ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތީ ވިއްސާރަ

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އަންނަ ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށާ ކަމަށެވެ. އޭގެ ފަހުން، މި މޫސުމުގައި ކުރާ ވިއްސާރައިގެ އަސަރު، މެދު ރާއްޖޭގެ އަތޮޅުތަކަށް ކުރަން ފަށާ ކަމަށް މެޓުން ބުންޏެވެ.

މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށާއި މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ ދެކުނަށް ކުރަން ފެށީ އިއްޔެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މާލޭގައި ފެންބޮޑުވެފައި -- ސަން ފޮޓޯ/ މުހައްމަދު މާވީ

މެޓުން ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުނު ކަމަށެވެ.

"މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެންދޭ," މެޓް އޮފީހުން ބުންޏެވެ.

އެއާއެކު، ހުޅަނގު ދެކުނާއި ހުޅަނގާއި ދެމެދަށް ގަޑިއަކު 10 ނޯޓިކަލް ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހުނު ކަމަށް މެޓު އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ވަނީ މިއަދު ހަވީރު 16:00އިން 22:00ގެ ނިޔަލަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ދުވަސްވަރަކީ ސުކޫޅު ބަންދު ދުވަސް ވަރަކަށް ވުމާއެކު، އެކި ބޭނުންތަކުގައި ގިނަ ބަޔަކު އަންނަނީ ކަނޑު ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް