންމަގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައެވެ. މަންމަ މަރާލުމަށްފަހު، އެ މަންމަގެ ގަހަނާތައް ހިފައިގެން ނައީމު ފިލީއެވެ. އެވަރުގެ ބޮޑު ދޮގެއް އީސަ ހެދީ ކީއްވެ ހެއްޔެވެ؟

އާރިޒް ގަހަނާތައް އެނދުމަތީގައި ބެހެއްޓިއެވެ. ކަރުދާސްގަނޑު ހުޅުވައިލިއެވެ. ގިނަދުވަސްވުމުގެ ސަބަބުން ކަރުދާސްގަނޑުގެ ކުލަ ވަނީ ބަދަލުވެފައެވެ. އެއީ އީސައަށް އޭނާގެ މަންމަ ލިޔެފައިވާ ސިޓީއެކެވެ. ސިޓީގެ ފުރަތަމަ އިބާރާތް ކިޔާލުމާއި އެކުވެސް އާރިޒްގެ ހިތް ފޮތިފޮތިވިއެވެ. މަންމަގެ ހިތްދަތި ދިރިއުޅުން އެންމެ ޖުމުލައަކުން އޭނާއަށް އެނގި ހާމަވިއެވެ. ސިޓީ ކިޔަމުންދިޔަ ވަރަކަށް އާރިޒްގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު